Roadha Mihaaru
ވަހީދުގެ "އިތުރު ހަ ދުވަހު"ގެ ވެރިކަން ބަލަނީ!

ކުރީގެ ރައީސް ވަހީދު ހަ ދުވަހު އިތުރަށް ވެރިކަން ކުރެއްވި މައްސަލަ ބަލަނީ!

08 އޮކްޓޯބަރ 2019

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ދައުރު ނިމި، އިތުރު ހަ ދުވަހު ރައީސްކަމުގައި ހުންނެވި މައްސަލަ ބަލަން ނިންމައި ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކަށް މިއަދު އެޖެންޑާ ކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ދައުރު ނިމި، އިތުރު ހަ ދުވަހު ރައީސްކަމުގައި ހުންނެވި މައްސަލަ ބަލަން ނިންމައި ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކަށް މިއަދު އެޖެންޑާ ކޮށްފި އެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން އެކަން ބަލަނީ އަމިއްލަ މީހަކު ހުށަހަޅާފައިވާ ސިޓީއަކާ ގުޅިގެންނެވެ. ނަމަވެސް އެ ސިޓީ ފޮނުވީ ކޮން ފަރާތަކުން ކަމެއް މަޖިލީހުން އަދި ހާމައެއް ނުކުރެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އޭރުގެ ނައިބު ރައީސް ވަހީދުގެ ދައުރު ގާނޫނީ ގޮތުން ހަމަވީ ނޮވެމްބަަރު 11، 2013 އަށެވެ. އެކަމަކު އެ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު، އެ ދުވަހުގެ ކުރިން ބޭއްވޭ ގޮތް ނުވުމުން، ސުޕްރީމް ކޯޓުގެ ނިންމުމަކާ އެއްގޮތަށް، ވަހީދު ވަނީ، ނޮވެމްބަރު 17 ގައި، އަބްދުﷲ ޔާމީން ރައީސްކަމާ ހަވާލުވެވަޑައިގަންނަވަންދެން ރައީސްކަމުގައި މަޑުކުރައްވައިފަ އެވެ.

އެކަމަކު އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީ އާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދުގެ ބައިވެރިން ގޮވަމުން ދިޔައީ ވަހީދުގެ ދައުރު ހަމަވެއްޖެ ކަމަށާއި، ރައްޔިތުންގެ މަޖިލިިހުގެ އޭރުގެ ރައީސް އަބްދުﷲ ޝާހިދާ ވެރިކަން ހަވާލުކުރުމަށެވެ.

ރާއްޖޭގައި 2013 ގައި އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ. އަދި އެ ކޯޓުން ނެރުނު ހާއްސަ ގައިޑުލައިނަކާ އެއްކޮށް އަލުން ރިޔާސީ އިންތިހާބު ބޭއްވޭ ވަރުވީ ނޮވެމްބަރު 9 ގަ އެވެ. ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓު ލިބިވަޑައިނުގަތުމުން، ދެ ވަނަ ބުރު ބޭއްވުނީ ނޮވެމްބަރު 16 ގަ އެވެ.

އެކަމަކު ނޮވެމްބަރު 11 ވަނަ ދުވަހަށް އާ ރައީސްއެއް އިންތިހާބު ކުރެވޭ ގޮތް ނުވެ، ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދާނެތީ، ހައްލެއްގެ ގޮތުން ސުޕްރީމް ކޯޓުން އޭރު އަމުރުކުރީ ވަހީދު ވެރިކަމުގެ ދައުރު، އާ ރައީސްއެއް ހުވާކުރެވެންދެން ދެމިގެންދާނެ ކަމަށެވެ.