Roadha Mihaaru
ސްޓޫޑެންޓް ލޯނަށް 1،300 ދަރިވަރުން ކުރިމަތިލައިފި

ސްޓޫޑެންޓް ލޯނަށް 1،300 ދަރިވަރުން ކުރިމަތިލައިފި

11 މާޗް 2020

މަތީ ތައުލީމް ހާސިލްކުރަން ދޫކުރާ ސްޓޫޑެންޓް ލޯނަށް 1،300 ދަރިވަރަކު ކުރިމަތިލާފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމް ހާސިލްކުރަން ދޫކުރާ ސްޓޫޑެންޓް ލޯނަށް 1،300 ދަރިވަރަކު ކުރިމަތިލާފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މަތީ ތައުލީމުގެ 550 ފުރުސަތަށް އެދި ހުށަހެޅުމުގެ މުއްދަތު މިދިޔަ ހޯމަ ދުވަހު ހަމަވިއިރު ގިނަ އަދަދެއްގެ ދަރިވަރުން ކުރިމަތިލާފައިވާ ކަމަށެވެ. ލޯނަށް ހޮވޭ ދަރިވަރުން އިއުލާނުކުރަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ 20ގެ ކުރިންނެވެ.

ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމަ އަށް ކިޔެވުމަށް 151 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ.

މިފަހަރު ލޯނަށް ހުޅުވާލީ، ބޮޑު އަދި މުހިއްމު ބަދަލުތަކަކާ އެކުގަ އެވެ. އޭގެ ތެރެއިން މައިގަނޑު އެންމެ ބޮޑު ބަދަލަކީ، ލޯނު ދޭއިރު މާލީ ތަނަވަސްކަން ނެތް ދަރިވަރުންނަށް އިސްކަންދިނުމެވެ. އޭގެ އިތުރުން އިދާރީ ދާއިރާތައް ބަހާލާފައިވާ 87 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް ވެސް، ފުރުސަތެއް ކަނޑައަޅާފައިވެ އެވެ.

މިދިޔަ އަހަރު މަތީ ތައުލީމުގެ ލޯނަށް ހުޅުވާލި ފުރަތަމަ ބުރުގައި، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައި ހުށަހަޅާފައިވަނީ ވަރަށް މަދު ދަރިވަރުންގެ ސެޓްފިކެޓުތަކެކެވެ. އެހެންވެ އެ ފަހަރު ވަރަށް ގިނަ ދަރިވަރުންގެ ފޯމު ބާތިލްވި އެވެ. ނަމަވެސް މިފަހަރު އުސޫލަށް ގެނައި ބަދަލާއެކު، ލޯނަށް އެދޭއިރު ސެޓްފިކެޓުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާކަށް ނުޖެހޭނެ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ކުރިން ވިދާޅުވީ އަސްލާ އެއްގޮތްކަމުގެ ސަނަދު ގެންނަން ޖެހޭނީ، ލޯނާ ހަވާލުވާން އަންނައިރު ކަމަށެވެ.

އަގުބޮޑު ކޯސްތައް ހެދުމަށް ސަރުކާން މީގެ ކުރިން 100،000ރ. ގެ އެހީ ދީފައި އެބަހުއްޓެވެ. ކުރީގެ އުސޫލު އޮންނަ ގޮތުން، އެފަދަ އެހީއެއް ލިބިފައި އޮވެއްޖެ ނަމަ މަތީ ތައުލީމުގެ ލޯނަށް އެދުމުގެ މަގު އޮންނަނީ ބަންދުވެފަ އެވެ. ނަމަވެސް މިހާރު ގެނައި ބަދަލާ އެކު، ސަރުކާރުން ދީފައިވާ އެހީގައި ކޯސް ފުރިހަމަނުކުރެވޭ ނަމަ، ލޯނަށް އެދެވޭނެ އެވެ.

މިއީ މިއަހަރު ހުޅުވާލި މިފަދަ ފުރަތަމަ ފުރުސަތެވެ. މިއަހަރުގެ ފަހުކޮޅު އިތުރު ފުރުސަތަކަށް އިއުލާނުކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.