Roadha Mihaaru
ތިނަދޫން ޝައްކު ކުރެވުނު މީހާގެ ޓެސްޓު ނެގެޓިވް

ކޮވިޑް-19: ތިނަދޫން ޝައްކު ކުރެވުނު މީހާގެ ޓެސްޓު ނެގެޓިވް، އެ ރަށް އާންމުކޮށް ހުޅުވާލައިފި

07 މާޗް 2020

ވ. ތިނަދު އަށް ގޮސް އުޅެނިކޮށް، ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ކަރަންޓީނުކޮށް، އެ ވައިރަހަށް ޓެސްޓުކުރި އިޓަލީގެ ޓޫރިސްޓު މީހާ އެ ޓެސްޓަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނެފި އެވެ.

ވ. ތިނަދު އަށް ގޮސް އުޅެނިކޮށް، ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ކަރަންޓީނުކޮށް، އެ ވައިރަހަށް ޓެސްޓުކުރި އިޓަލީގެ ޓޫރިސްޓު މީހާ އެ ޓެސްޓަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނެފި އެވެ.

އެކަމަކު، އެ ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް އޭނާގެ ގައިގައި އަދިވެސް ހުރުމުން، 24 ގަޑިއިރު ފަހުން އަނެއްކާ ވެސް ކޮވިޑް-19 އަށް ޓެސްޓު ކުރާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އޭނާގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމާ ގުޅިގެން، ތިނަދޫ އަށް އަރައިފޭބުން މިހާރު ވަނީ ހުއްދަ ކޮށްފަ އެވެ. އެޗްޕީއޭ އިން ބުނިގޮތުގައި، ކަރަންޓީނުން ތިނަދޫ ދޫކޮށްލީ "ކޮންޓެކްޓް ޓްރޭސިން" ހަދައި ބަލަންޖެހޭ އެހެނިހެން ކަންކަން ބެލުމަށް ފަހު އެވެ.

އެ ވައިރަހާ ގުޅޭ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ތިނަދުއަށް އަރައި ފޭބުން ރޭ މަނާކުރީ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން ކަމަށެވެ. އޭގެ އިތުރުން ޅ. ކުރެއްދޫ ރިސޯޓާއި ސަމަ އައިލެންޑް ރިސޯޓަށް ވެސް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

ކުރެއްދޫގައި ޗުއްޓީ ހޭދަކޮށްފައި އެނބުރި ގައުމަށް ދިޔަ އިޓަލީ މީހެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ވަނީ އަންގައިފަ އެވެ. އެ ރިސޯޓުން ޝައްކުވާ ޑޮކްޓަރު ވެސް، ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށް ވަނީ ގެންގޮސްފަ އެވެ. އެ ޑޮކްޓަރުގެ ޓެސްޓުތައް އަންނަނީ ހަދަމުންނެވެ.

ސަމަ އައިލެންޑުގައި ތިބި، ފްރާންސްގެ ދެ ޓޫރިސްޓެއްގެ ގައިން، ކޮވިޑް-19 އަށް ޝައްކުރެވޭ އަލާމާތްތަކެއް ފެނުމާ ގުޅިގެން އެ ދެ މީހުން ކަރަންޓީނުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ޔޫރަޕްގައި އެންމެ ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދަނީ އިޓަލީގަ އެވެ. އެ ގައުމުން މިހާތަނަށް 4،600 މީހަކަށް ބަލި ޖެހިފައި ވާއިރު އޭގެ ތެރެއިން 200 މީހަކު ވަނީ މަރުވެފަ އެވެ.

ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާ އިޓަލީން މީހުން ރާއްޖެ އައުން މިރެއިން ފެށިގެން މަނާ ކުރަން ސަރުކާރުން ވަނީ ނިންމައިފި އެވެ.