Roadha Mihaaru

އިންކަމް ޓެކްސްއާ ބެހޭ ގޮތުން ކުރީގެ އޮޑިޓާ ޖެނެރަލް ނައީމްގެ ސެމިނާރެއް

ކުރީގެ އޮޑިޓާ ޖެނެރަލް އިބްރާހިމް ނައީމްގެ އޮޑިޓް ފާމް، "ނައީމް އެންޑް ޖިނާން އެލްއެލްޕީ- ޗާޓާޑް އެކައުންޓެންޓްސް" އިން އިންކަމް ޓެކްސް އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހާއްސަ ސެމިނާއެއް މާދަމާ ބާއްވަން ތައްޔާރުވެއްޖެ އެވެ.

އިންކަމް ޓެކްސްއާ ބެހޭ ސެމިނާރެއް ބާއްވަނީ
އިދުހާމް ނައީމް
އިދުހާމް ނައީމް

18 ފެބުރުއަރީ 2020

ކުރީގެ އޮޑިޓާ ޖެނެރަލް އިބްރާހިމް ނައީމްގެ އޮޑިޓް ފާމް، "ނައީމް އެންޑް ޖިނާން އެލްއެލްޕީ- ޗާޓާޑް އެކައުންޓެންޓްސް" އިން އިންކަމް ޓެކްސް އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހާއްސަ ސެމިނާއެއް މާދަމާ ބާއްވަން ތައްޔާރުވެއްޖެ އެވެ.

ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމުގައި ބާއްވާ މި ސެމިނާރަކީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ސެމިނާ އެކެވެ. މި ސެމިނާ ކުރިއަށް ދާނީ މާދަމާ ރޭ 8:30-10:30 އަށެވެ. ސެމިނާގައި ބައިވެރިވާން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް އިބްރާހިމް ނައީމް ވިދާޅުވި އެވެ.

މި ސެމިނާރަށް ހާޒިރު ނުވެވުނު ނަމަވެސް ސެމިނާ ވަގުތުން ބަލަލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. މުޅި ސެމިނާ ނައީމް އެންޑް ޖިނާން އޮޑިޓް ފާމުގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ އެވެ. މިއީ ރަށްރަށުގައި ތިބޭ މީހުންނަށް ސެމިނާގެ މައުލޫމާތު ފޯރު ކޮށްދިނުމަށް އެ ކުންފުނިން ނިންމި ނިންމުމެކެވެ.

ނައީމް ވިދާޅުވީ މި ސެމިނާގެ ބޭނުމަކީ މި އަހަރު އަލަށް ނަގަން ފަށާފައިވާ އިންކަމް ޓެކުހަށް، ޓެކްސް ދައްކަން ޖެހޭ މީހުން ހޭލުންތެރިކޮށް، އެ ގާނޫނަށް މީހުން އަހުލުވެރިކުރުވުން ކަމަށެވެ. ބައިވެރިންނަށް އިންކަމް ޓެކްސްގެ ގާނޫނު ކިޔައިދިނުމަކީ މި ސެމިނާގެ ބޭނުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އިންކަމް ޓެކްސް ނަގަން ފަށާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން 60،000ރ. އަށްވުރެ ބޮޑު އާމްދަނީ ލިބޭ މީހުން ޓެކްސް ދައްކަން ޖެހޭނެ އެވެ. އެގޮތުން މަހެއްގެ މައްޗަށް 60،000ރ-100،000ރ. ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 5.5 ޕަސެންޓް ނަގާނެ އެވެ. އަދި 100،000ރ.-150،000ރ.- ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އަށް ޕަސެންޓެވެ.

މީގެ އިތުރުން 150،000ރ.-200،000ރ. ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 12 ޕަސެންޓު ނަގާއިރު 200،000ރ. އަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ނަގާނީ 15 ޕަސެންޓެވެ.