Roadha Mihaaru
ކޮވިޑްގެ ނުރައްކާއޮތް ހުރިހާ ބިދޭސީން ކަރަންޓީން ކުރަނީ

ކޮވިޑް-19 ގެ ނުރައްކާ އޮތް ހުރިހާ ބިދޭސީން ކަރަންޓީން ކުރަން އަންގައިފި

02 މެއި 2020

މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ނުރައްކާ އޮތް ހުރިހާ ބިދޭސީން ކަރަންޓީން ކުރަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު އަންގައިފި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ނުރައްކާ އޮތް ހުރިހާ ބިދޭސީން ކަރަންޓީން ކުރަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު އަންގައިފި އެވެ.

އޭނާ މިހެން އެންގެވިއިރު، ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި 400 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 331 މީހުންނަކީ ބިދޭސީންނެވެ. އޭގެ ތެރޭގައި ވެސް ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނެވެ. އެ ގައުމުގެ 261 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން އުޅެނީ ކުދިކުދި ތަންތަނުގައި ވަރަށް ބޮޑަށް ތޮއްޖެހިގެންނެވެ. އަދި މިހާތަނަށް ފެނުނު ގިނަ ކްލަސްޓާތަކުގައި ވެސް އެގޮތަށް ތޮއްޖެހިގެން އުޅޭ ބިދޭސީން ގިނަ ކަމަށް އެޗްޕީއޭ އިން ވެސް ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ މިއަދު ނެރުއްވި އެންގެވުމުގައި ވަނީ ކޮވިޑް-19 ގެ ނުރައްކާ އޮތް ބިދޭސީން ކަރަންޓީން ކުރުމާ ގުޅޭ އުސޫލުތައް ބަޔާން ކުރައްވައިފަ އެވެ. އެގޮތުން ކަރަންޓީން ކުރާ ބިދޭސީ މަސައްކަތްތެރިން ހަތަރު ބަޔަކަށް އޭނާ ވަނީ ބައްސަވައިފަ އެވެ.

ފުރަތަމަ ބައިގައި ހިމެނެނީ ވަޒީފާ އަދާކުރަން ވަކި ތަނެއް ނެތި ނުވަތަ ދިރިއުޅޭނެ ޚާއްސަ ތަނެއް ކަނޑައެޅިފައި ނެތް ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ކޮވިޑް-19 އާންމުކޮށް ފެތުރުމުގެ ފުރުސަތު ބޮޑު މީހުންނެވެ.

ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ކަރަންޓީން ކުރަންޖެހޭ ދެވަނަ ބައިގައި ހިމެނެނީ، ފުލުހުން މިހާރު މޮނީޓަ ކުރަމުން އަންނަ އެޑްރެސްތަކުގައި އުޅޭ މީހުންނެވެ. އެ އެޑްރެސްތަކުގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންނަކީ ކޮވިޑް-19 އަށް މިހާރު ޕޮޒިޓިވް ވެފައިވާ ގިނަ މީހުންނާ ގުޅުން އޮތް ބަޔަކަށް ވާތީ، އެ މީހުން ވެސް ކަރަންޓީން ކުރަން ނިންމެވީ ކަމަށް މައިމޫނާގެ އެންގެވުމުގައި ވެ އެވެ.

ބިދޭސީން ދިރިއުޅޭ 23 ތަނެއް ފުލުހުން މިހާރު އަންނަނީ ބަލަހައްޓަމުންނެެވެ. އެއީ ޖާގައިގެ ގޮތުން ވަރަށް ކުދިކުދި އަދި ވަރަށް ގިނަ ބިދޭސީންތަކެއް ތޮއްޖެހިގެން އުޅޭ، ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ތަންތަނެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް އެފަދަ ދެ ތަނަކުން 95 ބިދޭސީއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ކަރަންޓީން ކުރަންޖެހޭ ތިންވަނަ ބައިގައި ކަނޑައަޅާފައި ވަނީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް ދިމާވެފައިވާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން އެ ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ނުވަތަ ނުރައްކާ އޮތް ކަމަށް ގަބޫލު ކުރެވޭ މީހުންނެވެ.

ހަތަރުވަނަ ބައިގައި ހިމަނާފައި ވަނީ އެ ތިން ކެޓަގަރީ އަށް ވެސް ނުފެތޭ އެކަމަކު ކޮވިޑް-19 ގެ ނުރައްކާ އޮތް ކަމަށް ގަބޫލު ކުރެވޭ އެންމެހައި ބިދޭސީ މަސައްކަތްތެރިންނެވެ.

ކޮވިޑް-19 ގެ ނުރައްކާ އޮތް ބިދޭސީން ކަރަންޓީން ކުރަންޖެހެނީ މައިމޫނާގެ އެންގެވުމުގައިވާ ގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ކަނޑައަޅާ ތަނެއްގަ އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ގިނަ މީހުންގެ ތެރެއިން މާލޭގެ ބާޒާރުމަތީގެ ފިހާރަތަކުގައި މަސައްކަތް ކުރާ ގިނަ ބިދޭސީންތަކެއް ހިމެނޭތީ، އެ މީހުން ހުޅުމާލެ އާއި ގުޅިފަޅާއި ވިލިވަރަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ މީހުންނަށް ޚާއްސަކޮށްގެން ވަގުތީ ތަންތަން އެ ތިން ރަށުގައި ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަގެންދެ އެވެ.