Roadha Mihaaru
އޮޑިއެއްގައި ނުފޮނުވޭނެ، 32،000 ރަޖިސްޓްރީކޮށްފި

އޮޑިއަކަށްލައި ބިދޭސީން ނުފޮނުވޭނެ، 32،000 ރަޖިސްޓްރީކޮށްފިން: މިނިސްޓަރު

23 ފެބުރުއަރީ 2020

ވަރަށް ފޯރީގައި، ގަލޮޅު ދަނޑަށް ބިދޭސީން ޖަމާކޮށް ރަޖިސްޓްރީކުރަން މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި ފެށި އެވެ. ދަނޑާ އެކު މުޅި އެ ސަރަހައްދު ވަށާލައި ހެދި ކިޔޫތަކުން އާއްމުން އަންތަރީސްކޮށްލި އެވެ. މައްސަލަ ހައްލުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެވަޑައިގަތް ވައުދާ އެކު، ފެށި އެ މަސައްކަތް އެ ސްޕީޑުގައި ކުރިއަށްދާތަނެއް މިހާރަކު ނުފެނެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވަރަށް ފޯރީގައި، ގަލޮޅު ދަނޑަށް ބިދޭސީން ޖަމާކޮށް ރަޖިސްޓްރީކުރަން މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި ފެށި އެވެ. ދަނޑާ އެކު މުޅި އެ ސަރަހައްދު ވަށާލައި ހެދި ކިޔޫތަކުން އާއްމުން އަންތަރީސްކޮށްލި އެވެ. މައްސަލަ ހައްލުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެވަޑައިގަތް ވައުދާ އެކު، ފެށި އެ މަސައްކަތް އެ ސްޕީޑުގައި ކުރިއަށްދާތަނެއް މިހާރަކު ނުފެނެ އެވެ.

ސޯޝަލްމީޑިއާގައި ހަރަކާތްތެރި، އާއްމުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވާ މިނިސްޓަރަށް އަމާޒުކުރާ ފާޑުކިއުންތަކުގައި އެންމެ ހިތްހަމަނުޖެހިފައި އަހާ އެއް ވާހަކައަކީ ބިދޭސީން ރަޖިސްޓްރީ ކުރުމެވެ. ގަލޮޅު ދަނޑުން ދެއްކި މަންޒަރު ނިންމާލީ ހެއްޔެވެ؟

މިނިސްޓަރު ފައްޔާޒް މިދިޔަ ބުރާސްފަތިދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި، އެ ފާޑުކިއުމަށް ޖަވާބު ދެއްވި އެވެ. ގިނަ ބައެއްގެ ވިސްނުމަކީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ކަމަށް އަންދާޒާކުރެވޭ 63،000 ބިދޭސީން ވަގުތުން ފޮނުވާލުން ކަަމަށް ވިދާޅުވި އެވެ.

އެކަމަކު، ހައްލުނުވެ ދިގުލައިގެން ގޮސްފައިވާ އެ މައްސަލަ ވަގުތުން، ހައްލުކުރެވޭ ވަރަށް ވުރެން ގޮންޖެހުންތައް ބޮޑު ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް 32،000 ބިދޭސީން ވަނީ ގާނޫނީ އިމުގެ ތެރެއަށް ވައްދައިފިން. -- މިނިސްޓަރު
މިނިސްޓަރު ފައްޔާޒް: ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް އެކަން އެބަދާ ކަމަށް ވިދާޅުވި. --ފޮޓޯ/މިހާރު

މިނިސްޓަރު ފައްޔާޒް: ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް އެކަން އެބަދާ ކަމަށް ވިދާޅުވި. --ފޮޓޯ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފެށި މަސައްކަތުގައި މިހާތަނަށް 32،000 ބިދޭސީން ވަނީ ގާނޫނީ އިމުގެ ތެރެއަށް ވައްދައިފަ އެވެ. މާލޭގެ އިތުރުން ބޮޑެތި ރަށްތަކުގައި ބިދޭސީން ރަޖިސްޓްރީކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅުގެ އިތުރުން ހދ. ކުޅުދުއްފުށި ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ހަފުތާތަކުގައި ވެސް އިތުރު ރަށްތަކުގައި އެކަން ފަށާނެ ކަމަށެވެ.

"ގަލޮޅު ދަނޑަށް ގޮވާލައި ރަޖިސްޓްރީކުރުން މިހާރު ނުފެންނަނީ، މެޗުތައް އޮންނާތީ ދަނޑުން އަޅުގަނޑުމެން ނުކުންނަން ޖެހޭ. މަސައްކަތް ހުއްޓޭ އެ ހިސާބުން. ކޮމްޕިއުޓަރުތައް ވެސް ނަގާ ހިސާބުގައި. އޭއެފްސީގެ ގާނޫނުގައި، އޮންނަ ގޮތުން،" ފައްޔާޒް ވިދާޅުވި އެވެ.

