Roadha Mihaaru
މައްސަލަ އުޅެނީ އެމްޕީއެލް ތެރޭގައި: ރިޔާޒު

ތެޔޮ ސަޕްލައި ކުރަނީ އުސޫލާ އެއްގޮތަށް، މައްސަލަ އުޅެނީ އެމްޕީއެލްގައި: ރިޔާޒް

13 އޮކްޓޯބަރ 2016

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް މެރީޑިއަމުން ތެޔޮ ސަޕްލައި ކުރުމުގައި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ހިންގާފައި ނުވާނެ ކަމަށާއި މައްސަލަ އުޅެނީ އެމްޕީއެލް ތެރޭގައި ކަމަށް މެރީޑިއަމްގެ ޗެއާމަން ރިޔާޒު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް މެރީޑިއަމުން ތެޔޮ ސަޕްލައި ކުރުމުގައި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ހިންގާފައި ނުވާނެ ކަމަށާއި މައްސަލަ އުޅެނީ އެމްޕީއެލް ތެރޭގައި ކަމަށް މެރީޑިއަމްގެ ޗެއާމަން ރިޔާޒު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މެރީޑިއަމުން އެމްޕީއެލަށް ސަޕްލައިކޮށްދޭ ތެޔޮ އެތައް ގުނައެއް އިތުރުކޮށްގެން ބިލްކޮށް، އޮޅުވާލާފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު އިއްޔެ ވަނީ ތުހުމަތުކުރައްވައިފަ އެވެ.

މެރިޑިއަމުން ތެޔޮ ވިއްކަނީ މާކެޓުގެ އަގަށް ވުރެ ބޮޑުކޮށް ލިޓަރެއް 12ރ. ގެ ރޭޓުން ކަމަށާއި މަހަކު 60،000 ލީޓަރުގެ ތެޔޮ ބޭނުންވާ އިރު މެރީޑިއަމުން މަހަކު 160،000 ލިޓަރުގެ ތެޔޮ ވިއްކާ ކަމަށް ބިލްކޮށްފައިވާ ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ. އެއީ ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާގެ ތެލެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވައި ރިޔާޒް ވިދާޅުވީ ތެޔޮ ސަޕްލައި ކުރުމުގައި މަކަރެއް ހަދާފައި އޮތް ނަމަ، އެއީ އެމްޕީއެލްގެ އެތެރެއިން ހިނގާފައި އޮތް ކަމެއް ކަމަށެވެ. އަދި މެރީޑިއަމުން އުފުލަން ޖެހޭ އެއްވެސް ޒިންމާއެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕީއޯ ނެތި އަހަރުމެން ތެލެއް ދުލެއް ނުކުރާނެ. ޕީއޯ ލިބުނީމަ އޭގައި އޮންނަ އަދަދަށް ތެޔޮ އަޅާފައި ޑެލިވަރީ ނޯޓުގައި އެމީހުންގެ (އެމްޕީއެލް) ސްޓާފަކު ސޮއިކުރާނެ،" ރިޔާޒް ވިދާޅުވި އެވެ.

"އެތަނަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ތެޔޮ ގެންދާކަމަށް ބުނާ ނަމަ، ޕީއޯ ހަދައިގެން ތެޔޮ ގަނެގެން އެތާ ތެރޭގައި ތިބި ބަޔަކު ތެޔޮ ވިއްކާ ނަމަ، އެއީ ޖުނައިދާއި އެމްޕީއެލްގެ މައްސަލައެއް."

އެމްޕީއެލްގެ ސީއީއޯ ޖުނައިދު (މ)ގައި އިއްޔެގެ ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

އެމްޕީއެލްގެ ސީއީއޯ ޖުނައިދު (މ)ގައި އިއްޔެގެ ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ރިޔާޒް ވިދާޅުވީ ރާއްޖޭގައި ތެލުގެ އަގު އޮންނަނީ ކޮންޓްރޯލްކޮށްފައި ނޫން ކަމަށާއި އެކި ކުންފުނިތަކުން ތެޔޮ ވިއްކަމުން އަންނަނީ އެކި ރޭޓަށް ކަމަށެވެ. ތެޔޮ ވިއްކުމުގައި ގެންގުޅޭ އުސޫލަކީ، ރިޔާޒް ވިދާޅުވި ގޮތުގައި، ވަގުތުން ފައިސާ ދޭ ނަމަ، އަގު ހެޔޮވުމެވެ. އަދި އިތުރުވާ ކޮންމެ ދުވަހަކަށް ތެލުގެ އަގު ބޮޑުވަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ވިދާޅުވީ މެރީޑިއަމުން އެމްޕީއެލަށް ދީފައި ވަނީ އެއް މަސް ދުވަހުގެ ކްރެޑިޓާއި ފަސް މިލިއަން ރުފިޔާގެ ލިމިޓެއް ކަމަށެވެ. އެ އުސޫލުގެ ދަށުން އެމްޕީއެލަށް އެއް ފަހަރާ ނެގޭނީ 30 ދުވަހުގެ ކްރެޑިޓެއްގެ ދަށުން ފަސް މިލިއަން ރުފިޔާގެ ތެޔޮ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިންގަޕޫރުން ތެޔޮ ގަންނަން ލިބޭ ރޭޓަކީ މާކެޓް ރޭޓު ކަމަށް ޖުނައިދު ބަލައިގެން ވާހަކަ ދެއްކިޔަސް، ކަމަކު ނުދާނެ. މާލެ ގެންނަ ނަމަ، ފީތަކާ އެއްޗެހި އިތުރުކޮށްގެން ތެޔޮ މި ވިއްކަނީ،" ރިޔާޒް ވިދާޅުވި އެވެ.

