Roadha Mihaaru
ކެޓްރީނާގެ ސުޕަހީރޯ ފިލްމު ދެ ބަޔަކަށް

ކެޓްރީނާ ކެއިފްގެ ސުޕަހީރޯ ފިލްމު ދެ ބަޔަކަށް، ރައިޓްސް ނެޓްފިކްލްސް އަށް

15 މެއި 2020

ބަތަލާ ކެޓްރީނާ ކެއިފާ އަކު، ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ހަދަން ނިންމާފައިވާ ސުޕަހީރޯ ފިލްމު ހަދާނީ ދެ ބަޔަކަށް ކަމަށާއި އޭގެ ރައިޓްސް ނެޓްފްލިކްސް އިން ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ކެޓްރީނާ ކެއިފާ އަކު، ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ހަދަން ނިންމާފައިވާ ސުޕަހީރޯ ފިލްމު ހަދާނީ ދެ ބަޔަކަށް ކަމަށާއި އޭގެ ރައިޓްސް ނެޓްފްލިކްސް އިން ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެ ފިލްމު ޕްރޮޑިއުސްކުރަން ކުރިން އޮތީ ރޯނީ ސްކްރޫވާލާ އެވެ. ނަމަވެސް ކޮރޯނާވައިރަހާ ހެދި ކުރިމަތިވި ލޮކްޑައުނާ ހެދި ފިލްމީ މަސައްކަތްތަކަށް އައި ހުއްޓުމާ އެކު އޭނާ ވަނީ ފިލްމުގައި ހިއްސާނުވާން ނިންމައިފި އެވެ.

އެ ނޫހުން ބުނިގޮތުގައި ނެޓްފްލިކްސް އިން އަލީގެ ފިލްމުގައި ހިއްސާވާން ނިންމީ މި ސުޕަހީރޯ ފިލްމަކީ އިންޓަނެޝަނަލް ފެންވަރުގެ އެއްޗަކަށް ހެދުމަށް ޝަރުތުކޮށްފަ އެވެ. މީގެ ސްކްރިޕްޓްގެ މަސައްކަތް އަލީ މިހާރު ވެސް އަންނަނީ ކުރަމުންނެވެ. ނަމަވެސް ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. އެކަމަކު ކޮރޯނާވައިރަހުގެ ހާލަތުން އަރައިގަނެވުމާ އެކު ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވާނެ އެވެ.

ނޫސްތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަރަށް ވަރުގަދަ ސުޕަހީރޯ ފިލްމަކަށް ކެޓްރީނާގެ ފިލްމު ހަދަން ނިންމާފައިވާ އިރު މި އަށް ވަނީ 90 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) ގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ.

އަލީގެ އެންމެ ފެވަރިޓް ބަތަލާ ކެޓްރީނާ އަކީ އޭނާ އެންމެ ފަހުން ގެނެސްދިން ދެ ފިލްމުގެ ވެސް ބަތަލާ އެވެ. އެއީ މިދިޔަ އަހަރުގެ "ބާރަތު" އާއި 2018 ގެ "ޓައިގާ ޒިންދާ ހޭ" އެވެ. މީގެ އިތުރުން އަލީގެ އަލަތު ފިލްމު 2011 ގެ "މޭރޭ ބްރަދާ ކީ ދުލްހަން" ގެ ބަތަލާ އަކީ ވެސް ކެޓްރީނާ އެވެ.

އަލީ މިހާރު އަންނަނީ ސައިފް އަލީ ޚާނާ އެކު "ދިއްލީ" ކިޔާ ވެބް ސީރީޒެއް ގެނެސްދޭން ތައްޔާރުވަމުންނެވެ. ޝޫޓިން ނިންމާލައި، މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ސީރީޒް އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށާނީ މި އަހަރުގެ ފަހުކޮޅު އެވެ.

އަލީގެ ކުރިއަށް ހުރި އިތުރު ފްރޮޖެކްޓަކުގެ ތެރޭގައި އޭނާ ޕްރޮޑިއުސްކުރާ ފިލްމު "ޚާލީ ޕީލީ" އާއި "މިސްޓަ އިންޑިއާ" ގެ ޓްރިލޮޖީ ހިމެނެ އެވެ.