Roadha Mihaaru
މިއީ ސަރުކާރަށް އެހީތެރިވާންވީ ވަގުތު: އުޝާމް

މިއީ ސަރުކާރަށް އެހީތެރިވާންވީ ވަގުތު، އޯވަޑްރޯކުރުން ނޫން ގޮތެއް ސަރުކާރަކަށް ނެތް: އުޝާމް

25 އެޕްރީލް 2020

ޕަބްލިކް ބޭންކް އެކައުންޓުން 4.4 ބިލިއަން އޯވަޑްރޯ ކުރުމުގެ ހުއްދައަކަށް ސަރުކާރުން އެދޭނީ އިގްތިސާދީ ހާލަތު ވަރަށް ގޯސްވީމާކަން ގަބޫލުކުރަންޖެހޭ ކަމަށާއި މިއީ ސަރުކާރަށް އެހީތެރިވާންވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޕަބްލިކް ބޭންކް އެކައުންޓުން 4.4 ބިލިއަން އޯވަޑްރޯ ކުރުމުގެ ހުއްދައަކަށް ސަރުކާރުން އެދޭނީ އިގްތިސާދީ ހާލަތު ވަރަށް ގޯސްވީމާކަން ގަބޫލުކުރަންޖެހޭ ކަމަށާއި މިއީ ސަރުކާރަށް އެހީތެރިވާންވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފް ދެއްކެވި ވާހަކަ އަށް ލިޔެފައިވާ ޚަބަރެއް ޓްވިޓްކުރައްވައި އުޝާމް ވިދާޅުވީ އޯވަޑްރޯ ކުރުން ފިޔަވައި ސަރުކާރަށް މިވަގުތު ކުރެވޭނެ ކަންތައްތަކެއް ހުރި ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ އުޝާމް އެ އިޝާރާތް ކުރެއްވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން ރާއްޖެ އާއި އެހެން ގައުމުތަކުން އެޅި ފިޔަވަޅުތަކާ އެކު ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ބޮޑެތި މައްސަލަތަކުގެ ސަބަބުން އުފެދިފައިވާ ހާލަތަށެވެ. މިހާލަތުގައި ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދަރަންޏަށް ފައިސާ ނެގުމަށް ނުވަަތަ "ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް" ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނޫގެ ބައެއް މާއްދާތައް ސަސްޕެންޑްކުރަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ހުއްދައިގެ ދަށުން ނަގާ 4.2 ބިލިއަން ރުފިޔާ ބޭނުންވަނީ ކޮން ކަންތައްތަކަށް ކަން އެނގޭނެ ތަފްސީލް ކަރުދާހެއް ވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ.

އުޝާމް ވިދާޅުވީ ސަރުކާރަށް އެނޫން ގޮތެއް ނެތް ކަމަށާއި އެކަމުގައި ސަރުކާރަށް އެހީތެރިވާން ޖެހޭ ކަމަށެވެ.

"ޕަބްލިކް ބޭންކް އެކައުންޓުން 4.4 ބިލިއަން އޯވަޑްރޯކުރުމުގެ ހުއްދައަކަށް ސަރުކާރުން އެދޭނީ އިގްތިސާދީ ހާލަތު ވަރަށް ގޯސްވީމަކަން ގަބޫލުކުރަންޖެހޭ. މިއީ ސަރުކާރަށް އެހީތެރިވާންވީ ވަގުތު. އޯވަޑްރޯކުރުން ފިޔަވައި މިވަގުތު ސަރުކާރަށް ވެސް އިތުރު އޮޕްޝަންތަކެއް ހުރިކަމަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގެ ބަހުސްގައި ހަސަން ލަތީފް މިއަދު ވިދާޅުވީ ސަރުކާރަށް ކުރިމަތިވި މާލީ މައްސަލަތައް ރައްޔިތުންގެ މަޖިލީހާ ހިއްސާކުރީ މާ ލަހުން ކަމަށެވެ. އިގުތިސާދަށް ކުރިމަތިވެފައިވާ މައްސަލައިގެ ބޮޑުކަން ސިފަކުރައްވަމުން، ފިނޭންސްް މިނިސްޓަރު އިބްރާހީމް އަމީރު އިއްޔެ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

މިއަދުގެ ޖަލްސާގައި ހަސަން ވިދާޅުވީ އިގްތިސާދު އެ ހާލަތަށް ދިއުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް އެ މައުލޫމާތު ދޭންވާނެ ކަމަށެވެެ.

"ރާއްޖޭގެ އިގްތިސާދު ވެންޓިލޭޓަރުގައި އޮތް އިރު، އަޅުގަނޑުމެން އެއްވެސް މީހަކަށް އެކަން ސަރުކާރުންް އަންގާލާފައި ނެތީމާ ދެން އެ ކުރެވުނު އިހްސާސް. އެކަމަކު މި ދަންނަވަނީ މި ގައުމުގެ އިގްތިސާދުގެ ވާހަކަ ވިއްޔާ. އަޅުގަނޑުމެން ވެސް ހަމަ ދިރި މި ތިބީ މި ދުނިޔޭގައި އަދި. އަންގާލަން ވާނެ ނޫންހޭ އަޅުގަނޑު ހިތަށް އަރަނީ،" ހަސަން ވިދާޅުވި އެވެ.

ސަރުކާރުން އެދުނު ގޮތަަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރަން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ގޮތެއް ނިންމުން ލަސްވާ ކަމަށް ވިދާޅުވެ، އިއްޔެ ވެސް ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.