"ރާއްޖޭގައި ތެލުގެ އަގު މަތިކޮށް ތިރިކޮށް މި ހަދަނީ އެސްޓީއޯ އިން. ބާޒާރުގައި ހުންނަ ލޯ ގްރޭޑްގެ ތެލަކީ މާކެޓްގެ ތެޔޮ ކަމަށް ބަލައިގެން އެއްވެސް މީހަކު ވާހަކައެއް ނުދައްކާނެ ޖުނައިދު ނޫނީ."

ރިޔާޒް ވިދާޅުވި ގޮތުގައި އެމްޕީއެލާ އެކު ވެފައި އޮތް އެއްބަސްވުމުގައިވާ ގޮތުން ތެލުގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން އަގު ހެޔޮ ވެއްޖެ ނަމަ، އެމްޕީއެލަށް ވެސް އަގު ހެޔޮކޮށް ތެޔޮ ވިއްކަން ޖެހޭނެ އެވެ. އަދި ތެލުގެ އަގު ބޮޑުކޮށްފި ނަމަ، އެމްޕީއެލަށް ވިއްކާ ތެލުގެ އަގު ބޮޑު ކުރަން ޖެހޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ރިޔާޒް ސިފަކުރެއްވި ގޮތުގައި މިއީ މެރީޑިއަމްގެ އަގު ވައްޓާލައި ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެކެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އެއްވެސް ކަމެއް ސާބިތު ކުރެވޭވަރުގެ "ދެ އަކުރުގެ ޑޮކިއުމަންޓެއް" ވެސް ދެއްކިފައި ނުވާ ކަމަށާއި މީޑިއާތަކުން ޑޮކިއުމަންޓްތައް ނުހޯދުމަކީ ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވެ ރިޔާޒް ވަނީ މެރީޑިއަމްގެ އަގު ވެއްޓޭ ގޮތަށް ހަބަރު ފެތުރި މީޑިއާތަކުގެ އިތުރުން ޖުނައިދާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"ސަޕްލައި ނުކުރާ ތެލަކަށް ދީފައި އޮތް އެންމެ ވައުޗަރެއް ވެސް ދީބަލަ، ނޫނީ ބިލެއް މީޑިއާއާ ހިއްސާކޮށްބަލަ،" ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ވިދާޅުވި އެވެ.

މެރީޑިއަމާއި އެމްޕީއެލްއާ ދެމެދު ވެފައިވާ އެއްބަސްވުމެއް އޮތް ނަމަވެސް އެހެން ބައެއްގެ އަތުން ތެޔޮ ގަންނާތީ އެ މައްސަލަ ކޯޓަށް ވެއްދުމުން ސިވިލް ކޯޓުން އަމުރުކޮށްފައި ވަނީ ވަކި ގޮތަކަށް ޝަރީއަތް ނިމެންދެން، މެރީޑިއަމުން ނޫން އެހެން ބައެއްގެ އަތުން އެމްޕީއެލް އަށް ތެޔޮ ނުގަނެވޭނެ ކަމަށެވެ.

އެ އަަމުރު އިސްތިއުނާފް ކުރަން އެމްޕީއެލުން ވަނީ ނިންމައިފަ އެވެ.

ތެލުގެ ވިޔަފާރީގައި މެރީޑިއަމް އާއި އެމްޕީއެލްއާ ދެމެދު މައްސަލަ ޖެހިފައި ވާއިރު މީގެ ކުރިން އެސްޓީއޯ އިން ކްރެޑިޓަށް ގަތް ތެލަށް މެރީޑިއަމުން 19.3 މިލިއަން ރުފިޔާ ހޯދަން ކުރި ދައުވާ ނިމުނީ މެރީޑިއަމް ކޮޅަށެވެ. އެކަމަކު އެސްޓީއޯ އިން މިހާރު ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.