Roadha Mihaaru
ލޮކްޑައުންއާ ޚިލާފްވެގެން 78 މީހަކު ޖޫރިމަނާކޮށްފި

ލޮކްޑައުންއާ ޚިލާފްވެގެން 78 މީހަކު ޖޫރިމަނާކޮށްފި

19 އެޕްރީލް 2020

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވަނިކޮށް ބޭރަށް ނުކުމެގެން މިހާތަނަށް 78 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވަނިކޮށް ބޭރަށް ނުކުމެގެން މިހާތަނަށް 78 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮޮވިޑް-19 އަށް މާލެ އިން ބަޔަކު ޕޮޒިޓިވްވުމާ އެކު މާލެ ސަރަހައްދު 14 ދުވަހަށް ވަނީ ލޮކްޑައުންކޮށްފަ އެވެ. އަދި ލޮކްޑައުން އެންގުމާ ޚިލާފްވާ ފަރާތްތަކަށް މިރެއިން ފެށިގެން ނަސޭހަތް ދިނުން ހުއްޓާލައި، ޖޫރިމަނާ ކުރަން ފަށާނެ ކަމަށް ފުލުހުން އޮތީ ބުނެފަ އެވެ.

ފުލުހުން ބުނީ ލޮކްޑައުންއާ ޚިލާފަށް ބޭރަށް ނުކުމެގެން މިހާތަނަށް 78 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި މުދާ ޑެލިވަރީ ކުރުމަށް މިއަދު އެކަނި ވެސް 279 ފަރާތަކަށް ހުއްދަ ދީފައިވާއިރު، މިހާތަނަށް 3،400 އަށް ވުރެ ގިނަ ފަރާތަށް ޑެލިވަރީ ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ލޮކްޑައުންއާ ޚިލާފްވާ ކޮންމެ މީހަކު ޖޫރިމަނާ ކުރާނީ 1،000ރ. އިންނެވެ. އަދި ދެވަނަ ފަހަރު އެކަން ތަކުރާރުކޮށްފި ނަމަ، ގާނޫނުލް އުގޫބާތުގެ ދަށުން އެ މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގާނެ ކަމަށް ވެސް ފުލުހުން އޮތީ ބުނެފަ އެވެ.

ލޮކްޑައުންއާ ޚިލާފްވެގެން 78 މީހަކު ޖޫރިމަނާ ކުރިއިރު، ޒަރޫރީ ބޭނުންތަކުގައި ކޮންމެ ތިން ދުވަހުން އެއް ދުވަހު އެއް ގަޑިއިރަށް ބޭރަށް ނުކުތުމުގެ ފުރުސަތު ދޭން ފުލުހުން ކުރިން އޮތީ ނިންމައިފަ އެވެ. އެގޮތުން މާލެ 26 ޒޯނަކަށް ބަހާލުމަށް ފަހު ވަކި ސަރަހައްދެއްގައި އުޅެވޭ ގޮތަށް ހާއްސަ ހުއްދައެއް ދޭން ނިންމައި، އެކަމަށް އެދުމުގެ ފުރުސަތު ފުލުހުން އޮތީ ހުޅުވާލައިފަ އެވެ. އަދި އެކަމަށް ޚާއްސަ ޕޯޓަލްއެއް ވެސް އޮތީ ގާއިމްކޮށްފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން މިިހާތަނަށް 52 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި މިހާރު ގިނައީ ބިދޭސީންނެވެ. އަދި އޭގެކުރިން އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި ފިލިޕީންސް އިން ރާއްޖެ އައި ދިވެއްސަކު ވެސް އެ ބައްޔަށް ޕޮޒިޓިވްވި އެވެ.