Roadha Mihaaru
ސްޕޭން ބަންދު، ފްރާންސްގައި ވަރުގަދަ ފިޔަވަޅުތަކެއް

ކޮވިޑް-19: ސްޕޭން ބަންދު، ފްރާންސްގައި ވަރުގަދަ ފިޔަވަޅުތަކެއް

15 މާޗް 2020

މެޑްރިޑް (މާޗް 15) - އިޓަލީ އަށް ފަހު ޔޫރަޕުގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރޭ ދެ ގައުމު ކަމަށްވާ ސްޕޭން އާއި ފްރާންސް އިން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މެޑްރިޑް (މާޗް 15) - އިޓަލީ އަށް ފަހު ޔޫރަޕުގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރޭ ދެ ގައުމު ކަމަށްވާ ސްޕޭން އާއި ފްރާންސް އިން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި އެވެ.

ސްޕޭން އިން މިހާރު ވަނީ ގައުމު ގާތްގަނޑަކަށް ބަންދުކޮށް މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފަ އެވެ. ހަމައެކަނި ބޭރަށް ދެވޭނީ ކޮންމެހެން ބޭނުންވާ އެއްޗެއް ގަތުމަށެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި ބޭސް ހިމެނެ އެވެ. އަދި ބައެއް މީހުން މަސައްކަތަށް ދިއުމަށް ހުއްދަ އޮވެ އެވެ. ބޭންކްތަކާއި ޕެޓްރޯލް ސްޓޭޝަންތަކުން ޚިދުމަތް ދެ އެވެ. ސްޕޭނުގެ ހުރިހާ ސްކޫލްތަކެއް ވަނީ ބަންދުކޮށްފަ އެވެ.

ސްޕޭނުގެ ސެވިއްޔާގެ މަގަކުން މީހަކު ސައިކަލެއްގައި ދަނީ: ސްޕޭނުގައި މީހުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައި. --ފޮޓޯ:އޭއެފްޕީ

ސްޕޭނުގެ ސެވިއްޔާގެ މަގަކުން މީހަކު ސައިކަލެއްގައި ދަނީ: ސްޕޭނުގައި މީހުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައި. --ފޮޓޯ:އޭއެފްޕީ

ސްޕޭނުގައި މިހާރު ވަނީ ދެ ހަފުތާގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

އާބާދީގައި 46.7 މިލިއަން މީހުން ހިމެނޭ ސްޕޭނުން ކޮވިޑް-19 ވަނީ 6،391 މީހުންނަށް ޖެހި 196 މީހުން މަރުވެފަ އެވެ.

ސްޕޭނުގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒްގެ އަނބިކަނބަލުން ބެގޯނާ ގޯމޭޒް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ސަރުކާރުން ވަނީ އިއްޔެ ބުނެފަ އެވެ.

ސްޕޭނުގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް އާއި އަނބިކަނބަލުން މަތިންދާ ބޯޓުން ފައިބައިވަޑައިގަންނަވަނީ: ބޮޑު ވަޒީރުގެ އަނބިކަނބަލުންނަށް ވަނީ ކޮވިޑް-19 ޖެހިފައި. --ފޮޓޯ:އޭއެފްޕީ

ސްޕޭނުގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް އާއި އަނބިކަނބަލުން މަތިންދާ ބޯޓުން ފައިބައިވަޑައިގަންނަވަނީ: ބޮޑު ވަޒީރުގެ އަނބިކަނބަލުންނަށް ވަނީ ކޮވިޑް-19 ޖެހިފައި. --ފޮޓޯ:އޭއެފްޕީ

އާބާދީގައި 63.5 މިލިއަން މީހުން ހިމެނޭ ފްރާންސް އިން ވަނީ ކެފޭ އާއި ރެސްޓޯރެންޓްތައް އަދި ސިނަމާތައް ބަންދުކޮށްފަ އެވެ. އަދި ވަރަށް ގިނަ ފިހާރަތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ފްރާންސްގެ ބޮޑު ވަޒީރު އެޑޮއާޑް ފިލިޕެ ވަނީ ވީހާ ވެސް މަދުން މީހުން އެއް ޓައުނުން އަނެއް ޓައުނަށް ދަތުރު ކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

ފްރާންސް އިން ވަނީ 91 މީހުން މަރުވެފަ އެވެ. ބަލިޖެހިފައި ވަނީ 4،469 މީހުންނަށެވެ.

އިޓަލީގައި 21،156 މީހަކަށް ކޮވިޑް-19 ޖެހިފައިވާ އިރު އެ ގައުމުން ވަނީ 1،441 މީހުން މަރުވެފަ އެވެ.