Roadha Mihaaru
ކެޓްރީނާގެ ސުޕަހީރޯ ފިލްމަކީ "ސުޕަ ސޯލްޖާ"

ކެޓްރީނާގެ ސުޕަހީރޯ ފިލްމަކީ "ސުޕަ ސޯލްޖާ"

10 ޑިސެމްބަރ 2020

މިހާރު ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ، ބަތަލާ ކެޓްރީނާ ކެއިފްގެ ސުޕަހީރޯ ފިލްމުގެ ނަމަކީ "ސުޕަ ސޯލްޖާ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ، ބަތަލާ ކެޓްރީނާ ކެއިފްގެ ސުޕަހީރޯ ފިލްމުގެ ނަމަކީ "ސުޕަ ސޯލްޖާ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ ކެޓްރީނާ ބަތަލާގެ ރޯލު ކުޅުނު ފިލްމުތައް ކަމަށްވާ "ބާރަތު" އާއި "ޓައިގާ ޒިންދާ ހޭ" ގެ އިތުރުން "މޭރޭ ބްރަދާ ކީ ދުލްހަން" ގެނެސްދިން އަލީ އައްބާސް ޒަފަރު ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާގެ އާ ފިލްމުގެ ނަމަކީ "ސުޕަ ސޯލްޖާ" ކަމަށް މީޑިއާތަކުން ބުނި ނަމަވެސް އެކަން އަދި ރަސްމީކޮށް އަލީ ކަށަވަރުކޮށެއް ނުދެ އެވެ.

ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕަހީރޯގެ ގޮތުގައި ހަދާ "ސުޕަ ސޯލްޖާ" އަކީ ދެ ބަޔަކަށް ބޮޑު ބަޖެޓަކުން ހަދާނެ ފިލްމެކެވެ. ބައެއް މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި މި ފިލްމަކީ އަލީ އާއި ނެޓްފްލިކްސް ގުޅިގެން ހަދާ ފިލްމެކެވެ.

"ސުޕަ ސޯލްޖާ" މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ އިންޑިއާގެ އުތުރާކަންދުގެ އިތުރުން ދުބާއީ އާއި އަބޫ ދާބީ އާއި ޕޮލެންޑްގެ އިތުރުން ޖޯޖިއާގަ އެވެ.

އަލީ ބުނެފައިވާ ގޮތުގައި މި ފިލްމުވެގެން ދާނީ ކެޓްރީނާ މީގެ ކުރިން ފެނިފައި ނުވާހާ ތަފާތު ކެރެކްޓާއަކުން ފެންނާނެ ފިލްމަކަށެވެ. އެގޮތުން މި ފިލްމަށް އޭނާގެ ހަށިގަނޑު ވެސް ވަރަށް ބޮޑަށް ފިޓްކޮށްފައިވާ އިރު މާޝަލް އާޓްސް ފަދަ އެކްޝަން ފޯމްތައް ވެސް ދަސްކޮށްފައިވެ އެވެ.

"ސުޕަ ސޯލްޖާ" ހާއްސަވާނެ އެއް ސަބަބަކީ މި ފިލްމުގައި ލޯބީގެ މާ ބޮޑު ކަންތައްތަކެއް ނުހިމެނުމެވެ. އެހެންވެ ފިލްމުގައި ހާއްސަ ބަތަލަކު ނުހުންނާނެ އެވެ. މުޅި ފިލްމު ބިނާވާނީ ކެޓްރީނާ ކުޅޭ ސުޕަހީރޯ ކެރެކްޓާއަށެވެ.

މި ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ކެޓްރީނާ މި މަހުގެ ފަހުކޮޅު ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ މަސައްކަތް ފަށާނެ ކަމަށް ބެލެވެ އެވެ. އެ ފިލްމުގައި އޭނާގެ ކޯ-ސްޓާރުންނަކީ ސިދާންތު ޗަތުރަވެދީ އާއި އިޝާން ޚައްތަރެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ކެޓްރީނާ ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެންނާނެ ފިލްމަކީ އަޝްކޭ ކުމާރާ އެކު ކުޅެފައިވާ ކޮޕް ޑްރާމާ "ސޫރިޔަވަންޝީ" އިންނެވެ. ކެޓްރީނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސަލްމާން ޚާނާ އެކު ކުޅޭ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު ވެސް ހިމެނެ އެވެ.