Roadha Mihaaru
ނޫމަޑިން ދައުލަތަށް ދޭން ޖެހޭ ފައިސާއަށް ވީ ކިހިނެއް؟

ނޫމަޑިން ދައުލަތަށް ދޭން ޖެހޭ ފައިސާއަށް ވީ ކިހިނެއް؟

23 ފެބުރުއަރީ 2020

ދެ އެގްރިމެންޓެއް ބާތިލްކުރުމުގެ ބަދަލެއްގެ ގޮތުން ނޫމަޑިއަށް 55 މިލިއަަން ޑޮލަރު (848 މިލިއަން ރުފިިޔާ) ދޭން މި ސަރުކާރުން ނިންމި ނިންމުން ދިފާއުކުރައްވާ، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް އެތައް ވާހަކައެއް ދައްކަވައިފި އެވެ. އާބިޓްރޭޝަން ނިމެންދެން މަޑުކޮށްފި ނަމަ، ބަދަލުގެ ގޮތުގައި 200 މިލިއަން ޑޮލަރު ވެސް ދައްކަން ޖެހިދާނެކަމުގެ "ބިރު" ވެސް ރައްޔިތުންނާ ހަމައަށް ގެނެސް ދެއްވި އެވެ. އެކަމަކު ވަކި ކަމެއް ކުރަން ޝަރުތުކޮށް، އެ ޝަަރުތުތަައް ފުރިހަމަ ކުރަމުން ނުދިއުން ސަބަބަކަށް ދައްކައިގެން ބާތިލްކުރާ އެގްރިމެންޓްތަކާ ގުޅިގެން ދައުލަތުން އެތައް ބިލިއަން ރުފިޔާއެއްގެ ބަދަލު ދިނުމުން، ކަންބޮޑުވެ ސުވާލު އުފައްދާ މީހުން ވެސް މަދެއް ނޫނެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދެ އެގްރިމެންޓެއް ބާތިލްކުރުމުގެ ބަދަލެއްގެ ގޮތުން ނޫމަޑިއަށް 55 މިލިއަަން ޑޮލަރު (848 މިލިއަން ރުފިިޔާ) ދޭން މި ސަރުކާރުން ނިންމި ނިންމުން ދިފާއުކުރައްވާ، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް އެތައް ވާހަކައެއް ދައްކަވައިފި އެވެ. އާބިޓްރޭޝަން ނިމެންދެން މަޑުކޮށްފި ނަމަ، ބަދަލުގެ ގޮތުގައި 200 މިލިއަން ޑޮލަރު ވެސް ދައްކަން ޖެހިދާނެކަމުގެ "ބިރު" ވެސް ރައްޔިތުންނާ ހަމައަށް ގެނެސް ދެއްވި އެވެ. އެކަމަކު ވަކި ކަމެއް ކުރަން ޝަރުތުކޮށް، އެ ޝަަރުތުތަައް ފުރިހަމަ ކުރަމުން ނުދިއުން ސަބަބަކަށް ދައްކައިގެން ބާތިލްކުރާ އެގްރިމެންޓްތަކާ ގުޅިގެން ދައުލަތުން އެތައް ބިލިއަން ރުފިޔާއެއްގެ ބަދަލު ދިނުމުން، ކަންބޮޑުވެ ސުވާލު އުފައްދާ މީހުން ވެސް މަދެއް ނޫނެވެ.

ނޫމަޑިއަށް ފައިސާ ދީ ޚަލާސްކުރި އިރު، ދައުލަތަށް އެ ކުންފުނިން 92 މިލިޔަން ރުފިޔާ ދައްކަން އެބަ އޮތެވެ. އެ ފައިސާ ދެއްކި ކަމަކަށް ފިނޭންސް މިނިސްޓްރީން ރަސްމީކޮށް އަދި ބުނެފައެއް ވެސް ނުވެ އެވެ. އެހެންކަމުން ކުންފުނިތަކުން މިދަނީ އެމީހުން ކުރަން ޖެހޭ ކަަންކަން ނުކޮށް، ދައުލަތް "ފެލައިލުމު"ގެ ވިސްނުމުގައިކަން ކަށަވަރެވެ.

