Roadha Mihaaru
ސްކޫލުގައި ކިޔަވައިދޭނީ 4 ދުވަހު ދުވާލަކު 4 ގަޑިއިރު

ސްކޫލުތަކުގައި ކިޔަވައިދޭނީ ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑިއިރު

13 ޖޫން 2020

ނިއު ނޯމަލްގައި ސްކޫލުތަކުގައި ދުވާލަކު ހަތަރު ގަޑިއިރު ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނިއު ނޯމަލްގައި ސްކޫލުތަކުގައި ދުވާލަކު ހަތަރު ގަޑިއިރު ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަންގައިފި އެވެ.

އެ މިނިސްޓްރީން، ރާއްޖޭގެ ހުރިހާ ސްކޫލަކަށް ފޮނުވި ސާކިއުލާގައި ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ލިބުނުހާ އަވަހަކަށް ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތަށް ކިޔަވައިދިނުމަށް، ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކުރިން ކިޔަވައިދެމުން އައި ގޮތާ ތަފާތުކޮށް ކަންކަން ތަރުތީބުކުރަން ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުން އަންނައިރު، އަންނަ މަހުގެ ތެރޭގައި ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތައް ހުޅުވަން ވަނީ ހަމަޖައްސައިފަ އެވެ. އެއާ އެކު އެކަމަށް ތައްޔާރުވާން މިނިސްޓްރީން ސްކޫލުތަކަށް އެންގި ނަމަވެސް ކިޔެވުން ފަށާނެ ވަކި ތާރީހެއް އަދި ހަމައެއް ނުޖައްސަ އެވެ.

ސްކޫލަށް ދަރިވަރުން ހާޒިރުވާން ޖެހޭނީ، މީގެ ކުރިއާ ހިލާފަށް ހަފުތާއަކު ހަތަރު ދުވަހެވެ. ފަސް ވަނަ ދުވަހު ސްކޫލަށް ޓީޗަރުން ހާޒިރުވެ ކިޔަވައިދޭން ޖެހޭ އެއްޗެހި ތައްޔާރުކުރާނެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ފޮނުއްވި ސާކިއުލާއާ އެކު ފޮނުވި އިރުޝާދުތަކުގައިވާ ގޮތުން، ސްކޫލުތައް އަލުން ހުޅުވާލުން ބަހާލާފައި ވަނީ ތިން ކެޓަގަރީއަކަށެވެ. ފުރަތަމަ ކެޓަގަރީގައި ފާހަގަކޮށްފައިވާ ގޮތުން، ފުލް ލޮކްޑައުންގައި ހިމެނޭ ރަށްރަށުގެ ހުރިހާ ސްކޫލެއް ވެސް ބަންދުވާނެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި ކީީސްޓޭޖް ހަތަރެއް (ގްރޭޑު 9، 10) އަދި ކީ ސްޓޭޖް ފަހެއް (ގްރޭޑު 11، 12) ގެ ދަރިވަރުންނަށް އެކަނި ކިޔަވައިދޭއިރު ކޮވިޑް-19 ގެ އެއްވެސް ކޭސް އެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ވެސް ކިޔަވައިދޭނެ އެވެ.

ކީ ސްޓޭޖް އެކެއްގައި ހިމެނެނީ ގްރޭޑު 3،2،1 އެވެ. ކީ ސްޓޭޖް ދޭއްގައި ހިމެނެނީ ގްރޭޑް 6،5،4 އެވެ. ގްރޭޑް 7 އަދި 8 ހިމެނެނީ ކީ ސްޓޭޖް ތިނެއްގަ އެވެ.

ސާކިއުލާގައި ބުނެފައިވާ ގޮތުން، ކޮންމެ ކީ ސްޓޭޖަކަށް ވެސް ކަނޑައަޅާފައިވަނީ ހަތަރު ގަޑިއިރެވެ. އެ ވަގުތުތަކުގައި އެންމެ ގިނައިން ވެސް ކިޔަވައިދެވޭނީ ހަތަރު މާއްދާ އެވެ. އެ ކޮންމެ މާއްދާއެއް ވެސް 45 މިނެޓަށް ކިޔަވައިދޭން ޖެހޭއިރު އެ އުސޫލުން ހަފުތާއަކު 16 ގަޑިއިރު ކިޔަވައިދެވޭނެ އެވެ. ބާކީ ހުރި ވަގުތުތައް ހަމަޖައްސާފައި ވަނީ ސިއްހީ އެސެސްމަންޓުތައް ހެދުމާއި އެސެމްބްލީ އާއި އަތް ދޮވުން ފަދަ ކަންކަމަށެވެ.

ސްކޫލަށް ދަރިވަރުން ހާޒިރުވާން ޖެހޭނީ، މީގެ ކުރިއާ ހިލާފަށް ހަފުތާއަކު ހަތަރު ދުވަހެވެ. ފަސް ވަނަ ދުވަހު ސްކޫލަށް ޓީޗަރުން ހާޒިރުވެ ކިޔަވައިދޭން ޖެހޭ އެއްޗެހި ތައްޔާރުކުރާނެ އެވެ.

