Roadha Mihaaru
ކެޓްރީނާގެ ސުޕަހީރޯ ފިލްމު ހަތަރު ގައުމެއްގައި

ކެޓްރީނާގެ ސުޕަހީރޯ ފިލްމު ހަތަރު ގައުމެއްގައި ޝޫޓްކުރާނެ

22 އޮކްޓޯބަރ 2020

މިހާތަނަށް އިންޑިއާގައި ހަދާ އެންމެ ވަރުގަދަ އަންހެން ސުޕަހީރޯ ފިލްމު ބަތަލާ ކެޓްރީނާ ކެއިފާ އެކު ހަދާ އިރު، އޭގެ މަންޒަރުތައް ހަތަރު ގައުމެއްގައި ޝޫޓްކުރާނެ ކަމަށް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާތަނަށް އިންޑިއާގައި ހަދާ އެންމެ ވަރުގަދަ އަންހެން ސުޕަހީރޯ ފިލްމު ބަތަލާ ކެޓްރީނާ ކެއިފާ އެކު ހަދާ އިރު، އޭގެ މަންޒަރުތައް ހަތަރު ގައުމެއްގައި ޝޫޓްކުރާނެ ކަމަށް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފި އެވެ.

ފިލްމުގެ ތައްޔާރީތަކަށް މިދިޔަ މަހުން ފެށިގެން ޔޫއޭއީގައި ހުރި ޑައިރެކްޓަރު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ ނަން އަދި އިއުލާންނުކުރާ ފިލްމުގެ މަންޒަރުތައް ނަގާނީ ޔޫއޭއީ އާއި ޕޮލެންޑާއި ޖޯޖިއާގެ އިތުރުން އިންޑިއާގައި ކަމަށެވެ. ޔޫއޭއީގައި ފިލްމު ޝޫޓްކުރާނީ ދުބާއީ އާއި އަބޫ ދާބީގަ އެވެ. އަދި އިންޑިއާގައި ޝޫޓްކުރާ މަންޒަރުތައް ނަގާނީ ހިމާޗަލް ޕްރަދޭޝް އާއި އުތުރާކަންދުގެ އިތުރުން ވެރި ރަށް ނިއު ދިއްލީގަ އެވެ.

އަލީ ބުނި ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު ފިލްމުގެ ޝޫޓިން ފަށަން ނިންމާފައިވާ އިރު ލޮކޭޝަން ހޯދަން އޭނާ އާއި ޓީމް ވަރަށް އަވަހަށް ޕޮލެންޑާއި ޖޯޖިއާ އަށް ދާނެ އެވެ. ފިލްމުގެ ކެރެކްޓާ އަށް ތައްޔާރުވުމުގެ ގޮތުން ކެޓްރީނާ ހަށިގަނޑު ފިޓްކޮށް، އެކިއެކި ފޯމްތަކުގެ އެކްޝަންތަކުގެ ޓްރޭނިންތައް ވެސް ހަދަމުން އަންނަތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ.

މި ފިލްމު ހަދަން ނިންމާފައި ވަނީ ނެޓްފްލިކްސްއާ ގުޅިގެން ދެ ބަޔަކަށެވެ. ރިޕޯޓްތައް ބުނާގޮތުން ފިލްމުގެ ބަޖެޓަކީ 200 ކްރޯޑް ރުޕީސް (27.3 މިލިއަން ޑޮލަރު) ކަމަށްވެ އެވެ. އެހެންވެ މި ފިލްމުވެގެން ދާނީ މިހާތަނަށް ބަތަލާ އެކު ލީޑް ކުރާ ގޮތަށް އިންޑިއާގައި އެންމެ ބޮޑު ބަޖެޓަކުން ހަދާ ފިލްމަށެވެ.

މިދިޔަ އަހަރު އަލީގެ "ބާރަތު" އިން ފެނިގެން ދިޔަ ކެޓްރީނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރާ އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އެވެ. އޭނާ ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި "ފޯން ބޫތު" އާއި "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު ހިމެނެ އެވެ.