Roadha Mihaaru
ކޮވިޑް-19 އާ ގުޅިގެން ލަންކާގައި ކާފިއު ހިންގައިފި

ކޮވިޑް-19 އާ ގުޅިގެން ލަންކާގައި ކާފިއު ހިންގައިފި

20 މާޗް 2020

މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 ފެތުރޭތީ ސްރީލަންކާގެ ސަރުކާރުން ފިޔަވަޅުތައް ވަރުގަދަކޮށް މިރެއިން ފެށިގެން އެ ގައުމުގައި ބޭރަށް ނުކުމެ އުޅުން މަނާކުރަން ނިންމުން، އެ ގައުމުގައި އުޅޭ ދިވެހިން އެކަމަށް ސަމާލުވާން ފޮރިން މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 ފެތުރޭތީ ސްރީލަންކާގެ ސަރުކާރުން ފިޔަވަޅުތައް ވަރުގަދަކޮށް މިރެއިން ފެށިގެން އެ ގައުމުގައި ބޭރަށް ނުކުމެ އުޅުން މަނާކުރަން ނިންމުން، އެ ގައުމުގައި އުޅޭ ދިވެހިން އެކަމަށް ސަމާލުވާން ފޮރިން މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދު ހަވީރު، ލަންކާ ގަޑިން 6:00 އިން ފެށިގެން ހޯމަ ދުވަހުގެ ހެނދުނު ސްރީލަންކާ ގަޑިން 06:00 އަށް އެ ގައުމުގެ ހުރިހާ ސަރަހައްދެއްގައި ކާފިއު ހިންގަން ލަންކާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"...ވީމާ، މި ދުވަސްތަކުގެ ތެރޭގައި ސްރީލަންކާގައި ދިރިއުޅޭ އަދި މިވަގުތު ތިބި ދިވެހިން މިކަމަށް ސަމާލުވުމަށް އެދެމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ވެސް އެދެމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ބޭރު ގައުމުތަކަށް ދާ ދިވެހިން ރަޖިސްޓްރީކުރުމަށް އެ މިނިސްޓްރީން ކުރަމުން އަންނަ އިލްތިމާސް މިއަދުގެ ބަޔާނުގައި ވެސް ތަކުރާރުކުރި އެެވެ. އެގޮތުން ލަންކާގައި ދިރިއުޅޭ ދިވެހިން، އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވާން ބަޔާނުގައި އިލްތިމާސްކޮށްފައި ވެ އެވެ.

ލަންކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 51 އަށް އަރައިފަ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުން މިހައިތަނަށް އެބަލި ޖެހުނު މީހުންގެ އަދަދަކީ 246,773 އެވެ. އޭގެ ތެރެއިން 10,062 މީހުން މަރުވި އިރު، 88,489 މީހުން ވަނީ ރަނގަޅު ވެފަ އެވެ.