Roadha Mihaaru
ކޮވިޑް-19: ޔޫރަޕުން ފުރަތަމަ މީހާ މަރުވެއްޖެ

ކޮވިޑް-19: ޔޫރަޕުން ފުރަތަމަ މީހާ މަރުވެއްޖެ

16 ފެބުރުއަރީ 2020

ޕެރިސް (ފެބްރުއަރީ 16) - ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަހުގައި ޔޫރަޕުން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (ފެބްރުއަރީ 16) - ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަހުގައި ޔޫރަޕުން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް އަރައިގެން ފްރާންސް އިން މަރުވެފައި ވަނީ 80 އަހަރުގެ ޗައިނާގެ ޓޫރިސްޓެކެވެ. އެއީ ޗައިނާގެ ހުބެއި ޕްރޮވިންސް އިން ފްރާންސަށް މިދިޔަ މަހު 16 ވަނަ ދުވަހު ދަތުރުކުރި މީހެކެވެ. އަދި ޖެނުއަރީ 25 ވަނަ ދުވަހު އެ މީހާ ވަނީ ފްރާންސްގައި ކަރަންޓީންކޮށްފަ އެވެ.

ފްރާންސްގެ ހެލްތު މިނިސްޓަރު އަގްނީޒް ބުޒީން ވިދާޅުވީ މަރުވި ޗައިނާ އަށް މީހާ އަށް ފަރުވާ ދިނީ ޕެރިހުގެ އުތުރުގެ ހޮސްޕިޓަލެއްގައި ކަމަށެވެ. އޭނާ މަރުވީ ކޮރޯނާވައިރަހާ ގުޅިގެން ޖެހުނު ފުއްޕާމޭގެ އިންފެކްޝަނެއްގައި ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

ޗައިނާ އިން ބޭރުން، ކޮރޯނާވައިރަހުގައި ދެން މީހުން މަރުވެފައި ވަނީ ފިލިޕީންސް އާއި ހޮން ކޮން އަދި ޖަޕާނުންނެވެ.

ކޮރޯނާވައިރަސް ޔޫރަޕުން ފުރަތަމަ ފެނިފައި ވަނީ ވެސް ފްރާންސް އިންނެވެ. ކޮރޯނާވައިރަހަށް ޕޮޒިޓިވް 11 މީހުން މިހާތަނަށް ފްރާންސް އިން ފެނިފައިވެ އެވެ. އޭގެ ތެރޭން ހަ މީހުންނަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ފަރުވާ ދޭ މީހުންގެ ތެރޭގައި މަރުވި މީހާގެ 50 އަހަރުގެ އަންހެން ދަރިފުޅު ވެސް ހިމެނެ އެވެ. އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. އެޑްމިޓްކޮށްފައި ދެން ތިބީ އިނގިރޭސިވިލާތުގެ ފަސް މީހުންނެވެ.

ޗައިނާ އިން ބޭރުން ކޮރޯނާވައިރަސް ވަނީ 26 ގައުމަކުން ފެނިފަ އެވެ. އަދި 500 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެ އެވެ.