Roadha Mihaaru
އިންތިޚާބާ މެދު އީސީން މާދަމާ ގޮތް ނިންމަނީ

އިންތިޚާބު އިތުރަށް ކުރިއަށް ގެންދާނެ ގޮތާ މެދު އީސީން މާދަމާ ގޮތެއް ނިންމަނީ

14 މާޗް 2020

އަންނަ ލޯކަލް ކަައުންސިލް އިންތިޚާބުގެ ކަންކަން އިތުރަށް ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން މާދަމާ އިއުލާން ކުރާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ ލޯކަލް ކަައުންސިލް އިންތިޚާބުގެ ކަންކަން އިތުރަށް ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން މާދަމާ އިއުލާން ކުރާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމައިފަ އެވެ. އެގޮތަށް ނިންމީ ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ވެސް ފެނިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އިތުރަށް ކުރިއަށް ގެންދާނެ ގޮތާ މެދު އެ ކޮމިޝަނުން ގައުމީ ލަފާ ދޭ ކޮމެޓީއާ އެކު މިއަދު މަޝްވަރާކުރި ކަމަށެވެ. އެކަމާ މެދު އެ ކޮމިޝަންގެ ނިންމުން މާދަމާ ހާމަ ކުރާނެ ކަމަށާއި ހާލަތު ބަދަލުކުރެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ވެސް އޭނާ ޓްވީޓްގައިވެ އެވެ.

އަކްރަމް ކުރެއްވި ޓްވީޓް

އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމީ އެގޮތަށް ބައެއް ޕާޓީތަކުން ވެސް އެދެމުން ދަނިކޮށެވެ. އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި މިހާރު އިންތިޚާބު ބާއްވަން ނިންމާފައިވާ ތާރީޚަކީ ގާނޫނީ ގޮތުން އިންތިޚާބު ފަސް ކުރެވޭނެ އެންމެ ފަހުގެ ތާރީޚެވެ. އަދި އެއަށް ވުރެ ފަސް ކުރެވޭނީ ކޯޓު އަމުރަކުން ކަމަށާއި އަދި މިހާރު އޮތް މިންވަރަށް ވުރެ ހާލަތު ގޯސްވެއްޖެ ނަމަ، އެކަމަށް ހައްލު ހޯދަން ކޯޓަށް ދާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.