Roadha Mihaaru
ލޮކްޑައުންގައި ފޮރިން މިިނިސްޓްރީން ބޭސް ވެސް ގެނެސްދިން

ލޮކްޑައުންގައި ފޮރިން މިނިސްޓްރީގެ އެހެން ހިދުމަތެއް: ބޭސް ގެެނެސްދިނުން

29 ޖޫން 2020

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކާއި ރާއްޖޭގެ ވެސް ބޯޑަރުތައް ބަންދުކޮށްފައިވާ ހާލަތުގައި ރާއްޖެއިން ނުލިބޭ ބޭސްތައް ފޮރިން މިނިސްޓްރީ މެދުވެރިވެގެން ބޭރުން ގެނެސްދިން ކަމަށް އެ މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކާއި ރާއްޖޭގެ ވެސް ބޯޑަރުތައް ބަންދުކޮށްފައިވާ ހާލަތުގައި ރާއްޖެއިން ނުލިބޭ ބޭސްތައް ފޮރިން މިނިސްޓްރީ މެދުވެރިވެގެން ބޭރުން ގެނެސްދިން ކަމަށް އެ މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބޭސް ގެނެސްދިނުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑިޕްލޮމެޓިކް މިޝަންސްގެ އެޑްމިން އޮފިސަރު މުހައްމަދު ޝަހުދާން ވިދާޅުވީ އޭގެ ތެރެއިން ބައެއް ބޭސްތައް ރާއްޖެއިން ލިބެން ވެސް ނެތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަލިމީހުން އެފަދަ ބޭސްތައް ހުންނަނީ ކުރިން ހޯދައިފަ އެވެ. ނުވަތަ ކޮންމެވެސް މީހަކު ލައްވައި ގެންނަނީ އެވެ. އެކަމަކު އާންމު ދަތުރުތައް ހުއްޓުމުން، އެކަމަށް ވަރަށް ބޮޑެތި ހުރަސްތަކެއް އެޅުނެވެ.

ބޭސް ގެނައުމަކީ، ޝަހުދާން ވިދާޅުވި ގޮތުގައި، ކުރިން ފޮރިން މިނިސްޓްރީން ކުރާ މަސައްކަތެއް ނޫނެވެ. ނަމަވެސް މި ލޮކްޑައުންގައި ފޮރިން މިނިސްޓްރީން އެކަން ކުރީ ވީހާވެސް އަވަހަކަށް ބަލި މީހުންނަށް ބޭސް ބޭނުންވާތީ އެ ނޫން ގޮތެއް ނެތުމުން ކަމަށް، އޭނާ ވިދާޅުވި އެވެ.

ބޭސް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ނަމަވެސް އެސްޓީއޯއިން ބޭސް ގެންނަނީ ސްޓޮކްތަކަށް ކަމަށް ވާތީ ބަލިމީހާ ބޭނުންވާހާ އަވަހަށް ލިބެން އުނދަގޫވެ އެވެ.

ރާއްޖެއިން ބޭރުން ގެނައި ބޭސްތަކާ އެއާޕޯޓް ޕޮލިހުން ހަވާލުވަނީ

ރާއްޖެއިން ބޭރުން ގެނައި ބޭސްތަކާ އެއާޕޯޓް ޕޮލިހުން ހަވާލުވަނީ

ޝަހުދާން ވިދާޅުވީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭސް ގެނައީ، ބޭރުގައި ހުންނަ އެމްބަސީތަކާ ހަވާލުކުރުމުންނެވެ. ބަލިމީހާގެ ފަރާތުން ބޭސް ގަނެ، އެމްބަސީތަކާ ހަވާލުކުރުމުގެ އިތުރުން ބޭސް ސިޓީ، އެ އެމްބަސީއަކަށް މެއިލްކުރަން ޖެހެ އެވެ. އެހާ ހިސާބުން އެމްބަސީތަކުން ބޭސްތައް ވަކިން ޕެކްކޮށް، އެކަމަސް ހޯދަން ޖެހޭ ހުއްދަ ހޯދައި، ރާއްޖެ ފޮނުވަ އެވެ.

