Roadha Mihaaru
ޔޫރަޕްގައި ކޮވިޑް ކޭސްތައް ގިނަވާތީ ކަންބޮޑުވެއްޖެ

ޔޫރަޕްގައި ކޮވިޑް ކޭސްތައް ގިނަވާތީ ޑަބްލިޔުއެޗުއޯ ކަންބޮޑުވެއްޖެ

18 ސެޕްޓެމްބަރ 2020

ޔޫރަޕްގައި ކޮވިޑް-19ގެ ބަލިމީހުންގެ އަދަދު މާ ބޮޑަށް މައްޗަށް ދާތީ، ޑަބްލިޔުއެޗުއޯ އިން ކަންބޮޑުވުން ފާޅުކޮށް، އެއީ ނުރައްކަލެއް ކަމަށް ބުނެފި އެވެ.

ޔޫރަޕްގައި ކޮވިޑް-19ގެ ބަލިމީހުންގެ އަދަދު މާ ބޮޑަށް މައްޗަށް ދާތީ، ޑަބްލިޔުއެޗުއޯ އިން ކަންބޮޑުވުން ފާޅުކޮށް، އެއީ ނުރައްކަލެއް ކަމަށް ބުނެފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ޔޫރަޕަށް ކަނޑައަޅާފައި ހުންނަވާ ޑައިރެކްޓަރު ހެންސް ކުލޫޖް ވިދާޅުވީ މިދިއަ ދެ ހަފުތާގައި ޔޫރަޕްގެ ދެބައި ކުޅަ އެއްބައި ގައުމުތަކުގައި ކޮވިޑް-19ގެ ކޭސްތައް ވަނީ ދެ ގުނައަށް އަރައިފައި ކަމަށެވެ. އޭނާ އިންޒާރު ދެއްވި ގޮތުގައި މިއީ "ހޭލަން ޖެހޭ ވަރުގެ ކަމެކެ"ވެ.

"އަހަރެމެންގެ ކުރިމަތީގައި ނިއުޅެމުން މިދަނީ ވަރަށް ނުރައްކާތެރި ހާލަތެއް،" ކުލޫޖް ވިދާޅުވި އެވެ.

ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 30 މިލިއަން ފަހަނައަޅައިފަ އެވެ.

ކޯޕަންހޭގަންގައި ވާހަކަ ދައްކަވަމުން ކުލޫޖް ވިދާޅުވީ މިދިއަ ހަފުތާގައި އެކަނި ވެސް މުޅި ޔޫރަޕުން ފެނުނު ކޮވިޑް ބަލިމީހުންގެ އަދަދު 300،000 އަށް އަރަ އެވެ. އަދި މާޗު މަހު ކޮވިޑް ފުރަތަމަ ފެތުރެން ފެށިއިރު ހަފުތާއަކު ރިޕޯޓްކުރި ކޭސްތަކަށް ވުރެ މިހާރު ހަފުތާއެއްގައި ފެންނަ ކޭސްތައް ގިނަވެއްޖެ ކަމަށް ވެސް، އޭނާ ވިދާޅުވި އެވެ.

"މި ކޭސްތައް ފެންނަނީ ޓެސްޓް ހެދުން ރަނގަޅުވުމުން ކަމަށް ވިޔަސް ސަރަހައްދުގައި ބަލި ފެތުރެމުން އެ ދަނީ ކަންބޮޑުވާން ޖެހޭ ފަދަ ހަލުއި މިނެއްގައި،" ކުލޫޖް ވިދާޅުވި އެވެ.

ބަލީގައި އެޑްމިޓްކުރާ މީހުންނާއި މަރުވާ މީހުންގެ އަދަދު އަދި ހުރީ، އެހާ މައްޗަކު ނޫނެވެ. އެކަމަކު ފްރާންސާއި ސްޕެއިންގައި އެ ދެ ބައި ވެސް ފެންނަނީ މައްޗަށް ޖެހިލާ ތަނެވެ.

މިހާރު ގިނައިން ފެންނަނީ ބަލިޖެހިފައިވާ ޒުވާނުންނެވެ. އެކަމަކު އުމުރުން ދުވަސްވީ މީހުންނާއި ބަލީގެ ނުރައްކާ އެންމެ ބޮޑު ސިއްހީ މައްސަލަތައް ހުންނަ މީހުންގެ ތެރޭގައި ވެސް ކޮވިޑް ފެތުރުމުގެ ބިރު މިހާރު ވަނީ އުފެދިފަ އެވެ.

ކުލޫޖް ވިދާޅުވި ގޮތުގައި ލޮކްޑައުން ތެރޭގައި އެޅި ފިޔަވަޅުތަކުގެ ރަނގަޅު އަސަރު ކުރިން ފެނުނެވެ.

"އެންމެ ބޮޑަށް ދަށަށް ދިޔައީ ޖޫން މަހު، ސެޕްޓެމްބަރު މި ފެންނަނީ ހޭލަން ޖެހޭ މިންވަރަކަށް ކޭސްތައް އިތުރުވާތަން،" އޭނާ ވިދާޅުވި އެވެ.

ކުލޫޖް ވިދާޅުވި ގޮތުގައި ބަލިން ރައްކާތެރިވާނެ ގޮތްތައް އެނގުމާއި ފިޔަވަޅުތައް ވެސް އެޅެން އޮތުމުން، މިކަން އަދިވެސް ކޮންޓްރޯލްކުރެވިދާނެ އެވެ.

ހާލަތު އެންމެ ގޯހީ ފްރާންސްގަ އެވެ. އިއްޔެ ފްރާންސުން 10،593 ކޭސް ފެނުނެވެ. މިއީ ބަލިމަޑުކަން ފެތުރުނު ފަހުން އެއް ދުވަހަކަށް އެގައުމުން ފެނުނު އެންމެ ގިނަ އަދަދެއްގެ ކޭސް އެވެ.