Roadha Mihaaru
ލޮކްޑައުން ތެރޭގައި ޕީކަށް ނުދާނެ: ޑރ. އަފްޒަލް

ލޮކްޑައުން ތެރޭގައި ޕީކަށް ދާނެ ކަމަކަށް ނުބެލެވޭ: ޑރ. އަފްޒަލް

07 މެއި 2020

ކޮވިޑް-19 މާލެ އިން ފެނުމާ އެކު ލޮކްޑައުން ކޮށްފައިވާއިރު މި މުއްދަތުގެ ތެރޭގައި ރާއްޖެ އިން ބަލީގެ ޕީކަށް ދާނެ ކަމަށް ނުބެލެވޭ ކަމަށް އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލ ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 މާލެ އިން ފެނުމާ އެކު ލޮކްޑައުން ކޮށްފައިވާއިރު މި މުއްދަތުގެ ތެރޭގައި ރާއްޖެ އިން ބަލީގެ ޕީކަށް ދާނެ ކަމަށް ނުބެލެވޭ ކަމަށް އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލ ވިދާޅުވެއްޖެ އެވެ.

މި މަހުގެ ފަހުކޮޅު ރާއްޖޭގައި މިބަލި ޕީކަށް ދާނެ ކަމަށާއި އޭރުން އެންމެ ގިނަ ވެގެން އެއް ދުވަސް ތެރޭ 6،000 ކޭސް ފެނުން ވެސް އެކަށީގެންވާ ކަމަށް އެންއީއޯސީން މީގެ ކުރިން ބުނެފައިވެ އެވެ.

ކޮވިޑް-19އާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުން ހާލަތުގައި ހެލިފެލިވެ ނޫޅެވޭއިރު އެކަކު އަނެކަކާ ބައްދަލުވުން ވެސް މެދުކެނޑިފައިވާތީ މި ދަނޑިވަޅުގައި ޓްރޫ ޕީކެއް ފެނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

މި ދަނޑިވަޅުގައި ގިނަ ކޭސްތަކެއް އެއްފަހަރާ ފެނުނަސް ފެންނާނީ ގިނަ ބަޔަކު އެއްތަނެއްގައި އުޅޭ ކަހަލަ ތަންތަނުންކަން ޑރ. އަފްޒަލް ފާހަގަކުރެއްވި އެވެ. އެގޮތުން ތޮއްޖެހިގެން ބިދޭސީން އުޅޭ ތަންތަން ނުވަތަ މުއައްސަސާއެއްގައި އުޅޭ އެންމެން އެއްކޮށް ޕޮޒިޓިވްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ޓްރޫ ޕީކްއޭ އަޅުގަނޑުމެން މި ދަންނަވަނީ ލޮކްޑައުން އަށް ފަހު، ދޫކޮށްލުމުން ފެތުރިގަންނަ ފެތުރިގަތުމަށް. ލޮކްޑައުންގެ ބޭރުން ފެތުރިގަތުމަށް. އޭރުން މި ދަންނަވާ ބޮޑެތި ކްލަސްޓާތަކުން ފެންނަ ވަރު ގިނަވެދާނެ،" ޑރ.އަފްޒަލް ވިދާޅުވި އެވެ.

މާޗް މަހުގެ 12 ވަނަ ދުވަހު މި ބަލި ރާއްޖެ އިން ފުރަތަމަ ފަހަރަށް ފެނި އޭޕްރިލް މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮމިއުނިޓީ ސްޕްރެޑެއް ފެށިފައިވާއިރު މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ 191 މީހުންނެވެ.

ރާއްޖެ އިން މިހާތަނަށް މި ބަލީގެ 618 ކޭސް ފެނިފައިވާއިރު 20 މީހުން ވަނީ ރަނގަޅުވެފަ އެވެ.