Roadha Mihaaru
ލީޑަރުންނާމެދު ފިޔަވަޅު އަޅާނީ ޕާޓީ ނިޒާމް ހަލާކުކުރަން

ޕާޓީތަކުގެ ލީޑަރުންނާމެދު ފިޔަވަޅު އަޅާނީ ޕާޓީ ނިޒާމް ހަލާކުކޮށްލަން: އެމްޑީޕީ

13 ޖޫން 2016

ޕާޓީތަކުގެ ވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލު ގެންނަން އުޅެނީ ޕާޓީ ނިޒާމް ހަލާކުކޮށްލަން ވެގެން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕާޓީތަކުގެ ވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލު ގެންނަން އުޅެނީ ޕާޓީ ނިޒާމް ހަލާކުކޮށްލަން ވެގެން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

ސިޔާސީ ޕާޓީތަކުގެ ލީޑަރުން ގާނޫނާ ހިލާފުވެއްޖެ ނަމަ އެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ވިސްނުން ގެންގުޅޭ ކަމަށް އިލެކްޝަނުން ކޮމިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު "މިހާރު" އަށް ވިދާޅުވީ ޕާޓީ ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ސަރުކާރު ޖަވާބުދާރީ ކުރުމުގައި އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރެވޭނެ ކަމަށެވެ. އެހެން ކަމުން ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން، ޕާޓީތަކުގެ ލީޑަރުންނާ މެދު ފިޔަވަޅު އަޅަނީ ޑިމޮކްރަސީއާ ޕާޓީ ނިޒާމް ހަލާކުކޮށްލަން ވެގެން ކަމަށް ވިދާޅުވި އެވެ.

"އެއީ މުޅި ޖަމާއަތް ނަގަން ޖެހޭ ޒިންމާއެއް، ވަކި ފަރުދަކު ނަގަންޖެހޭ ގޮތަށް އެ ބަދަލު ގެންނަން އެ އުޅެނީ. އެއީ ޕާޓީގެ ލީޑަރުންނަށް ޖަމާއަތްތައް ހަދައިގެން އުޅޭ މީހުންނަށް އެކަންތައް ކުރިޔަ ނުދޭން ކުރާ ކަމެއް. ސީދާ ޕާޓީ ނިޒާމާ ދެކޮޅަށް ކުރާ ކަމެއް،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވަނީ އީސީން އެ ގާނޫނަށް ބަދަލު ގެންނަން އުޅެނީ ސީދާ އެމްޑީޕީ އަށް އަމާޒުކޮށްގެން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެއީ އެމްޑީޕީ ވަރުގަދަވުމުން ބަލިކަށިކުރަން ކުރާ ކަމެއް ކަމަށާއި ނަމަވެސް އެފަދަ ކަމެއް ކުރުމަކީ "ފޫނެތް ފަޔަށް ފެންފުރުން" ފަދަ ކަމެއް ކަމަށެވެ.

ޝިފާޒް ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުން އެމްޑީޕީން ބުރަ މަސައްކަތް ކުރާ ކަމަށާއި ޖަލްސާތަކާއި އެއްވުންތައް ބާއްވާނެ ޖާގަ ނުލިިބިގެން މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރަން ދަތިވާ ކަމަށެވެ.

"އިދިކޮޅު ޕާޓީއެއްގެ ގޮތުން އެ އިރެއްގައި މަސައްކަތް ކުރަންޖެހޭ ގޮތަކަށް މި މަސައްކަތް ކުރަނީ. ވަރަށް ދަތި ހާލުގައި މިހާރު މަސައްކަތް ކުރަމުން އަންނަނީ ވެސް. ސިޔާސީ މައިދާނުގައި ކަންތައް ހުރި ގޮތުން އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަނީ ރައީސް ޔާމީނާ ދެކޮޅަށް ތިބި މީހުން ހޯދައި އެންމެންނާއެކު މަސައްކަތް ކުރުން،" ޝިފާޒް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން ޕާޓީތަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމުގެ ބާރު އީސީ އަށް ލިބެ އެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި އުޅުއްވާ ބޭފުޅުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރެއް ނޯވެ އެވެ. އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅުމުގެ ވިސްނުން ގެންގުޅެނީ ޕާޓީތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުންނެވެ.