Roadha Mihaaru
ބޮޑު ރިޒާވެއް ހުރި ކުންފުނިތަކުގައި އެއްޗެއް ނެތް

100 މިލިއަން ރުފިޔާގެ ރިޒާވް ހުރި ކުންފުނިތައް ވަނީ ހުސްވެފައި: ރިޔާޒް ރަޝީދު

14 ފެބުރުއަރީ 2017

ބޮޑު ރިޒާވެއް ކުރިން އޮތް ސަރުކާރުގެ ބައެއް ކުންފުނިތަކުގައި ފައިސާ ނެތް ކަމުގެ ވާހަކަތައް ދެކެވޭތީ އެ މައްސަލަ ބަލަން ޖެހޭ ކަމަށް ވިލުފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބޮޑު ރިޒާވެއް ކުރިން އޮތް ސަރުކާރުގެ ބައެއް ކުންފުނިތަކުގައި ފައިސާ ނެތް ކަމުގެ ވާހަކަތައް ދެކެވޭތީ އެ މައްސަލަ ބަލަން ޖެހޭ ކަމަށް ވިލުފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

މާލިއްޔަތު ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރުކަން ކުރައްވާ ރިޔާޒް ވިދާޅުވީ 50 މިލިއަން ރުފިޔާ އިން ނުވަތަ 100 މިލިއަން ރުފިޔާގެ ރިޒާވެއް ކުރިން އޮތް ސަރުކާރުގެ ބައެއް ކުންފުނިތައް "ހުސްވެފައިވާ" ކަމަށެވެ.

"ކުރިން 50 މިލިއަން ނުވަތަ 100 މިލިއަން ރުފިޔާ ސޭވިން އެކައުންޓްގައި ހުރި ކުންފުނިތައް މިހާރު ހުސްވެއްޖެ. މި ވާހަކަ ބޭރު ތެރޭގައި އެބަ ދެކެވޭ،" ރިޔާޒް ވިދާޅުވި އެވެ.

ސަރުކާރުގެ ބައެއް ކުންފުނިތައް ހިންގަނީ ރަނގަޅަށް ނޫން ކަމަށާއި އެ ތަންތަނުގައި ތިއްބެވި ބައެއް ބޭފުޅުން ނުބައި ނިޔަތުގައި ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ރަނގަޅު ނިޔަތުގައި ކަންކަން ކުރެއްވި ނަމަވެސް، ކުންފުނިތަކުގައި ތިއްބެވި ބޭފުޅުން އެގޮތަށް އަމަލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެއީ ސަރުކާރުގެ ކޮން ކުންފުނިތަކެއް ކަމެއް ރިޔާޒް ވިދާޅެއް ނުވެ އެވެ.

"ތަންތަނުގައި ތިއްބެވި ބައެއް ބޭފުޅުން ނުބައި ނިޔަތުގައި ކަންކަން ކުރަމުން އެބަދޭ. ތަންތަނުގައި ތިއްބަވާ ބޭފުޅުން ޖަވާބުދާރީ ކުރުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ،" ރިޔާޒް ވިދާޅުވި އެވެ.

"މިއީ ގައުމީ މަސްލަހަތު އިސްކޮށްގެން ދައްކާ ވާހަކަ، ރައީސް ބޭނުންފުޅެއް ނުވާނެ ބަޖެޓް ޑެފިސިޓްވެ، ކުރަން ނުޖެހޭ ކަންކަން ކުރާކަށް،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ބައެއް ކުންފުނިތަކުގެ ބޭނުމަށް ވެހިކަލްތައް ރާއްޖޭން ބޭރުން ގަނެގެން ގެންނައިރު، ވެހިކަލްތައް ގެންނަނީ ކުންފުންޏަށް ބޭނުންވާ ވަރަށްތޯ ނުވަތަ އިސްރާފް ކުރުމުގެ ގޮތުން ގެންނަ ވެހިކަލްތަކެއްތޯ ބަލަން ޖެހޭ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ވެހިކަލްތައް އެތެރެކުރަމުން އަންނަ ކުންފުނިތަކަށް ބަލާއިރު، އެ ކުންފުނިތަކުން ގެނެސްފައި ހުރި ވެހިކަލްތަކަކީ މިވަގުތަށް ކޮންމެހެން ބޭނުންނުވާ މިންވަރަށް ގެނެސްފައި ހުރި ވެހިކަލްތައް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ލޯނު ނަގައިގެން ވެހިކަލްތައް ގެންނަ ނަމަ، ޒިންމާ ނަގަން ޖެހޭނީ ދައުލަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިތަނުގައި ސިޔާސީ ކުރާނެ ކަމެއް ނެތް މި ވާހަކަ، މިއީ އިގްތިސާދީ ވާހަކަ، ސިޔާސީ ނުކޮށް މިކަން ހިނގަނީ ކިހިނެއްކަން ބަލަމާ. ކުންފުނިތަކުން ސްޕޮންސާ ދޭ ގޮތް ވެސް ބަލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ތެރެއިން މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަން ލިމިޓެޑް (އެމްއާރުޑީސީ) ލޯނު ނަގައިގެން ވެހިކަލްތައް ގެންނަމުންދާ ކަމަށެވެ. އެ ކުންފުނިތަކުން ސަރުކާރުން އެއްވެސް ބޭންކް ގެރެންޓީއެއް ދިންތޯ ބަލައި، ލޯނު ނެގި ގޮތުގެ މައުލޫމާތު ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެޓީގެ މުގައްރިރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މާލިއްޔަތު ކޮމެޓީގެ ދައުރު އޮތް މިންވަރަކުން ކުރިއަށް ދާނެ ގޮތްތަކެއް ކަނޑައަޅާނެ ކަމަށެވެ. އަދި ކޮމެޓީން ކުރިއަށް ގެންދެވޭނީ ކޮން މަސައްކަތްތަކެއް ކަން ބަލާފައި މެމްބަރުންނަށް ޖަވާބު ދެއްވާނެ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

އެމްއާރުޑީސީ އަށް ދާދި ފަހުން އަލަށް 88 ވެހިކަލް ގެނައިއިރު، ވެހިކަލްތަކުގެ ތެރޭގައި ފޯކްލިފްޓާއި ލޮރީ އާއި ތާރު އެޅުމަށް ބޭނުންކުރާ ސާމާނާއި އެކްސްކެވޭޓަރު ފަދަ ވެހިކަލްތައް ހިމެނެ އެވެ. އެމްއާރުޑީސީގެ އިތުރުން އެމްޕީއެލް އާއި އެމްޓީސީސީގެ ބޭނުމަށް ވެސް ވެހިކަލްތަކެއް ދާދި ފަހުން ގެނަ އެވެ.