Roadha Mihaaru
ފޯކައިދޫ މީހާ އާއި ޔުނިވާސަލްގެ މުވައްޒަފު ނެގެޓިވް

ކޮވިޑް-19: ފޯކައިދޫ މީހާއި ޔުނިވާސަލްގެ މުވައްޒަފު ވެސް ނެގެޓިވް

10 މާޗް 2020

ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީ މީހާއާ ކޮންޓެކްޓުވި، ޔުނިވާސަލްގެ ޓިކެޓިން އޮފީހުގެ މުވައްޒަފާއި އިޓަލީ މީހާ ޗުއްޓީ ހޭދަކުރި ކުރެއްދޫ ރިސޯޓުުގައި ވަޒީފާ އަދާކުރި ށ. ފޯކައިދޫ މީހާ ވެސް ވައިރަސް އަށް ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީ މީހާއާ ކޮންޓެކްޓުވި، ޔުނިވާސަލްގެ ޓިކެޓިން އޮފީހުގެ މުވައްޒަފާއި އިޓަލީ މީހާ ޗުއްޓީ ހޭދަކުރި ކުރެއްދޫ ރިސޯޓުުގައި ވަޒީފާ އަދާކުރި ށ. ފޯކައިދޫ މީހާ ވެސް ވައިރަސް އަށް ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މި ދެ މީހުންގެ އިތުރުން އެހެން ދިވެއްސަކު ވެސް ޓެސްޓުކޮށް އެ މީހާ ވެސް ނެގެޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ފޯކައިދޫ މީހާގެ ޓެސްޓުތައް ހަދަން، ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިޔައީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ކޮވިޑް-19 ރާއްޖެ އިން އެންމެ ފުރަތަމަ ފެނުނީ އިޓަލީ ޓޫރިސްޓަކު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރި ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓުގެ ހަތަރު މުވައްޒަފެއް އެ ބައްޔަށް ޕޮޒިޓިވްވި އެވެ. އެ އިޓަލީ ޓޫރިސްޓު، އެ ރިސޯޓުގައި ހުރުމަށް ފަހު އިޓަލީ އަށް އަނބުރާ ދިއުމަށް ފަހު، އެ ބައްޔަށް ޕޮޒިޓިވް ވުމުން އެކަން އެންގި އެވެ. އެހެންވެ އެ ރަށް މިހާރު އޮތީ އަރައި ފޭބުން މަނާކޮށްފަ އެވެ.

ޗުއްޓީއަށްފަހު އިޓަލީގެ އެ މީހާ އެއާޕޯޓަށް ފުރަން ގޮސް ނުފުރިގެން ދެ ދުވަހު މަޑުކުރީ މާލޭގައި ހުންނަ މާގިރި ހޮޓަލުގަ އެވެ. ޔުނިވާސަލްގެ ޓިކެޓިން އޮފީހުގައި މަސައްކަތްކުރާ މުވައްޒަފާ އިޓަލީ މީހާ ކޮންޓެކްޓްވީ، އޭނާގެ ޓިކެޓު ބަދަލުކުރުމަށް ގޮސް އުޅުމުގެ ތެރޭގަ އެވެ.

ބަލި މީހާ މާލޭގައި ހުރީ މި މަހުގެ 1 އަދި 2 ގަ އެވެ.

އިޓަލީގެ ދަތުރުވެރިޔާ އޭނާ އަށް ބަލި ޖެހިފައިވާކަން އެންގީ އެނބުރި އިޓަލީ އަށް ގޮސް، ބައްޔަށް ޕޮޒިޓްވުމުން އޭނާ އަމިއްލައަށެވެ. އިޓަލީ އަކީ ކޮރޯނާވައިރަސް އެންމެ ބާރަށް މިހާރު ފެތުރެމުން އަންނަ ގައުމަށް ވިޔަސް، އިޓަލީގެ ޓޫރިސްޓަކު ހުން އައިސް ބަލިވެ އުޅުނު ވަގުތު އެކަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ރިސޯޓުން އަންގައިފައެއް ނުވެ އެވެ.

ކޮރޯނާވައިރަސް ޖެހިގެން އިޓަލީގައި މަރުވި މީހުންގެ އަދަދު 366 އިން އިއްޔެ ވަނީ 463 އަށް މައްޗަށް ގޮސްފަ އެވެ. މިއީ، އެ ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާ އަށް ފަހު މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ގައުމެވެ. އެކަންތައްތަކާ ގުޅިގެން މުޅި އިޓަލީ ވަނީ ކަރަންޓީންކޮށްފަ އެވެ.