ސިޔާސީ ބައެއް ބޭފުޅުން ތުހުމަތުކުރަައްވާ ގޮތުގައި ނޫމަޑިއަށް ދިން ބަދަލުގައި ކަމާ އެއްވެސް ގުޅުމެއް ނެތް ފައިސާ ވެސް ހިމަނާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ގަބޫލުކުރަައްވަނީ އެގޮތަށް ސަރުކާރުން ކަންތައް ކޮށްފައި އޮތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ސިފައިންގެ ފްލެޓް އިމާރާތް ކުރަން ސިފްކޯ އިން ނޫމަޑި އަށް އެޑްވާންސްގެ ގޮތުގައި ދޫކުރި ފައިސާގެ ތެރެއިން ސިފްކޯ އަށް އަނބުރާ ލިބެން ޖެހޭ 92 މިލިއަން ރުފިޔާއަކީ އަނބުރާ ދައްކަން ޖެހޭ އެއްޗެއް ނޫން ކަމަށް ސަރުކާރުން ނޫމަޑިއާ އެކު ހެދި ސެޓްލްމަންޓް އެއްބަސްވުމުގައި ވަނީ ހިމަނައިފަ އެވެ. އެކަމަކު އެ އެގްރިމެންޓްގެ އެއްވެސް ބައެއް ހާމަކޮށްފައި ނުވާތީ، އުޝާމްގެ ވާހަކައިގެ ހަގީގަތެއް ނޭނގެ އެވެ. ސަރުކާރުން އެކަމާ ބެހޭ ގޮތުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.

އުޝާމްގެ ވާހަކަ ތެދު ނަމަ ނޫމަޑިއަށް އަސްލު ލިބުނު ބަދަލުގެ މިންވަރު 848 މިލިއަން ރުފިޔާ އިން 940 މިލިޔަން ރުފިޔާއަށް މައްޗަށް ދާނެ އެވެ. މިހާތަނަށް މި ސަރުކާރުން ބަދަލުގެ ގޮތުގައި އެކި ކުންފުނިތަކަށް ދިން ފައިސާގެ ޖުމްލައާ ބެހޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލަށް އަމީރު ސާފު ޖަވާބެއް ނުދެއްވަ އެވެ. ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އެ ސުވާލު ކުރެއްވުމުން އަމީރު ވިދާޅުވީ އެ ތަފްސީލު ފަހުން ދެއްވާނެ ކަމަށެވެ.

ނޫމަޑިއަށް ދިން ބަދަލާ ބެހޭ ގޮތުން އިދިކޮޅު ބައެއް މެމްބަރުން ދެއްކެވި ވާހަކައަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ރައްދު ދެއްވި އެވެ. އެ މަނިކުފާނު ވިދާޅުވެ ދެއްވީ ނޫމަޑިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލެވެ.

"މާލިއްޔަތު ކޮމިޓީގެ މިދެންނެވި ރިޕޯޓްގައިވާ އަދަދުތައް އިއްޒަތްތެރި މެމްބަރު ބައްލަވާލައްވައިފިއްޔާ ފެނިވަޑައިގަންނަވާނެ ކޮން ފަދަ ހަރަދެއް ކުރި ފަހުންތޯ، އޭގެ ބަދަލުގައި ދިން ރަށްތައް ކުރީގެ ސަރުކާރުން، ނޫމަޑި އަތުން [ނެގީ]. އެހެންވީމާ އެކުންފުނި ވަކާލާތުކޮށް ބަދަލު ހޯދަން ދިޔައީ،" ނަޝީދު ވިދާޅުވި އެވެ.

މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވި ގޮތުގައި ބަަދަލުގެ ގޮތުގައި އަދިވެސް އެތައް މިލިޔަން ރުފިޔާއެއް ދައްކަން ޖެހިދާނެ ކަމަށް ސަރުކާރުން ދެކެ އެވެ. އެގޮތުން މި އަހަރުގެ ބަޖެޓްގައި ވެސް އެކަމަށް 100 މިލިޔަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

"މި އަހަރު ތެރޭގައި ބަޖެޓްގައި އަޅުގަނޑުމެން ޖަހާފައި ވާނީ ގާތްގަނޑަކަށް 100 މިލިޔަން ރުފިޔާ، ބަދަލުގެ ގޮތުގައި އަޅުގަނޑުމެން، ލޮސަސް އެންޑް ރައިޓް އޯފްގެ ގޮތުގައި ދައްކަން ޖެހިދާނެ ކަމަށް ލަފާކޮށްފައި،" އެދުވަހުގެ ޖަލްސާގައި އަމީރު ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރަައްވާ ގޮތުގައި ބަދަލު ހޯދަން މި ސަރުކާރުން ކުންފުނިތަކުން ހުށައަޅަނީ ކުރީގެ ސަރުކާރުތަކުން ބޭއިންސާފުން ކޮށްފައިވާ ކަންތައްތަކުގެ ސަބަބުންނެވެ. އަދި އިންސާފުު ހޯދައިދޭން ސަރުކާރުން މަސަައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ބޭއިންސާފުން އެކި ގޮތްގޮތަށް ކުރެވިފައި ހުރި ކަންތައްތަކުގެ އިންސާފު ހޯދުމަށް ޓަކައި މި ސަރުކާރަށް އެބަ އާދޭ. ސަރުކާރުން މަސައްކަތްތަކެއް އެބަ ކުރައްވާ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ބަދަލު ހޯދަން ވެއްޖެ ނަމަ ބައެއް ކުންފުނިތަކުން ދުއްވައިގަންނަނީ އެ ތަންތަނާ ހަވާލުކުރި މަސައްކަތްތައް ފުރިހަމަކުރަން ވެސް އުޅެފައިނުވާހާ ބާރު ސްޕީޑްގަ އެވެ. ދައުލަތަށް އެއްވެސް މަންފާއެއް ނުލިބި އެކަމަކު އެގްރިމެންޓެއް ކޮށްފައި އޮތަތީ ބޮޑެތި ބަދަލުތަައް ދޭން ޖެހޭނެ ކަމަށް ބުނެ އަބަދުވެސް ކުރީގެ ސަރުކާރުތަކުގެ ބޮލަށް ކަންކަން ކަނޑާލުމުން ލިބޭ ގެއްލުން ބޮޑެވެ.

އެއް ބަޔަކު ދެކޭ ގޮތުގައި ބޭއިންސާފުން ބަޔަކަށް ލިބޭ ދެރަައެއްގައި ދައުލަތް ޒިންމާވާން ޖެހޭ ނަމަ ބަދަލެއް ދިނުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ރައްޔިތުންގެ އެހާ ގިނަ އަދަދެއްގެ ފައިސާ ހިމެނޭ ކަމެއް ވިއްޔާ އެކަން ރައްޔިތުންނަށް އަންގައިދިނުން މުހިންމެވެ. ދެ ފުށް ފެންނަ ގޮތަކަށް ކަންކަން ދާނީ، މިސާލަކަށް ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް، ނުދަައްކާ ގޮތަށް ސެޓްލްމެންޓް އެގްރިމެންޓްގައި އޮތް ނަމަ އެކަން ވެސް ރައްޔިތުންނަށް ބުނެދީގެންނެވެ. އެފަދަ އެގްރިމެންޓްތަކުގައި ސިއްރުކުރަން ޖެހޭ ކަންކަން ހުއްޓަސް، ރައްޔިތުންނާ ގުޅުން ހުރި ބައެއް ކަންކަން ހާމަވާނެ ގޮތަށް، އެއްބަސްވުމަކަށް ނުދެވޭނެތޯ އެތަައް ބަޔަކު ސުވާލުކުރެ އެވެ. ނޫމަޑިން ދައުލަތަށް ދައްކަން ޖެހޭ 92 މިިލިއަން ރުފިޔާއަށް ވީ ގޮތެއް ބުނެދިނުން މުހިންމު ވަނީ މި ހިސާބުންނެވެ.