Roadha Mihaaru
ހިމަންދޫން ފުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ހުއްދަ ނެތި ހިމަންދޫން ފުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

01 މެއި 2020

ހުއްދަ ނެތި އއ. ހިމަންދޫން ފުރަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުއްދަ ނެތި އއ. ހިމަންދޫން ފުރަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ކޮވިޑް-19 ފެތުރޭތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެއް ރަށުން އަނެއް ރަށަށް ހުއްދަ ނެތި ދަތުރު ކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ.

ފުލުހުން ބުނީ ޑިންގީއެއްގައި ހިމަންދޫން ފުރަން އުޅުނު މައްސަލާގައި ރޭ ހައްޔަރުކުރީ 28 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 32 އަހަރުގެ މީހެއް ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ޑިންގީގައި ފުރި ތަން އެ ރަށުގެ ކޮވިޑް ޓާސްކް ފޯހުގެ އޮފިޝަލުންނަށް ފެނިގެން ޓޯޗުން އަލިކުރަން ފެށުމުން އެނބުރި ރަށަށް އައުމުން ކަމަށް ފުލުހުން ބުންޏެވެ.

އެހެން ބައެއް ރަށްރަށަށް ވެސް ހުއްދަ ނެތި ދިއުމާއި ރަށުން ފައިބަން އުޅުނު މައްސަލަތަކުގައި ބައެއް މީހުން ކުރިން ހައްޔަރުކޮށްފައިވެ އެވެ.

މީގެ އިތުރުން މާލެ ސަރަހައްދު ލޮކްޑައުންކޮށް، މަގުތަކަށް ނިކުތުން މަނާކޮށްފައި ވަނިކޮށް ހުއްދަ ނެތި މަގުމައްޗަށް ނިކުތުމުން ވެސް ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިިހާތަނަށް 400 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީންގެ ވެސް ގިނަ އަދަދަކަށް ހިމެނެ އެވެ.