Roadha Mihaaru
ބަލިން ސަލާމަތް ވަންދެން ލޮކްޑައުންގައި ނުތިބެވޭނެ

ބަލި ނެތިގެންދަންދެން، އަހަރުތަކެއް ވަަންދެން ލޮކްޑައުން ނުކުރެވޭނެ: ޑރ. އަފްޒަލް

19 ޖޫން 2020

ކޮވިޑް-19 މުޅި ދުނިޔެ އިން ނެތިގެންދާނެ ކަމަށް ބަލައި، އަހަރު، ދެ އަހަރު ވަންދެން މުޅި ރާއްޖެ ލޮކްޑައުން ހާލަތެއްގައި ނުބޭއްވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ރޭ ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 މުޅި ދުނިޔެ އިން ނެތިގެންދާނެ ކަމަށް ބަލައި، އަހަރު، ދެ އަހަރު ވަންދެން މުޅި ރާއްޖެ ލޮކްޑައުން ހާލަތެއްގައި ނުބޭއްވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ރޭ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ވިދާޅުވީ މާލެ އިން ކޮވިޑް-19 ފެނުމުން އަތޮޅުތަކަށް އެ ބަލި ނުދާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ. މާލެ އިން މި ބަލި އެއްކޮށް ނެތިދާނެ ދުވަހެއް ވެސް ނޭނގޭ ކަމަށާއި އަބަދު އަތޮޅުތަކަށް ނުދެވޭ ގޮތަށް ބަންދުކޮށްގެން ވެސް ނުތިބެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި، ބައްޔަކަށް ވެކްސިނެއް އުފެއްދުނަސް އެ ބޭނުންކުރަން ފެށެނީ ވަރަށް ގިނަ މަރުހަލާތަކަށް ފަހު ރަސްމީކޮށް ލިއުމަކުން އޭގެ ސައްހަކަން އެނގުމުންނެވެ. މީގެ ކުރިން ޑެންގީ އަށް އުފެއްދި ވެކްސިންއަކުން މިސާލު ނަންގަވައި ޑރ. އަފްޒަލް ވިދާޅުވީ ރާއްޖެ އިން އެ ބޭނުން ކުރަން ނުފަށައި ތިއްބާ އޭގެ ގެއްލުންތަކެއް އެނގި އެއީ ބޭނުން ނުކުރާ އެއްޗެއްގެ ގޮތުގައި ނިންމާފައިވާ ކަމަށެވެ.

"އެހެންވީމާ ކޮވިޑް-19 ގެ ވެކްސިންއަކީ ވެސް ހަމަ އެހެން ވެދާނެ އެއްޗެއް. ވެކްސިނެއް ލިބެން އަހަރު ދެ އަހަރު ވެސް ވެދާނެ. އެހާ ދުވަސް ވަންދެން މުޅި ގައުމު އެއްކޮށް ލޮކްޑައުން ކޮށްގެން ތިބުމަކީ ޗޮއިސްއެއް ނޫން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

"ވެކްސިންއެއް މި ބައްޔަށް ވެސް ނުކުތަސް އޭތި އަޅުގަނޑުމެނާ ހަމައަށް ބޭނުންކުރެވޭ ހާލަތަށް އަންނަން ނަގާފާނެ ދެ އަހަރު ތިން އަހަރު ވެސް. އެހެންވީމާ އަޅުގަނޑުމެނަށް ހަމަ ގައިމު ވެސް ދެ އަހަރު ތިން އަހަރު ލޮކްޑައުން ހާލަތުގައި ނުތިބެވޭނެ."

ޑރ. އަފްޒަލް ވިދާޅުވީ މާލެ އިން ކޮވިޑް-19 ފެނުމުން އަތޮޅުތަކަށް އެ ބަލި ނުދާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ. މާލެ އިން މި ބަލި އެއްކޮށް ނެތިދާނެ ދުވަހެއް ވެސް ނޭނގޭ ކަމަށާއި އަބަދު އަތޮޅުތަކަށް ނުދެވޭ ގޮތަށް ބަންދުކޮށްގެން ވެސް ނުތިބެވޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ދެން ޖެހޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ދިރިއުޅުމުގެ ވައްޓަފާޅި އަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އުޅެން ދަސްކުރުން ކަމަށެވެ. ސާފުތާހިރު ކަމަށް އިތުރު ސަމާލުކަން ދީ، ސޯޝަލް ޑިސްޓެންސި އާއި މާސްކް އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އިންފްލުއެންޒާ ފަދަ ބަލިތަކަކީ ވެސް ހަމަ މިގޮތަށް އައި ބަލިތައް ކަމަށާއި އެ ބަލިތަކަށް ވެކްސިން އުފެއްދި ނަމަވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި އަދިވެސް އެ ބަލި އުޅޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

އެހެންވެ، ކޮވިޑް-19އަކީ ވެސް އެފަދަ ބައްޔަކަށް ވެދާނެ ކަމަށާއި އެއާ އެކު އުޅެން ދަސްކުރަން ޖެހޭ ކަމަށް އަފްޒަލް ވިދާޅުވި އެވެ.