Roadha Mihaaru
"ޕީޓަ ޕޭން" ގެ ރޯލެއް ޖޫޑް ލޯ އަށް

"ޕީޓަ ޕޭން" ގެ ރޯލެއް ޖޫޑް ލޯ އަށް

08 ޖުލައި 2020

ޑިޒްނީން ހަދަން ނިންމާފައިވާ "ޕީޓަ ޕޭން" ގެ ލައިވް-އެކްޝަން ފިލްމުގެ ރޯލަކަށް މަޝްހޫރު އެކްޓަރު ޖޫޑް ލޯ ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިޒްނީން ހަދަން ނިންމާފައިވާ "ޕީޓަ ޕޭން" ގެ ލައިވް-އެކްޝަން ފިލްމުގެ ރޯލަކަށް މަޝްހޫރު އެކްޓަރު ޖޫޑް ލޯ ސޮއިކޮށްފި އެވެ.

ވެރައިޓީން ބުނިގޮތުގައި 47 އަހަރުގެ އެކްޓަރަށް ފިލްމުން ދީފައި ވަނީ ކެޕްޓަން ހުކްގެ ރޯލެވެ. "ޕީޓަ ޕޭން އެންޑް ވެންޑީ" ގެ ނަން ދީފައިވާ ފިލްމުގެ ޓައިޓްލް ރޯލްތައް ކުޅޭނީ އެލެގްޒެންޑާ މޮލަނީ އާއި އަލަށް ތައާރަފުކުރާ އިވާ އެންޑަސަނެވެ.

ފިލްމު ޑައިރެކްޓްކުރަން ހަވާލުކޮށްފައި ވަނީ 2016 ގެ "ޕީޓްސް ޑްރެގަން" އާއި 2017 ގެ "އަ ގޯސްޓް ސްޓޯރީ" ގެ އިތުރުން 2018 ގެ "ދި އޯލްޑް މޭން އެންޑް ދަ ގަން" ގެ ޑައިރެކްޓަރު ޑޭވިޑް ލޮވެރީއާ އެވެ.

ވެރައިޓީން ބުނިގޮތުގައި "ޕީޓަ ޕޭން އެންޑް ވެންޑީ" ގެ ސްކްރީންޕްލޭ ލިޔަނީ ޑޭވިޑާއި ޓޮބީ ހޮލްބުރޫކެވެ.

ނަމަވެސް ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.

"ޕީޓަ ޕޭން އެންޑް ވެންޑީ" އަކީ ޑިޒްނީން 1953 ގައި ގެނެސްދިން އެނިމޭޓެޑް ފިލްމު "ޕީޓަ ޕޭން" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

ޑިޒްނީން މި ފަހަކަށް އައިސް އަންނަނީ އެ ސްޓޫޑިއޯ އިން ކުރިން ގެނެސްދީފައި ހުރި އެނިމޭޓެޑްތައް ފިލްމުތައް ލައިވް-އެކްޝަންގެ ގޮތުގައި ގެނެސްދީގެން ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތައް ވެސް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު ވަނީ "އަލައްދިން" އާއި "ލަޔަން ކިންގް" ގެނެސްދީފަ އެވެ. އެ ދެ ފިލްމަކީ ވެސް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ދެ ފިލްމެވެ.

ޑިޒްނީން ދެން އެންމެ އަވަހަށް ގެނެސްދޭން އޮތް ލައިވް-އެކްޝަން ފިލްމަކީ "މުލާން" އެވެ. ކުރިން މިދިޔަ މާޗް މަހުގެ 9 ގައި ގެނެސްދޭން އޮތް ފިލްމު މިހާރު ތާވަލުކޮށްފައި ވަނީ އޮގަސްޓް 21 ގަ އެވެ.