Roadha Mihaaru
އަލުން ވެރިކަން ހޯދުމުގައި ފަހަތަކަށް ނުޖެއްސުނު:ނަޝީދު

ފެބުރުއަރީ 8 އަކާ ގުޅުވައި ނަޝީދު ވިދާޅުވީ "ފަހަތަކަށް ނުޖެއްސުނު" ކަމަށް

08 ފެބުރުއަރީ 2020

އެމްޑީޕީގެ ވެރިކަން ފެބުރުއަރީ، 7، 2012، ގައި ނިމުމާ އެކު ޖެހިގެން އައި ދުވަހު އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ކުރިއަށް ނެރުނު އަޒުމުން އަލުން އަނބުރާ ވެރިކަން ހޯދުމުގައި އެމްޑީޕީ ފަހަތަކަށް ނުޖެއްސުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ވެރިކަން ފެބުރުއަރީ، 7، 2012، ގައި ނިމުމާ އެކު ޖެހިގެން އައި ދުވަހު އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ކުރިއަށް ނެރުނު އަޒުމުން އަލުން އަނބުރާ ވެރިކަން ހޯދުމުގައި އެމްޑީޕީ ފަހަތަކަށް ނުޖެއްސުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވެރިކަމުގައި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރުމުން އޭރުގެ އިދިކޮޅު ޕާޓީތަކުން ދިގުދެންމި މުޒާހަރާތަކާ ގުޅިގެން ފެބުރުއަރީ، 7، 2012 ގައި ހިންގި ހަމަނުޖެހުންތަކުގައި އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވީ އެވެ. އެއާއެކު ޖެހިގެން އައި ދުވަހު މުޅި އެމްޑީޕީ މަގުމައްޗަށް ނުކުތެވެ.

އެމަނިކުފާނު އިސްތިއުފާ ދެއްވައި ނައިބު ރައީސަކަށް އޭރު ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމުގެ ހުވާ ކުރެއްވި ފެބުރުއަރީ 7 ވަނަ ދުވަހާ ގުޅުވައި ނަޝީދު އިއްޔެ ޓުވީޓް ކުރެއްވީ، އެ ދުވަހާ ގުޅިގެން ހަދާފައިވާ ލަވައިގެ ތަންކޮޅެކެވެ. އެއީ، "މަ ޗިސްޗިސްކޮށްލިއަސް، މަ ފިސްފިސްކޮށްލިއަސް ނެތޭ ވެވޭކަށް ބާޣީއަކަށް" ލަވަ އެވެ.

އެ ހާދިސާ އަށް މިއަދު އަށް އަހަރު ފުުރުމާ ދިމާކޮށް އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓުގައި، ފެބުރުއަރީ، 8، 2012، ގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަނދާންތައް އާ ކޮށްދެއްވައި ވިދާޅުވީ އެ މަޖިލީހުގެ ނިންމުމަކީ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށެވެ. އަދި އަލުން އަނބުރާ ވެރިކަން ހޯދަން ވީ ވައުދާ އެކު މަގުތަކަށް ނުކުތް އެތައް ބަޔަކަށް ނުހަނު އަނިޔާ ކުރި ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް އޭރުވެސް އަޅުގަނޑުމެން ބުނީ އެމްޑީޕީއެއް އިރާދަފުޅުން ފަހަތަކަށް ވެސް ނުޖެއްސޭނެ، ފިކުރެއް ވެސް ނުފޮހޮވޭނެ، އަޒުމެއް ވެސް ނުގުޑާނެ" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓް

އެމްޑީޕީން އެ ދުވަހު މަގުމައްޗަށް ނުކުތުމުން، އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ގޮތުން ގިނަ ބަޔަކަށް ފުލުހުން ތަޅައި އަނިޔާކުރި އެވެ. މި ވާހަކަ ނަޝީދުގެ ޓުވީޓުގައި ފާހަގަކުރެއްވި އިރު، އެމްޑީޕީގެ މެމްބަރުން ނުކުމެ ރަށްރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގައި ހުޅުޖަހައި އަންދާލައި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް މައްސަލައިގައި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

އައްޑު އާއި ގދ. ތިނަދޫ ހިމެނޭ ގޮތުން ސަރުކާރުގެ ގިނަ މުއައްސަސާތަކުގައި އެ ދުވަހު ރޯކޮށްލި އެވެ. އެ މައްސަލައިގައި ގިނަ ބަޔަކު ޖަލު ހުކުމް ތަންފީޒުކުރަން ވެސް ޖެހުނެވެ.

އެމްޑީޕީގެ ވެރިކަން ވައްޓާލީ މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ ބައިވެރިވުމާ އެކު "ބަޣާވާތަކުން" ކަމަށް އެ ޕާޓީން ބުނި ނަމަވެސް އެ ހާދިސާ ތަހުގީގު ކުރި ނެޝަނަލް އިންކުއަރީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ވެރިކަން ވެއްޓާލީ ބަޣާވާތަކުން ނޫން ކަމަށެވެ. މި ރިޕޯޓް އެމްޑީޕީން ގަބޫލެއް ނުކުރެ އެވެ.

ނޭޝަނަލް އިންކުއަރީ ކޮމިޝަނުން މައިގަނޑު ހަތަރު ކަމެއް ބަލާފައިވެ އެވެ. އެއީ ޖެނުއަރީ 14، 2012 އިން ފެށިގެން ފެބްރުއަރީ 8 އާ ދެމެދު ރާއްޖޭގައި ސިޔާސީ ކަންކަމާއި ވެރިކަން ބަދަލުވި ގޮތުގެ އިތުރުން ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރުކުރުމުގެ ތެރެއިންތޯ އާއި ވެރިކަން ބަދަލުވީ ގާނޫނާ އެއްގޮތައްތޯ ވެސް އެ ކޮމިޝަނުން ބެލި އެވެ.

ހަ މަސްދުވަހުގެ މަސައްކަތަށް ފަހު އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތް ކަމަށެވެ. އަދި ރައީސްކަމާ މުހައްމަދު ވަހީދު ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. މި ރިޕޯޓަށް އެމްޑީޕީގެ އިސް ބޭފުޅުން މިއަދު ވެސް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.