Roadha Mihaaru
އަހަންނަކީ އަމިއްލަ އެދުން ބޮޑު މީހެއް ނޫން: ޕޮގްބާ

އަހަންނަކީ އަމިއްލަ އެދުން ބޮޑު މީހެއް ނޫން: ޕޮގްބާ

11 އޮކްޓޯބަރ 2016

ޕެރިސް (އޮކްޓޫބަރު 11) - އޭނާ އަކީ އަމިއްލަ އެދުން ބޮޑު ކުޅުންތެރިއެއް ނޫން ކަމަށާއި އަބަދުވެސް މަސައްކަތްކުރަނީ ޓީމުގެ ފައިދާ އަށް ކަމަށް ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (އޮކްޓޫބަރު 11) - އޭނާ އަކީ އަމިއްލަ އެދުން ބޮޑު ކުޅުންތެރިއެއް ނޫން ކަމަށާއި އަބަދުވެސް މަސައްކަތްކުރަނީ ޓީމުގެ ފައިދާ އަށް ކަމަށް ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސް މޮޅުކޮށްދިން ލަނޑު ޖެހީ ޕޮގްބާ އެވެ. ރޭގެ މެޗަށް ފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ޕޮގްބާ އަށް ތައުރީފް ކުރިއިރު، މިދިޔަ ހަފްތާގައި ޑިޝޯމްޕް ވަނީ ޕޮގްބާ އަށް ފާޑުކިޔައިފަ އެވެ.

"އަހަރެންނަކީ އަމިއްލަ އަށް ކުޅޭ ކުޅުންތެރިއެއް ނޫން. ފްރާންސަކީ ޕޮގްބާގެ ޓީމެއް ނޫން. އެއީ ހުރިހާ ކުޅުންތެރިންގެ ޓީމެއް. ވަކިވަކި ކުޅުންތެރިންނަށް ފާޑުކިއުމަކީ އޮންނަންވީ ކަމެއް ނޫން. އަދި އަހަންނަކީ ޓީމުގެ ފައިދާ އަށް އަބަދުވެސް ކުޅޭ ކުޅުންތެރިއެއް،" ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިއާ ބުންޏެވެ.

އޭނާ ބުނީ ފާޑުކިއުމަކީ އޮންނަ ކަމެއް ކަމަށާއި އެހެން ނަމަވެސް ބައެއް ފަހަރު އެއް ކުޅުންތެރިއަކަށް އަމާޒުކޮށް ގިނައިން ފާޑުކިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ފާޑުކިއުމަކީ އޮންނަ ކަމެއް. އަދި ރަނގަޅު ކަމެއް. އެއީ ފުޓްބޯޅައިގައި މުހިއްމު ވެސް ކަމެއް. އެކަމަކު އަބަދު އެއް ކުޅުންތެރިއަކު ގޯސްކޮށްފައި ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތެއްނޫން،" މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ބުންޏެވެ.

ޕޮގްބާ ބުނީ ޕްރިމިއާ ލީގުގައި ވެސް އޭނާ އަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެކަމަށް މާބޮޑު ފަރުވާލެއް ނުދީ ވިސްނަނީ ޓީމު މޮޅުކޮށްދެވޭތޯ ކަމަށެވެ.