Roadha Mihaaru
ވިލިމާލެ ޓާމިނަލްގެ މުވައްޒަފަކު  ޕޮޒިޓިވްވެއްޖެ

ވިލިމާލެ ޓާމިނަލްގައި މަސައްކަތް ކުރާ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

06 މެއި 2020

ވިލިމާލެ ފެރީ ޓާމިނަލްގައި މަސައްކަތް ކުރާ އެމްޓީސީސީގެ ދިވެހި މުވައްޒަފަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ވިލިމާލެ ފެރީ ޓާމިނަލްގައި މަސައްކަތް ކުރާ އެމްޓީސީސީގެ ދިވެހި މުވައްޒަފަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވިގޮތުގައި އެ މުވައްޒަފު ޕޮޒިޓިވްވިކަން މިއަދު އެނގުނީ ރޯގާ ޖެހިގެން ފުލޫ ކްލިނިކަށް ދެއްކުމުން ހެދި ޓެސްޓުންނެވެ.

ޓާމިނަލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މި ދުވަސްވަރު ލޮކްޑައުންކޮށްފައި ވަނީ އެ ޓާމިނަލެއްގައި ނަމަވެސް އެ މުވައްޒަފު ޕޮޒިޓިވްވިކަން އެނގުނީ އޭނާ ގޭގައި ހުއްޓާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ޓާމިނަލްގައި ތިބުމަށް އަންގާފައިވަނިކޮށް އޭނާ ގެއަށް ދިޔަ ގޮތެއް ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ ޓާމިނަލްތެރޭގެ އެކިއެކި މަސައްކަތް ކުރާ ދިވެހި ކުއްޖެއް. އެތަނުގައި ލޮކްޑައުންވެ ތިބެވޭނެ ހުރިހާ އިންތިޒާމެއް ވާނީ ހަމަޖައްސައިފައި، އޭނާ ގެޔަށް ދިޔަ ގޮތެއް މިއަންނަނީ ބަލަމުން،" އޮފިޝަލް ވިދާޅުވި އެވެ.

ވިލިމާލެ ޓާމިނަލްގައި އެ މުވައްޒަފާ އެކު އިތުރު ހަތް މީހަކު މަސައްކަތް ކުރެ އެވެ. އެކަކު ޕޮޒިޓިވްވުމުން އެ ހަތް މީހުން ވެސް ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މާލެ ލޮކްޑައުން ކޮށްފައިވާ މިދުވަސްވަރު މާލެ އާއި ވިލިމާލެއާ ދެމެދު ކޮންމެ ދުވަހަކު ހަ ފެރީ ބާއްވަ އެވެ.

އޮފިޝަލް ވިދާޅުވީ މުވައްޒަފު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން މިހާރު ޓާމިނަލް ބަންދުކޮށްފައިވާ ކަމަށެވެ. އަދި ޓާމިނަލް ދެން ހުޅުވާނީ ފެރީތަކާއެކު ޑިސްއިންފެކްޓް ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިވަގުތު ވިލިމާލެއަށް ދަތުރު ކުރުމަށް ބޭނުން ކުރަމުން އަންނަނީ އާ ފެރީއެއް ކަމަށާއި އެ ފެރީ ކައިރި ކުރަނީ ވެސް ވިލިމާލެ ޓާމިނަލާ ދުރަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް 618 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. މިބަލި ޖެހުނު ދެ މީހަކު ރާއްޖޭން ވަނީ މަރުވެފަ އެވެ.