މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ސަޕްލައިކުރާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރުކޮށްގެން މެރީޑިއަމް ސާވިސަސް އިން ބިލްކޮށް، ތެޔޮ ވިއްކުމުގައި އޮޅުވާލާފައިވާ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.
12 އޮކްޓޯބަރ 2016
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ސަޕްލައިކުރާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރުކޮށްގެން މެރީޑިއަމް ސާވިސަސް އިން ބިލްކޮށް، ތެޔޮ ވިއްކުމުގައި އޮޅުވާލާފައިވާ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.
އެމްޕީއެލްގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުން މެރީޑިއަމް ނޫން އެހެން ފަރާތަކާ ހަވާލުނުކުރަން އަންގައި، އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. މެރީޑިއަމް ސާވިސަސް އަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.
ސިވިލް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެމްޕީއެލް އިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ މެރިޑިއަމުން ތެޔޮ ވިއްކަނީ މާކެޓުގެ އަގަށް ވުރެ ބޮޑުކޮށް ލިޓަރެއް 12ރ. ގެ ރޭޓުން ކަމަށެވެ. އަދި އެ ކުންފުންޏަށް މަހަކު 60،000 ލީޓަރުގެ ތެޔޮ ބޭނުންވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު މެރީޑިއަމުން މަހަކު 160،000 ލިޓަރުގެ ތެޔޮ ވިއްކާ ކަމަށް މެރީޑިއަމުން ބިލްކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ މިހާރު ބިލް ކުރާ ރޭޓުން ބަލާއިރު ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާ އެވެ.
ޖުނައިދު ވިދާޅުވީ ކޯޓު އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށެވެ.
"މާނައަކީ 12 ރުފިޔާގެ ރޭޓުން ބެލީމަ 1.2 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް އެބަ ގެއްލުންވޭ. ދެން މިވަނީ ކިހިނެއްތޯ އަޅުގަނޑު ބެލިއިރު މިތާ ކަންތައްތަކެއް ހިނގި، ބަޔަކު ގަބޫލު ކުރިޔަސް ނުކުރިޔަސް. މިތާ ތެރެއަށް ތެޔޮ ލޮރީ ވަންނަނީ ދަންވަރު. ވަދެފަ އޭތި ނިކުމެގެން އެބަދޭ ތެޔޮ އެޅިޔަސް ނޭޅިޔަސް،" ޖުނައިދު ވިދާޅުވި އެވެ.
މާނައަކީ 12 ރުފިޔާގެ ރޭޓުން ބެލީމަ 1.2 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް އެބަ ގެއްލުންވޭ. ދެން މިވަނީ ކިހިނެތްތޯ އަޅުގަނޑު ބެލިއިރު މިތާ ކަންތައްތަކެއް ހިނގި. ބަޔަކު ގަބޫލު ކުރިއަސް ނުކުރިޔަސް. މިތާ ތެރެއަށް ތެޔޮ ލޮރީ ވަންނީ ދަންވަރު. ވަދެފަ އޭތި ނިކުމެގެން އެބަދޭ ތެޔޮ އެޅިޔަސް ނޭޅިޔަސް -- ޖުނައިދު
އޭނާ ވިދާޅުވީ މެރީޑިއަމުން އެމްޕީއެލް އަށް ތެޔޮ ސަޕްލައިކުރާ ގޮތް ބެލިއިރު، އެތަނުގައި ބޭނުންކުރާ ގިނަ ވެހިކަލްތައް ހަލާކުވެ ތެޔޮ ބޭނުންކުރާ މިންވަރު މަދުވި ނަމަވެސް ސަޕްލައި މަދުނުވާ ކަމަށެވެ.
"އެކަމާ ގުޅިގެން އެކަމުގެ ހައްލެއްގެ ގޮތުން މިތަނުގައި މިހާރު ހުންނާނެ ޓޭންކެއް ހަދައި ބޭރުން އަންނަ ލޮރީން އެ ޓޭންކަށް ތެޔޮ އަޅާގޮތަށް. އޭގެ އިތުރުން މިތަނަށް މިހާރު ބައުޒަރެއް ވެސް ގަނެފައިވާނެ. އެ ބައުޒަރުން މިތާ ތެރޭގައި ވެހިކަލްތަކަށް ތެޔޮ އަޅާނީ،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތެޔޮ ސަޕްލައިކުރުން ހަރުދަނާކުރުމުން މަހަކު 1.2 މިލިއަން ރުފިޔާ ކުންފުންޏަށް ސަލާމަތްކުރެވިފައިވާ ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯ ޖުނައިދު (މ) ގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު
"އެގޮތަށް އަހަރަކު ވިއްސަކަށް މިލިއަން ރުފިޔާ ކީއްވެގެންތޯ މިތަނުން މިދަނީ އަޅުގަނޑާ ސުވާލުކުރެވޭނެ. އެއީ އަޅުގަނޑު ސީއީއޯގެ މަގާމުގައި ހުރީމަ. އެހެންވީމަ އަޅުގަނޑުމެން ކޯޓު އަމުރު މިއަދު އިސްތިއުނާފުކުރާނަން،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ކުރުމުން އެ ކުންފުންޏަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"މެރީޑިއަމުން އަޅުގަނޑުމެންނަށް މި ވިއްކަނީ 12ރ. އަށް ލިޓަރެއް. އަޅުގަނޑުމެން ކުރި އިއުލާނަކާ ގުޅިގެން މިއަދު އަގުތައް ލިބުނުއިރު ހުރީ ލިޓަރެއް 6.90ރ. އަށް އެންމެ ކުޑަކޮށް. [މެރީޑިއަމުން ތެޔޮ ގަތީމަ] ސަރުކާރަށް، ދައުލަތަށް ވަރަށް ބޮޑު ގެއްލުންތަކެއް އެވަނީ،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެރީޑިއަމުން ތެޔޮ ގަތުން ހުއްޓާލުމުން މަގާމު ގެއްލި، ގެއަށް ވަޑައިގަންނަވަން ޖެހުނަސް އެކަމަށް ހުންނެވީ ތައްޔާރަށް ކަމަށާއި އެކަމަކު އެ މަގާމުގައި ދެމިހުންނެވިހާ ދުވަހަކު އެކަން އެގޮތަށް ވިޔަ ނުދެއްވާނެ ކަމަށެވެ.
