Roadha Mihaaru
އައްޑޫން ޕޮޒިޓިވްވި މީހާގެ ނަތީޖާ ވެސް މިހާރު ނެގެޓިވް

ކޮވިޑް-19: އައްޑޫން ޕޮޒިޓިވްވި މީހާގެ ނަތީޖާ ވެސް މިހާރު ނެގެޓިވް

10 މެއި 2020

އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ނަތީޖާ ވެސް މިހާރު ނެގެޓިވް ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ.

އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ނަތީޖާ ވެސް މިހާރު ނެގެޓިވް ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ.

އެ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވީ، ހާޓް އެޓޭކެއް ޖެހިގެން އިއްޔެ ރޭ ދަންވަރު މާލެ ގެނައި މެދު އުމުރުގެ ފިރިހެނެކެވެ. މަރަދޫފޭދޫ އެކަމަކު ހިތަދޫގައި ދިރިއުޅޭ އެ މީހާ އައިޖީއެމްއެޗަށް ގެނެސް ކޮވިޑް-19 އަށް ކުރި ފުރަތަމަ ޓެސްޓް ޕޮޒިޓިވްވި ނަމަވެސް އެޗްޕީއޭ އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ އެ މީހާގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ.

އެޗްޕީއޭގެ ޓުވީޓް

މިއީ، މީގެ ކުރިން ވެސް ބައެއް ކޭސްތަކުގައި ވެފައިވާ ކަމެކެވެ. ބައެއް މީހުންގެ ފުރަތަމަ ޓެސްޓް ޕޮޒިޓިވް ވެފައި، އޭގެ ފަހުން ގިނައިރުތަކެއް ނުވެ ހަދާ ޓެސްޓް ނެގެޓިވް ވެ އެވެ. އަދި ބައެއް މީހުން ޕޮޒިޓިވް ވެ، ދެވަނަ ޓެސްޓް ނެގެޓިވް ވެފައި އަދި ތިންވަނަ ޓެސްޓް ޕޮޒިޓިވް ވެފައި ވެސް އެބަހުއްޓެވެ.

އައްޑޫން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވީ ރިސޯޓެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ އައްޑު އަށް ދިޔައީ މާޗް 30 ގައި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ކުރިން ބުނެފައި ވެ އެވެ.

މި ކޭސްއާ ގުޅިގެން، އައްޑޫ 14 ދުވަހަށް ލޮކްޑައުންކޮށް، ކޮންޓެކްޓް ޓްރޭސިން ވަނީ ފަށައިފަ އެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ، އެ މީހާއާ 26 މީހަކު ކޮންޓެކްޓް ވެފައިވާ ކަމަށް އެނގިފައިވާ ކަމަށެވެ. އެ މީހާ މާލެ ގެނައީ އެ ހޮސްޕިޓަލްގައި ވެސް ފަރުވާ ދިނުމަށް ފަހު އެވެ.

އައްޑޫ ހޮސްޕިޓަލުން އޭނާ އަށް ފުރަތަމަ އެޓެންޑްވި މުވައްޒަފުން ރައްކާތެރިކަމުގެ އާލާތްތައް ބޭނުން ނުކުރި މައްސަލަ ވެސް ވަނީ ހޫނުވެފަ އެވެ.