Roadha Mihaaru
އީސީގައި ތިއްބެވީ ކުފޫ ހަމަވާ ބައެއް ނޫން: ޝިފާޒު

އީސީގައި ތިއްބެވީ މެމްބަރު ކަމަށް ކުފޫ ހަމަވާ ބޭފުޅުންނެއް ނޫން: ޝިފާޒް

12 އޮކްޓޯބަރ 2016

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ އެފަދަ ކޮމިޝަނަކަށް ކުފޫ ހަމަވާ ބޭފުޅުންތަކެއް ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ އެފަދަ ކޮމިޝަނަކަށް ކުފޫ ހަމަވާ ބޭފުޅުންތަކެއް ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތައް ހިންގާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީއެއްގައި ވަނީ، ޕާޓީތަކަށް މި އަހަރު ކަނޑައަޅާފައިވާ ފައިސާ ދިނުން ފަސްކޮށްފައިވާ ކަމަށެވެ.

މި ސިޓީއާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް "މިހާރު"އާ ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ސިޔާސީ އެއްވެސް ޕާޓީއަކަށް އީސީ އިން އިހުތިރާމް ނުކުރާ ކަމަށާއި އެ ކޮމިޝަންގައި ތިއްބެވީ ރައީސް އަބްދުﷲ ޔާމީންގެ "ޕަޕެޓުން" ކަމަށެވެ.

ސިޔާސީ ޕާޓީތަކަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަނީ ޕާޓީތަކަށް ދަތިވާގޮތަށް ކަމަށް ޝިފާޒު ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ނެންގެވީ ޕާޓީގެ މެމްބަރުން އުނިކުރުމާއި ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ނުދީ ހިފަހެއްޓުމެވެ.

"ޕާޓީތައް ވަރުގަދަކުރުމަށް އީސީން މަސައްކަތެއް ނުކުރޭ. އެ ކޮމިޝަނުން މަސައްކަތް ކުރާނީ ރައީސް [ޔާމީން] އަންގަވާ ގޮތަށް،" ޝިފާޒު ވިދާޅުވި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާޒް ވާހަކަ ދައްކަވަނީ.--- ފޮޓޯ:މިހާރު

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާޒް ވާހަކަ ދައްކަވަނީ.--- ފޮޓޯ:މިހާރު

ޕާޓީތަކަށް އީސީ އިން ފޮނުވި ސިޓީގައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އަސާސީ ގަވާއިދުތަކާ ހިލާފުވެ ޕާޓީތައް ހިންގާ ގޮތާ މެދު ކަންބޮޑުން ފާޅުކޮށްފަ އެވެ. އެ ސިޓީގައި އެމްޑީޕީއާ އަދާލަތު ޕާޓީއަށް ނިސްބަތްކޮށްފައި ބުނެފައިވަނީ، ބައެއް ސިޔާސީ ޕާޓީތަކުގެ އިސް މަގާމު ހުސްވެފައިވާއިރު ވެސް އެ މަގާމަށް ބޭފުޅަކު އިންތިހާބުކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، ޕާޓީގެ މުހިއްމު ބޮޑެތި ހަރަދުތައް ކުރުމާ ގުޅޭ ޝަކުވާތައް ލިބޭ ކަމަށް އީސީ އިން ބުންޏެވެ.

ނަމަވެސް ޝިފާޒު އެ ވާހަކަތައް ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވީ ފައިސާގެ ކަންތައްތައް ބެލެހެއްޓަށް އެމްޑީޕީން އިންތިހާބުކުރި ބޭފުޅަކު ހުންނާނެ ކަމަށާއި އެ މަސައްކަތްތައް ދަނީ އޭނާގެ ބެލުމުގެ ދަށުން ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދޭނެ ފައިސާ ދައުލަތުގައި ނެތުމުން އެކަމަށް ވެސް އީސީން ބަހަނާ ދައްކަނީ ކަމަށާއި އެކަންތައް އޮތް ގޮތް ޕާޓީތަކަށް ކިޔައިދިނުން ރަނގަޅު ކަމަށެވެ.

ޝިފާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަން ފަދަ މިނިވަން މުއައްސަސާއެއް ހިންގުމުގެ ގާބިލްކަން އެތަނުގެ މެމްބަރުންގެ ކިބައިގައި ހުރި ކަމަށް އޭނާއަށް ގަބޫލެއް ނުކުރެއްވެ އެވެ.