Roadha Mihaaru
ޕިއުޑިޕައިއާ އެކު ޔޫޓިއުބުން ހާއްސަ ޑީލެއް

ޕިއުޑިޕައިއާ އެކު ޔޫޓިއުބުން ހާއްސަ ޑީލެއް

06 މެއި 2020

"ވަރުބަލިވެއްޖެ" ކަމަށް ބުނެ ވަގުތީ ގޮތުން ޔޫޓިއުބާ ފެއަށް ޖެހުނުކަން މިދިޔަ ޑިސެމްބަރު މަހު އިއުލާންކުރުމަށް ފަހު މި އަހަރަގެ ކުރީކޮޅު އަލުން އެ ޕްލެޓްފޯމަށް އައި މަޝްހޫރު ޔޫޓިއުބް ތަރި ޕިއުޑިޕައިއާ އެކު ޔޫޓިއުން އާ ޑީލެއް ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ވަރުބަލިވެއްޖެ" ކަމަށް ބުނެ ވަގުތީ ގޮތުން ޔޫޓިއުބާ ފެއަށް ޖެހުނުކަން މިދިޔަ ޑިސެމްބަރު މަހު އިއުލާންކުރުމަށް ފަހު މި އަހަރަގެ ކުރީކޮޅު އަލުން އެ ޕްލެޓްފޯމަށް އައި މަޝްހޫރު ޔޫޓިއުބް ތަރި ޕިއުޑިޕައިއާ އެކު ޔޫޓިއުން އާ ޑީލެއް ހަދައިފި އެވެ.

ސްވިޑްން އަށް އުފަން އަދި އަސްލު ނަމުން ނަމަ ފެލިކްސް ޖެލްބާގް، 30، ވަރަށް އަވަހަށް އަލުން ޔޫޓިއުބުން ލައިވް ސްޓްރީމް ކޮންޓެންޓް ގެނެސްދީ ފޮލޯވަރުން މުނިފޫހި ފިލުވައިދޭން ލައިވް-ސްޓްރީމިން ކޮންޓެންޓަށް ހާއްސަކޮށްގެން ހެދި މި އެއްބަސްވުމުގެ ދަށުން، ފަށާނެ އެވެ.

ޕިއުޑިޕައި އަކީ ދެވަނަ އަށް އެންމެ ގިނަ މީހުން ޔޫޓިއުބުން ފޮލޯކުރާ ފަންނާނެވެ. އޭނާގެ ސަބްސްކްރައިބަރުންގެ އަދަދު 104.2 މިލިއަނަށް އަރަ އެވެ.

ޔޫޓިއުބްގެ ރަސްކަން މި ވަގުތު އޮތީ އިންޑިއާގެ މިއުޒިކް/ފިލްމު ކުންފުނި ޓީ ސީރީޒްގެ އަތުގަ އެވެ. އެތަނުގެ ޔޫޓިއުބް ޗެނެލްގެ ސަބްސްކްރައިބަރުންގެ އަދަދު 137 މިލިއަނަށް އަރަ އެވެ.

ޕިއުޑިޕައި ބުނީ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ޔޫޓިއުބަށް އެނބުރި އައުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އޭނާ މިހާރު ހުރީ ކުރިއެކޭ އެއްގޮތަށް "ފިޓްކޮށް" ކަމަށް ބުންޏެވެ. ޕިއުޑިޕައި ފެބްރުއަރީ މަހު އެނބުރި އައި ވީޑިއޯގައި ވަނީ ޗައިނާ އިން އުފަންވި ކޮރޯނާވައިރަހަށް ޖޯކް ޖަހައިފަ އެވެ.

"ޔޫޓިއުބާ އެކު މި ހެދި އެކްސްކްލޫސިވް ޑީލްގެ އެންމެ ހިތްހަމަޖެހޭ ކަމަކީ ލައިވް ސްޓްރީމިން އަށް ފޯކަސްކުރާތީ. އެއީ އަބަދު ވެސް އަހަރެން ވަރަށް ގަޔާވާކަމެއް،" 2010 އިން ފެށިގެން ޕިއުޑިޕައިގެ ނަމުގައި ޔޫޓިއުން ޗެނެލް ހިންގަމުން އަންނަ ފަންނާނު ބުންޏެވެ. "އަދި މިކަމަކީ ދެހާސް ވިހީގައި އަހަރެން ވަރަށް ބޮޑަށް ފުޅާކުރަން ވެސް ބޭނުންވެފައި އޮތް ކަމެއް."

އޭނާއާ އެކު ޔޫޓިއުބުން އާ އެއްބަސްވުމެއް ހަދާފައި ވަނީ ކުރިން ގެނެސްދިން ކޮންޓެންޓްތަކެއްގައި ދުނިޔޭގެ ބައެއް ބަހުރުވަތަކަށް ޖޯކް ޖަހައި، ފުރައްސާރަކުރި މައްސަލައެއްގައި ޔޫޓިއުބްގެ ބެލެނިވެރި ކުންފުނި ގޫގުލްއާ އެކު ހަދާފައި އޮތް އެއްބަސްވުމެއް ބާތިލު ވެސްކޮށްފައި ވަނިކޮށެވެ.

ވާދަވެރި އެހެން ޕްލެޓްފޯމްތަކުން ބޮޑެތި ކާމިޔާބީތައް މި ފަހަކަށް އައިސް ހޯދަމުން އަންނާތީ ޔޫޓިއުބުން މިހާރު އަންނަނީ އެ ޕްލެޓްފޯމް ވަރުގަދަކުރަން ގިނަ ފަންނާނުންތަކާ އެކު އެއްބަސްވުން ހަދަމުންނެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު ވަނީ ގޭމަރުން ކަމަށްވާ ވަލްކީރީ އާއި މުޒެލްކް އަދި ލޭޒާބީން ފަދަ ފަންނާނުންނާ އެކު އެއްބަސްވުންތަކެއް ހަދައިފަ އެވެ.