ސީދާ ކްލާސްރޫމުގައި ކިޔަވައިނުދެވޭ ބައިތައް ފުރިހަމަކުރަން ގޫގުލް ކްލާސްރޫމް ބޭނުންކުރަން ޖެހެ އެވެ. އޭގެ އިތުރުން ކޮންމެ ދެ ހަފުތާއިން އެއް ފަހަރު ޓީޗަރުންނަށް އޮންލައިން ކްލާސްތައް ގެންދަންޖެހެ އެވެ.

ކީ ސްޓޭޖް 1 (ގްރޭޑު 3،21،) އަދި ކީ ސްޓޭޖް 2 (ގްރޭޑު 6،5،4)

- މި ގްރޭޑުތަކަށް ހަފުތާއަކު ސްކޫލުގައި ކިޔަވައިދޭނީ 19 ޕީރިއަޑެވެ.

- މި ސްޓޭޖްގެ ދަރިވަރުންނަށް ޓެލިކިލާސް މެދުވެރިކޮށް ހަފުތާއަކު ފަސް ސެޝަން ނަގައިދޭނެ އެވެ.

ކީ ސްޓޭޖް 3 (ގްރޭޑު 8،7)

- މި ގްރޭޑުތަކަށް ހަފުތާއަކު ކިޔަވައިދޭން ހަމަޖައްސާފައިވަނީ 18 ޕީރިއަޑެވެ.

ކީ ސްޓޭޖް 4 (ގްރޭޑު 10،9)

- އެ ސްޓޭޖްގެ ދަރިވަރުން ކިޔަވަމުން އަންނަ ކެމްބްރިޖް ސިލަބަސް ބުނާގޮތުން، ގްރޭޑު 9 އަދި 10 ގައި ކޮންމެ މާއްދާއަކުން ވެސް ޖުމްލަ 180 ގަޑިއިރު ހަމަކުރަން ޖެހޭނެ އެވެ.

ކީ ސްޓޭޖް 5 (ގްރޭޑު 11، 12)

- މި ގްރޭޑުތަކުގެ ދަރިވަރުންނަށް ކިޔަވައިދޭ އެޑެކްސެލް އޭ ލެވެލް ސިލަބަސްގައިވާ ގޮތުން، ދެ އަހަރުގެ ތެރޭގައި ކޮންމެ މާއްދާއަކުން ވެސް 230 ގަޑިއިރު ހަމަކުރަން ޖެހޭނެ އެވެ.

- ކީ ސްޓޭޖް 4 އަދި 5 ގެ ދަރިވަރުންނަށް ޓެލިކިލާސް އިން ކޮންމެ ހަފުތާއަކު ވެސް ދެ ސެޝަން ނަގައިދޭނެ އެވެ.

ގައިދުރުކަން ބެހެއްޓުމާ އެކު ހާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެވޭނެ ކަންކަން ހަމަޖައްސަންޖެހެ އެވެ.

ސްކޫލަށް ހާޒިރުވާން ޖެހޭ އަދި ނުޖެހޭ ދަރިވަރުން، ޓެލިކިލާސް އަދި ގޫގުލް ކްލާސްރޫމް ނުވަތަ އޮންލައިންކޮށް ކިޔަވައިދޭ ސެޝަންތަކުގައި ބައިވެރިވުމަކީ މަޖުބޫރުކަމެކެވެ. އައިސޮލޭޝަން ނުވަތަ ކަރަންޓީން ފެސިލިޓީއެއްގައި ހުރި ދަރިވަރަކަށް ވިއަސް ޓެލިކިލާސް އަދި ގޫގުލް ކްލާސްރޫމް ނުވަތަ އޮންލައިން ކްލާސްތަކުގައި ބައިވެރިވާ ދަރިވަރުންގެ ހާޒިރީ މާކްކުރަން ޖެހެ އެެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާޗު 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއް ވެސް ވަނީ ބަންދުކޮށްފަ އެވެ. މި ތިން މަހު ކިޔަވައިދީފައި ވަނީ އެކި ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

ދުވާލަކު ހަތަރު ގަޑިއިރު ކިޔަވައިދޭން އެންގިއިރު، ބައެއް ސްކޫލުތަކުގައި ނިއު ނޯމަލްގައި ހަތަރު ދަންފަޅިއަށް ވެސް ކިޔަވައިދޭން ޖެހިދާނެ ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީގައި މިދިޔަ މަހު މިނިސްޓަރު ވިދާޅުވީ ނިއު ނޯމަލްގައި ކިޔަވައިދޭން ފެށުމުން ސްކޫލުގައި ދަރިވަރުން ހޭދަކުރާ ވަގުތު މަދުވާނެ ކަމަށެވެ. ގިނަ ވަގުތު ހޭދަކުރާނީ ޑިސްޓެންސް މޯޑުގައި ކަމަށް ވިދާޅުވި އެވެ.