Roadha Mihaaru
ފިލާވަޅު ފޯރުކޮށްދޭނީ ޕީއެސްއެމްގެ ޗެނަލަކާއި ޔޫޓިއުބުން

ކޮވިޑް-19: ކުދިންނަށް ފިލާވަޅުތައް ފޯރުކޮށްދޭނީ ޕީއެސްއެމްގެ ޗެނަލަކާއި ޔޫޓިއުބުން

12 މާޗް 2020

ރާއްޖޭގައި ކޮރޯނާވައިރަސް އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި ސްކޫލްތައް ހުޅުވުން އެއް ހަފުތާ އަށް ފަސްކުރުމާ ގުޅިގެން، ކުދިންނަށް ފިލާވަޅުތައް ފޯރުކޮށްދޭނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެނަލަކުންނާއި ޔޫޓިއުބް ފަދަ ވަސީލަތްތައް މެދުވެރިކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ކޮރޯނާވައިރަސް އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި ސްކޫލްތައް ހުޅުވުން އެއް ހަފުތާ އަށް ފަސްކުރުމާ ގުޅިގެން، ކުދިންނަށް ފިލާވަޅުތައް ފޯރުކޮށްދޭނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެނަލަކުންނާއި ޔޫޓިއުބް ފަދަ ވަސީލަތްތައް މެދުވެރިކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

ރާއްޖެ އިން ވެސް ކޮވިޑް-19 ބަލީގެ އަށް މީހަކު ފެނި، އަދި ދުނިޔޭގައި ވެސް ހާލަތު ގޯސްވުމާ ގުޅިގެން، އެތައް ބައެއްގެ ފިއްތުންތަކާއި ފާޑުކިޔުންތަކުގެ ތެރެއިން، ފުރަތަމަ ޓާމްގެ މިޑް-ޓާމް ބްރޭކަށް ފަހު، ސްކޫލްތައް ހުޅުވުން އެއް ހަފުތާ އަށް ފަސްކުރީ ރޭގަ އެވެ. ކުރިން ހަމަޖައްސާފައިވާ ގޮތުން ނަމަ ހަފުތާއެއްގެ ޗުއްޓީ އަކަށް ފަހު އަންނަ ހަފުތާގެ އާދިއްތަ ދުވަހު ކިޔެވުން ފަށާނެ އެވެ.

ނަމަވެސް މިހާރު ހަމަޖައްސާފައިވާ ގޮތުން ސްކޫލުތައް ދެން ހުޅުވޭނީ މި މަހުގެ 22 ވަނަ ދުވަހެވެ.

އެކަމާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ކުދިން ސްކޫލަށް ހާޒިރު ނުވިޔަސް ފިލާވަޅުތައް ލިބޭނެ ގޮތް ހަދާނެ ކަމަށެވެ. އެގޮތުން، ޕީއެސްއެމްގެ ޗެނަލާއި ޔޫޓިއުޓްގެ އިތުރުން ޓީޗަރުންނާއި ދަރިވަރުން ގުޅިގެން ކުރިއަށް ގެންދާ ސެޝަންތަކަށް އެޑިއުޕޭޖާއި ގޫގުލް ކްލާސްރޫމާއި ޓެޑް-އެޑް ފަދަ ވަސީލަތްތައް ބޭނުން ކުރެވޭނެ ކަމަށް ބުންޏެވެ.

އެކަމަށް ހާއްސަކޮށްފައިވާ ވެބްޕޯޓަލް އާއި ގޫގުލް ޑްރައިވްގައި އިތުރު ރިސޯސްތައް ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