"އަޅުގަނޑަކަށް ހިއެއްނުވޭ މިއަދުގެ ސަރުކާރުން ވެސް މިކަހަލަ ކަންތައްތަކަށް ތާއީދުކުރާނެ ހެނެއް. އަޅުގަނޑަށް ޔަގީން މިއަދުގެ ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އެއްގޮތަކަށް ވެސް ބޭނުންފުޅެއް ނުވާނެ ދައުލަތުން މިވަރުގެ ބޮޑު ގެއްލުމެއްވާން ދޫކޮށްލަން،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭޕްރިލް 2015ގައި މެރީޑިއަމްއާ ހެދި އެއް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެ، އެ ކުންފުންޏާ އެކު މިދިޔަ އޭޕްރިލް މަހު ދެވަނަ ފަހަރަށް އެއްބަސްވުން އާކޮށްފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުން އޮތް ނަމަވެސް ތިން ވަނަ ފަރާތަކުން ތެޔޮ ނުގަނެވޭނެ ކަމަށް ނެތް ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.
"އަޅުގަނޑު ބިރެއް ވެސް ނުގަނޭ ޖެހިލުމެއް ނުވޭ މިކަމާ ގުޅިގެން. ރައްޔިތުންގެ ފައިސާ ރައްޔިތުންގެ ހައްގުގައި އެހެން ދިމާލަކަށް ދަންޏާ އެ ފައިސާ އަނބުރާ މިތަނަށް ގެނެވޭނެ ގޮތެއް ހަދާނަން،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެރީޑިއަމާ އެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން ތެލުގެ އަގު ހެޔޮ ވެއްޖެ ނަމަ އަގު ހެޔޮކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް މެރީޑިއަމުން އަގު ބޮޑުކުރަމުން އަންނަ ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ.
ތެލުގެ ވިޔަފާރީގައި މެރީޑިއަމް އާއި އެމްޕީއެލްއާ ދެމެދު މައްސަލަ ޖެހިފައި ވާއިރު މީގެ ކުރިން އެސްޓީއޯ އިން ކްރެޑިޓަށް ގަތް ތެލަށް މެރީޑިއަމުން 19.3 މިލިއަން ރުފިޔާ ހޯދަން ކުރި ދައުވާއެއް ވަނީ ސާބިތު ނުވެފަ އެވެ. މާޗް، 2010 އިން ފެށިގެން އެ އަހަރުގެ ނިޔަލަށް އެކިފަހަރު މަތިން މެރީޑިއަމަށް ދޫކުރި ތެލަށް ލިބެންޖެހޭ ފައިސާ އާއި އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 19.3 މިލިއަން ރުފިޔާ ހޯދަން ކުރި ދައުވާ ސިވިލް ކޯޓުން ޖޫން މަހު ނިންމީ އެ ދައުވާގައި ބުނާ ތެޔޮ މެރީޑިއަމް އަށް ދޫކުރިކަން ވެސް ސާބިތު ނުވާ ކަމަށް ކަނޑައަޅައިފަ އެވެ. އެސްޓީއޯ އިން މިހާރު ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
މައްސަލަ އުޅެނީ އެމްޕީއެލް ތެރޭގައި: ރިޔާޒު
މެރީޑިއަމްގެ އެއްބަސްވުން އުވާލަން އެމްޕީއެލްއިން ކޯޓަށް
"މެރީޑިއަމްގެ އެއްބަސްވުން ބޯޑުން ފާހެއް ނުކުރޭ"
މެރީޑިއަމްގެ އެއްބަސްވުން ދަމަހައްޓަން ހުކުމްކޮށްފި
އެމްޕީއެލްއަށް ތެޔޮ ހޯދޭނީ މެރީޑިއަމުން އެކަނި
ޖިންސީ ފުރައްސާރައިގެ ތުހުމަތުން ޖުނައިދު ސަލާމަތްވެއްޖެ
ކެފޭ ބަންދުކުރީ މަހަކު 400،000ރ. ގެއްލުންވާތީ
އެމްޕީއެލް ކެފޭ ބަންދުކޮށް، މުވައްޒަފުންނަށް ނޯޓިސްދީފި
އެމްޕީއެލްގެ ސީއީއޯ ޖުނެއިދު އިސްތިއުފާ ދެއްވައިފި
ބޮޑު ރިޒާވެއް ހުރި ކުންފުނިތަކުގައި އެއްޗެއް ނެތް