Roadha Mihaaru
ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދޫކުރަން ފަށައިފި

ހަތް މަސް ފަހުން ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދޫކުރަން ފަށައިފި

17 މާޗް 2020

ހަތް މަސް ދުވަހަށް ފަހު ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދޫކުރަން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަތް މަސް ދުވަހަށް ފަހު ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދޫކުރަން މިއަދު ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ 165 ގޮޅިއަށް ކުރިމަތިލާން މިދިޔަ އަހަރުގެ ފަހުކޮޅު ހުޅުވާލުމުން 2،626 މީހުން ހުށަހެޅި ކަމަށެވެ. އެ މީހުންގެ މެދުގައި މިއަދު ވަނީ ގުރުއަތުލުން ބާއްވައިފަ އެވެ.

ދަތުރުވެރިންގެ މާރުކޭޓް މިދިޔަ އޮގަސްޓް މަހު ބަންދުކުރީ އެ ތަންތަން މަރާމާތު ކުރުމަށް ކަމަށް ބުނެ އެވެ. ނަމަވެސް، މަސައްކަތް ކުރާނެ އެހެން ތަނެއް ނުދައްކައި މާރުކޭޓް ބަންދުކުރުމުން، އެ މީހުން ވިޔަފާރި ކުރިއަށް ގެންދިޔައީ މާރުކޭޓުގެ ބޭރުގައި ޓެންޓު ޖަހައިގެންނެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދޫކުރަނީ ކެޓަގަރީތަކަށް ބަހާލައިގެންނެވެ. އެއީ މާރުކޭޓް ހިންގިކަން ސާބިތުކޮށްދީ ހުށަހެޅި މީހުންނާއި ކުރިން ގަވާއިދުން ގޮޅި ހިންގި މީހުންގެ ކެޓަގަރީ އާއި އަންހެނުންނަށް ހާއްސަ ކޮށްފައިވާ ކެޓަގަރީ އަދު އަލަށް ވިޔަފާރި ހިންގުމުގެ ކެޓަގަރީ އެވެ.

މިދިޔަ އާދިއްތަ ދުވަހު ގެޒެޓުކުރި އިއުލާނުގައި، އެ ކެޓެގަރީތަކުން އެންމެ މަތީ މާކްސް ލިބުނު މީހުންނާއި ކޮންމެ ކެޓަގަރީއަކަށް ހަމަޖެއްސި ގޮޅީގެ އަދަދު އާއްމު ކޮށްފައި ވެ އެވެ. އެ ލިސްޓުގައި ވާ ގޮތުން މާރުކޭޓު ވިޔަފާރި ހިންގިކަން ސާބިތުކޮށްދީ ހުށަހެޅި މީހުންނަށް ކަނޑައަޅާފައިވަނީ 40 ގޮޅި އެވެ. އެ ކެޓަގަރީން 50.5 އަށް ވުރެ މަތިން މާކްސް ލިބުނު ހަތް މީހަކަށް ގޮޅި ލިބިފައި ވެ އެވެ.

ކުރިން ގޮޅި ލިބި، ގަވައިދުން ހިންގި މީހުންނަށް 30 ގޮޅި ހާއްސަ ކޮށްފައި ވެ އެވެ. އެ ބައިން 45 އަށް ވުރެ ގިނައިން މާކްސް ލިބުނު ހަތް މީހަކަށް ގޮޅި ލިބުނެވެ. ބާކީ 26 ގޮޅި ގުރުއަތުލަނީ 40 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ މެދުގަ އެވެ.

މާރުކޭޓުގެ ގޮޅި ހިންގަން ހުށަހެޅި އަންހެނުންގެ ކެޓަގަރީއަށް 20 ގޮޅި ކަނޑައަޅާފައިވާއިރު އެ ކެޓަގަރީން ގުރުއަތަށް ހޮވިފައިވަނީ 46 ޕޮއިންޓް ލިބުނު މީހުންނެވެ.

އަލަށް ވިޔަފާރި ހިންގުމުގެ ކެޓަގަރީއަށް ކަނޑައަޅާފައިވަނީ 75 ގޮޅި އެވެ. އެ ބައިން 41.5 އަށްވުރެ މަތިން މާކްސް ލިބުނު 20 މީހަކަށް ގޮޅި ލިބިފައިވާއިރު ބާކީ ހުރި 55 ގޮޅި ގުރުއަތުލަނީ 41 ޕޮއިންޓާއި 40.5 ޕޮއިންޓާ ދެމެދުން މާކްސް ލިބުނު މީހުންގެ މެދުގަ އެވެ.

ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކުގެ ގުރުއަތު ނެގުން ލަސްވަމުންދާތީ ސިޓީ ކައުންސިލުން ބުނީ، އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން ދަތުރުވެރިންގެ މާރުކޭޓް ހުޅުވާނެ ކަމަށެވެ.