"މިހާރު ދަނީ ހުރިހާ ގްރޭޑުތަކެއްގެ ފިލާވަޅުތައް މަތީގައި ބަޔާން ކުރެވުނު ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ތައްޔާރު ވަމުންނެވެ. މި އަހަރު ގްރޭޑު 10 ގައި ކިޔަވާ ދަރިވަރުންނާއި އޭއެސް ލެވެލް އިމްތިޚާނުގައި ބައިވެރިވާ ދަރިވަރުންގެ ފިލާވަޅުތައް 15 މާޗުން ފެށިގެން މަތީގައިވާ ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދެވޭނެ އެވެ. އަދި އެހެނިހެން ގްރޭޑުތަކުގެ ފިލާވަޅުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ،" ބަޔާނުގައި ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އަންނަ ހަފުތާގައި ޓީޗަރުންނާ އިންޓަރެކްޓްވެގެން ކިޔަވައިދޭން ހާއްސަ ސަމާލުކަމެއް ދެނީ، މި އަހަރު ފައިނަލް އިމްތިޚާނު ހަދާ ގްރޭޑު 10 އަދި 11ގެ ދަރިވަރުންނަށް ކަމަށެވެ. އެ ގްރޭޑުތަކުގެ ދަރިވަރުންނަށް، ޓީޗަރުންނާ ސީދާ ވާހަކަ ދައްކައި ފިލާވަޅުތަކާ ބެހޭ މައުލޫމާތު ކިޔައިދޭނެ ކަމަށް ވިދާޅުވި އެވެ.

އެހެން ގްރޭޑުތަކަށް ކިޔަވައިދޭ ޓީޗަރުން ސްކޫލަށް ހާޒިރުވެ، އަންނަ ހަފުތާގައި ކިޔަވައިދޭން ބޭނުންކުރާ ސިސްޓަމްތަކަށް ފިލާވަޅުތައް ހިއްސާ ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މިހާރު ދަނީ ހުރިހާ ގްރޭޑުތަކެއްގެ ފިލާވަޅުތައް މަތީގައި ބަޔާން ކުރެވުނު ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ތައްޔާރު ވަމުންނެވެ. މި އަހަރު ގްރޭޑު 10 ގައި ކިޔަވާ ދަރިވަރުންނާއި އޭއެސް ލެވެލް އިމްތިޚާނުގައި ބައިވެރިވާ ދަރިވަރުންގެ ފިލާވަޅުތައް 15 މާޗުން ފެށިގެން މަތީގައިވާ ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދެވޭނެ އެވެ. އަދި އެހެނިހެން ގްރޭޑުތަކުގެ ފިލާވަޅުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ،" އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓްރީން ބުނިގޮތުގައި، ސްކޫލުތަކުގައި ކިޔެވުން މެދުކަނޑައިލަން ޖެހުނުކަމުގައި ވިޔަސް އުއްމީދަކީ ކުދިންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމެވެ.

"މިސާލަކަށް ޓީވީން، ބަޔޮލޮޖީއާ ގުޅޭ ޕެނަލް ޑިސްކަޝަނެއް ބާއްވައި އޭގައި ޓީޗަރުންނާ ސުވާލު ކުރުމުގެ ފުުރުސަތު އޮންނާނެ ކުދިންނަށް. އެ ގޮތަށް ޓީޗަރުންނާ އިންޓަރެކްޓް ވެގެން ކިޔަވައިދޭން ބޮޑަށް ފޯކަސް މި ކުރަނީ މި އަހަރު ފައިނަލް އިމްތިޚާނު ހަދާ ގްރޭޑު 10 އަދި 11ގެ ދަރިވަރުންނަށް،" އޮފިޝަލް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ އަންނަ ހަފުތާގައި ދަރިވަރުން ކިޔެވުމަށް ބޭނުންވާ ވަސީލަތްތައް ހަމަޖެއްސުމަކީ ބެލެނިވެރިންގެ ޒިންމާއެއް ކަމަށެވެ. އަދި ގޭގައި އިންޓަނެޓު ލިބޭކަމާއި ދަރިވަރުންނަށް ދީފައިވާ ޓެބްލެޓް ރަނގަޅަށް މަސައްކަތް ކުރޭތޯ ސްކޫލުތަކުން ކަށަވަރު ކުރަންޖެހޭނެ ކަމަށް ބުންޏެވެ.

މަދުވެގެން ކޮންމެ ވެސް އެއް ވަސީލަތެއް މެދުވެރިކޮށް، ދަރިވަރުންނާ މައުލޫމާތު ހިއްސާކޮށް، ޓީޗަރުން އެ ކުދިންގެ ކިޔެވުން މޮނީޓާ ކުރަން ހަމަޖައްސަން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.