Roadha Mihaaru
"ހާކިއުލެސް" ގެ ލައިވް-އެކްޝަން ރުޒޯ ދެބެއިންނާ އެކު

ޑިޒްނީގެ "ހާކިއުލެސް" ގެ ލައިވް-އެކްޝަން ރުޒޯގެ ދެބެއިންނާ އެކު

02 މެއި 2020

ޑިޒްނީން މީގެ 23 އަހަރު ކުރިން ގެނެސްދިން އެނިމޭޓެޑް ފިލްމު "ހާކިއުލެސް" ގެ ލައިވް-އެކްޝަން ފިލްމެއް މަޝްހޫރު ޑައިރެކްޓަރުން/ޕްރޮޑިއުސަރު ރުޒޯގެ ދެބެއިންގެ ހިއްސާ އެކު ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިޒްނީން މީގެ 23 އަހަރު ކުރިން ގެނެސްދިން އެނިމޭޓެޑް ފިލްމު "ހާކިއުލެސް" ގެ ލައިވް-އެކްޝަން ފިލްމެއް މަޝްހޫރު ޑައިރެކްޓަރުން/ޕްރޮޑިއުސަރު ރުޒޯގެ ދެބެއިންގެ ހިއްސާ އެކު ގެނެސްދޭން ނިންމައިފި އެވެ.

ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރިކޯޑް އޮތް އަދި މިދިޔަ އަހަރު ރިލީޒްކުރި "އެވެންޖާޒް: އެންޑްގޭމް" ގެ ދެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯސެފް ރުޒޯ ޕްރޮޑިއުސަރުންގެ ގޮތުގައި ޑިޒްނީއާ ހިއްސާވެގެން ހަދާ ފިލްމުގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ މާވެލް ސްޓޫޑިއޯސްގެ "ޝަންގް-ޗީ" އާއި "ލެޖެންޑް އޮފް ޓެން ރިންގްސް" ގެ ސްކްރީންރައިޓަރު ޑޭވް ކަލަހަމްއާ އެވެ.

ހޮލީވުޑް ރިޕޯޓާ އިން ބުނިގޮތުގައި "ހާކިއުލެސް" ގެ ލައިވް-އެކްޝަން ފިލްމު ޑައިރެކްޓްކުރާނެ މީހަކު އަދި ނުނިންމަ އެވެ. އެކަމަކު ފިލްމުގެ ކާސްޓަށް ގެންނާނެ ތަރިންނާ ދޭތެރޭ މިހާރު އަންނަނީ ވިސްނަމުންނެވެ.

އެގޮތުން "ހާކިއުލެސް" ގެ ރޯލްތަކުން ލަވަކިޔުންތެރިޔާ އަރިއާނާ ގްރަންޑޭ އާއި އިޑްރިސް އަލްބާގެ އިތުރުން ރަޔަން ގޮޒްލިން ފަދަ ތަރިން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

ފިލްމުގެ މަސައްކަތް އަދި އޮތީ ވަރަށް ކުރީގެ މަރުހަލާއެއްގައިކަމުން ޝޫޓިން ފަށާނެ އިރަކާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ. ރުޒޯ ދެބޭންގެ ފިލްމު ކުންފުނި އޭޖީބިއޯ އިން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ މަހުގެ 24 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފެށި ކްރިސް ހެމްސްވޯތުގެ "އެކްސްޓްރެކްޝަން" އެވެ.

"ހާކިއުލެސް" އަކީ 1997 ގައި ރޮމް ކްލެމެންޓްސް އާއި ޖޯން މަޒްކާ ޑައިރެކްޓްކުރި ފިލްމެކެވެ. ޖުމްލަ 85 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 252.7 މިލިއަން ޑޮލަރު ލިބުނެވެ.