"ބައެއް ފަހަރު އެބަ ހުރޭ ވަކި ފިނި ހޫނު މިނެއްގައި ބަހައްޓަން ޖެހޭ ބޭސްތައް ވެސް. އާންމުކޮށް ދެތިން ދުވަހެއް ނަގާ ބައެއް ގައުމުތަކުން ހުއްދަ ލިބެން. އެހެންވެ ދަތިތަކާ ވެސް ކުރިމަތިވި. އެކަމަކު އަޅުގަނޑުމެން ވަރަށް ކާމިޔާބުކަމާ އެކު މިކަން ކުރަނީ،" ޝަހުދާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭސް ފޮނުވެން އޮންނަނީ ހަމައެކަނި މޯލްޑިވިއަންގެ ފްލައިޓުތަކުގަ އެވެ. އެހެންކަމުން ލޮކްޑައުން ތެރޭގައި ބޭސް ގެނައީ ގައުމީ އެއާލައިނުން ދަތުރުތައް ކުރި ގައުމުތަކުންނެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައިން ބޭސް ގެނައީ ސްރީ ލަންކާއިން ކަމަށް އޭނާ ޝަހުދާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ ގިނަ ބައެއްގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކު ކުރިއަށް ގެންދެވުނު މަސައްކަތެކެވެ. އޭގެ ތެރޭގައި ކަސްޓަމްސް އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަރަކާތްތެރިވާ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޓީމާއި ރެޑް ކްރެސެންޓް އަދި ޓުއަރިސްޓް ޕޮލިސް ހިމެނެ އެވެ.

އަވަހަށް ބޭނުންވާ ބޭސްތައް ފޮރިން މިނިސްޓްރީން ގެނައުމުން ރެޑް ކްރެސެންޓްގެ ޓީމުން އެ އެއްޗެހި ޑިލިވަރީ ކުރަނީ

އަވަހަށް ބޭނުންވާ ބޭސްތައް ފޮރިން މިނިސްޓްރީން ގެނައުމުން ރެޑް ކްރެސެންޓްގެ ޓީމުން އެ އެއްޗެހި ޑިލިވަރީ ކުރަނީ

"އާންމުކޮށް މުދާ ކްލިއާވާ ވަރަށް ވުރެ އަވަސް ވެސް ވާނެ. ފްލައިޓް ހަމަ އަންނަ އިރަށް އެމްއޭސީއެލުން ގޮސް ނަގާނެ އެ އެއްޗެހި ފަސް މިނެޓް ތެރޭ. ދެން ބޭސް ސިޓީ އޮންނާތީ ފަސޭހައިން ކްލިއަރެންސް ލިބޭނެ،" ޝަހުދާން ވިދާޅުވި އެވެ.

އެ ހިސާބުން ދެން ބޭހާ ހަވާލުވަނީ ޓޫރިސްޓް ޕޮލިހުންނެވެ. މާލޭގައި ހުންނަ ރެޑް ކްރެސެންޓާއި މާލޭ ސިޓީ ކައުންސިލާ އެ އެއްޗެހި ހަވާލުކުރަނީ އެ ޕޮލިހުންނެވެ. ޝަހުދާން ވިދާޅުވި ގޮތުގައި ރެޑް ކްރެސެންޓްގެ ވޮލަންޓިއަރުން، ދުވާލަކަސް ފަތިހަކަސް އެ ބޭސްތައް ދޮރުން ދޮރަށް ފޯރުކޮށްދެ އެވެ.

އޭނާ ވިދާޅުވީ އެމްބަސީތަކުގެ މުވައްޒަފުންނަށް ވެސް މިއީ އާ ތަޖުރިބާއެއް ކަމަށެވެ. އާންމުކޮށް ކުރަން ނުޖެހޭ ކަމަކަށް ވިޔަސް މިނިސްޓްރީން އިސްނެގުމުން އެއްވެސް މުވައްޒަފަކު ފަސްނުޖެހުނު ކަމަށާއި އެންމެން ވެސް އެކަމުގައި އުޅުނީ "ވަރަށް ކަމާ ވެގެން" ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ފަހަރު އެބަހުރި ބޭސްތައް ގެއަށް ގެންގޮސްގެން ވެސް ދެން ކުރަން ހުރި ކަންކަން ކޮށްފައި. އެހާ ވެސް އަމިއްލަ ކަމެއް ކަމަށް ދެކިގެން އެންމެން ވެސް މިކަން ކުރީ. އަސްލު ވަރަށް އުފާވޭ އެހެންވެ،" ޝަހުދާން ވިދާޅުވި އެވެ.

ތައިލެންޑް އެމްބަސީ މެދުވެރިކޮށް ގެންނަ ބޭހުގެ މަސައްކަތްތައް މުވައްޒަފަކު ގޭގައި ކުރަނީ

ތައިލެންޑް އެމްބަސީ މެދުވެރިކޮށް ގެންނަ ބޭހުގެ މަސައްކަތްތައް މުވައްޒަފަކު ގޭގައި ކުރަނީ

ފޮރިން މިނިސްޓްރީން ވަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.