Roadha Mihaaru
ކޮވިޑް-19: ޔޫރަޕުގެ ހާލަތު އިތުރަށް ގޯސް ވަނީ

ކޮވިޑް-19: ޔޫރަޕުގެ ހާލަތު އިތުރަށް ގޯސް ވަނީ

25 މާޗް 2020

ރޯމް (މާޗް 25) - ކޮރޯނާވައިރަހުގެ ހާލަތު ޔޫރަޕުގައި އިތުރަށް ގޯސްވެ އަންގާރަ ދުވަހުގެ ހަވީރާ ހަމައަށް ޔޫރަޕުން ބަލިޖެހުނު މީހުންގެ އަދަދު 200،000 އަށް އަރައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރޯމް (މާޗް 25) - ކޮރޯނާވައިރަހުގެ ހާލަތު ޔޫރަޕުގައި އިތުރަށް ގޯސްވެ އަންގާރަ ދުވަހުގެ ހަވީރާ ހަމައަށް ޔޫރަޕުން ބަލިޖެހުނު މީހުންގެ އަދަދު 200،000 އަށް އަރައިފި އެވެ.

މުޅި ދުނިޔޭގައި ބަލިޖެހުނު މީހުންގެ އަދަދު ރޭ ހަތަރު ލައްކަ އަށް އެރިއިރު މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 19،000 އަށް ވަނީ އަރައިފަ އެވެ. މުޅި ދުނިޔެ އަށް ބަލާއިރު ދެ ދުވަސްތެރޭ އެއް ލައްކަ އަށް އެރިއިރު ޔޫރަޕުން ބަލިޖެހޭ މީހުންގެ އަދަދު 100،000 އިން 200،000 އަށް އަރަން ނެގީ ފަސް ދުވަހެވެ.

ޔޫރަޕުގައި އެންމެ ހަލުއިކޮށް ބަލިފެތުރޭ އިޓަލީ، ސްޕޭން، ޖަރުމަން އަދި ފްރާންސްގެ ހާލަތަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. އެ ހަތަރު ގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދު 150،000 އަށް ވުރެ މައްޗަށް ވަނީ ޖެހިފަ އެވެ.

ޔޫރަޕުގެ ހާލަތު އަދިވެސް އެންމެ ގޯހީ އިޓަލީގަ އެވެ. އެ ގައުމުގެ ސިވިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ވެރިޔާ އެންޖެލޯ ބޮރެއްލީ ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 5،249 މީހުން އަލަށް ޕޮޒިޓިވްވެ 743 މީހުން މަރުވެފައިވާ ކަމަށެވެ. އިޓަލީން ބަލި ޖެހޭ މީހުންނާއި މަރުވާ މީހުން ވޭތުވެދިޔަ ދެ ދުވަހު ދަށްވި ނަމަވެސް އިއްޔެ އަނެއްކާވެސް ވަނީ މައްޗަށް ޖެހިފަ އެވެ. އިޓަލީން ހޮނިހިރު ދުވަހު 793 މީހުން މަރުވި ނަމަވެސް އާދިއްތަ ދުވަހު 650 މީހުން މަރުވިއިރު ހޯމަ ދުވަހު މަރުވީ 605 މީހުންނެވެ. އިޓަލީން ފެބްރުއަރީ 21 ވަނަ ދުވަހު ފުރަތަމަ މީހާ މަރުވި ފަހުން މިހާތަނަށް ވަނީ 6،820 މީހުން މަރުވެ 69،176 މީހުން ޕޮޒިޓިވްވެފަ އެވެ.

އިޓަލީ އަށް ފަހު ޔޫރަޕުން ދެން ހާލަތު އެންމެ ގޯހީ ސްޕޭނުގަ އެވެ. އެ ގައުމުން 42،058 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު 2،991 މީހުން ވަނީ މަރުވެފަ އެވެ. ސްޕޭނުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި 5،400 ހެލްތު ވޯކަރުން ވެސް ހިމެނެ އެވެ.

ފްރާންސް އިން ވަނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 240 މީހުން މަރުވެ އެ ގައުމުން މަރުވި މީހުންގެ އަދަދު 1،100 އަށް އަރައިފަ އެވެ. ކޮވިޑް-19 ގައި 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވަނީ ޗައިނާ، އިޓަލީ، ސްޕޭން، ފްރާންސް، އީރާން އަދި އިޓަލީންނެވެ. ފްރާންސް އިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 22،304 އަށް އަރައިފަ އެވެ.

ޖަރުމަނުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ 4،764 މީހުން ޕޮޒިޓިވްވެފަ އެވެ. ޖަރުމަނުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 32،991 އެވެ. ޖަރުމަނުން މަރުވީ 159 މީހުންނެވެ.