"އެންމެން ޖަމާކޮށްގެން އެކަން ނުކުރިއަސް ރަޖިސްޓްރީ އެބަދޭ. ވަރަށް ދިގު ޕްރޮސެސްއެއް އެބަދޭ ވެރިފިކޭޝަނަށް. އިމިގްރޭޝަނުން އެ މީހުން ވެރިފައިކުރަން ޖެހޭ. ޕާސްޕޯޓް ނެތް މީހުންގެ ޕޮލިސް ރިޕޯޓެއް ހަދަން ޖެހޭ. އެ ހިސާބުން ޕާސްޕޯޓާ ހަމައަށް މިދަނީ."

މިހާތަނަށް ރަޖިސްޓްރީ ކުރި މީހުން ވެސް ވަޒީފާތަކަށް ނެގުން ލަސް ކަމަށާއި އޭގައި ތަފާތު އުނދަގޫތަކެއް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އުޅޭ އެތައް ހާސް ބިދޭސީން ފޮނުވާނުލައި ގާނޫނީ އިމަށް ވަނުމުގެ ފުރުސަތެއް ދިނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއީ ކުރެވޭނެ ވަރަށް ވުރެ އުނދަގޫ ކަމަކަށް ވުމުންނެވެ. އެކަން ކުރެވޭނީ ފުލުހުންނާއި ސިފައިން ނެރެ ހުރިހާ ރަށެއްގައި ބޮޑު އޮޕަރޭޝަނެއް ހިންގައިގެން ކަމަށާއި އެއީ ކުރިއަށް އޮތް ފަސް އަހަރުން ވެސް ނިންމާލެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ގޯސް މީހުން ވެސް އެބަތިބި. އެކަމަކު، ބިދޭސީންގެ ތެރޭގައި ގިނައީ ވިކްޓިމްސް. އެ މީހުންނަށް ފުރުސަތު ދިނީމަ އެ މީހުން އެބަ ރަޖިސްޓްރީވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ގަލޮޅު ދަނޑަށް ބިދޭސީން ޖަމާކޮށްފައި: މިހާތަނަށް 32،000 ބިދޭސީން ގާނޫނީ އިމަށް ވައްދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި. --ފޮޓޯ/މިހާރު

ގަލޮޅު ދަނޑަށް ބިދޭސީން ޖަމާކޮށްފައި: މިހާތަނަށް 32،000 ބިދޭސީން ގާނޫނީ އިމަށް ވައްދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި. --ފޮޓޯ/މިހާރު

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޑިޕޯޓްކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ރާއްޖޭގައި ހުންނަ އެހެން ގައުމުތަކުގެ އެމްބަސީން ވެސް ޕާސްޕޯޓް ނެތް މީހުންނާ ހަވާލުވާން ނުވަތަ އެ މީހުން ގައުމަށް ފޮނުވާލަން އެހީވުމުގައި އުޒުރު ދައްކަ އެވެ. ހައްޔަރުކޮށްފައި ބައިތިއްބާނެ ތަނެއް ވެސް ނެތެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކޮށްފައި ބައިތިއްބަން ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގެ ޖާގައަކީ 40 އެވެ. ގަވާއިދާ ޚިލާފުވުމުން، އެތަނަށް މީހަކު ލިޔަސް އެ މީހަކީ ކާކުތޯ ދެނެގަތުމަށް ދެ މަހެއްހާ ދުވަސް ހޭދަވާއިރު، ދައުލަތުގެ ބަޖެޓުން އެ މީހުންގެ ބަންދަށް ވެސް ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ.

ފައްޔާޒް ވިދާޅުވީ ބިދޭސީއަކު ހައްޔަރުކޮށްގެން ގެންގުޅުނަސް މަހެއްގެ މައްޗަށް މީހަކަށް 16،000ރ. އެބަ ޚަރަދުވާ ކަމަށެވެ.

"އޮޑިއަކަށް ލައި ނުފޮނުވޭނެއެއް ނޫންތޯ. އަނެއްކާ ފްލައިޓަކަށް ނާރުވާނެ ޕާސްޕޯޓް ނެތިއްޔާ. މިސާލަކަށް އަޅުގަނޑުމެން އެ މީހުން ބޯޓަކަށް ލައިގެން ސިފައިންނާ އެކު އެ ގައުމަކަށް ދިޔައަސް ނުވެސް ޖެއްސޭނެއެއް ނޫންތޯ ބަންގްލަދޭޝްގައި،" ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން ގެނައުމަށް ކޯޓާ ދިނުން ހުއްޓާލުމަކީ ވެސް ބިދޭސީންގެ މައްސަލައިގައި ލިބުނު ވަރަށް ބޮޑު ހައްލެކެވެ. އެހެން ހެދުމުން، ބިދޭސީން އިތުރުނުވާ ކަމަށް ވިދާޅުވި އެވެ.

"މިހެން ދެންނެވިއަސް ޓޫރިސްޓު ވިސާގައި ބިދޭސީން އެތެރެވޭ ކަމުގެ އަޑުތަކެއް އިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.