Roadha Mihaaru
ކޮވިޑްގެ އިސް ސަފުގައި އުޅޭ މީހުންގެ ފޯނު ހެކްކުރަނީ!

ކޮވިޑްގެ އިސް ސަފުގައި އުޅޭ މީހުންގެ ފޯނު ހެކްކުރަން މެސެޖް ފޮނުވަނީ!

14 މެއި 2020

ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގެ އިސް ސަފުގައި ހަރަކާތްތެރިވާ އެކި މުއައްސަސާތަކުގެ މީހުންގެ ފޯނު ހެކްކުރަން އުޅޭ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގެ އިސް ސަފުގައި ހަރަކާތްތެރިވާ އެކި މުއައްސަސާތަކުގެ މީހުންގެ ފޯނު ހެކްކުރަން އުޅޭ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މެސެޖިން އެޕްލިކޭޝަންގެ ތެރޭގައި ހިމެނޭ ވަޓްސްއެޕް މެދުވެރިކޮށް، ދަންނަ މީހުންގެ ނަމްބަރުތަކުން މެސެޖްކޮށްގެންނާއި ގުޅައިގެން ފޯނު ހެކްކުރަން މަސައްކަތް ކުރަމުންދާ އިރު މިރޭ ބޮޑަށް އަމާޒުކޮށްފައި ވަނީ މި މަސައްކަތުގައި އުޅޭ ޑޮކްޓަރުންނަށެވެ. އެކަމަކު، އެ ނޫން ވެސް އިސް ސަފުގައި އުޅޭ މީހުންގެ ފޯނުތަކަށް މި ކޯޑު ދަނީ ފޮނުވަމުންނެވެ.

ޑޮކްޓަރުންނަށް މިރޭ އަމާޒުކޮށްފައިވާ އިރު، މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ބައެއް އާއްމުންގެ ފޯނުތަކަށް ވެސް ވަޓްސްއެޕުން ކޯޑު ފޮނުވާފައިވެ އެވެ. ކޯޑު ފޮނުވާ މީހުން މަސައްކަތް ކުރަނީ ވަޓްސްއެޕް އެކްޓިވޭޓްކުރަން އެސްއެމްއެސް މެދުވެރިކޮށް ލިބޭ އޯޓީޕީ ކޯޑު ހޯދައިގެން ވަޓްސްއެޕް އެކައުންޓްގެ ކޮންޓްރޯލް އަތުލައިގަންނާށެވެ.

ރާއްޖޭގައި އެކަންޏެއް ނޫނެވެ. ކޮރޯނާވައިރަސްގެ ހާސްކަމުގެ ތެރޭގައި ތިއްބާ އެކި ގައުމުތަކުގައި މިގޮތަށް އެތައް ބައެއްގެ ވަޓްސްއެޕް އެކައުންޓަށް ވެރިވެގަތުމުގެ މައްސަލަތައް ފެންމަތިވެ މީޑިއާތަކުގައި ވެސް ރިޕޯޓްކޮށްފައިވެ އެވެ.

ވަޓްސްއެޕުގެ އިތުރުން ބައެއް މީހުންގެ ޖީމެއިލް އެކައުންޓްތައް ހެކްކުރަން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ ކޮވިޑްގެ މަސައްކަތުގެ އިސް ސަފުގައި އުޅޭ މީހުންގެ ފޯނުތައް ހެކްކުރަން އުޅޭ ކަމުގެ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ފުޅާދާއިރާއެއްގައި، ޚާއްސަކޮށް ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އަމާޒުކޮށްގެން ސައިބަ އެޓޭކްތަކެއް ކުރަމުން އަންނަ ކަމުގެ މައްސަލަ ހުށަހަޅާފައިވޭ. ފޯނުތަކަށް މެސެޖްކުރަނީ ޑުޕްލިކޭޓް ޕްރޮފައިލްއަކުން،" އިޒްމިއާ ވިދާޅުވި އެވެ.

ފުލުހުން ބުނިގޮތުގައި ފޯނުތައް ހެކްކުރަނީ ދަންނަ ނަމްބަރަކުން ވަޓްސްއެޕް މެދުވެރިކޮށް މެސެޖްކުރާ ކޯޑު ހޯދައިގެންނެވެ. ފޯނުކޮށްގެން ވެސް އެ ކޯޑު ހޯދަމުންދާ ކަމަށް ފުލުހުން ބުންޏެވެ. މި ކޯޑުތަކަކީ ޑުޕްލިކޭޓްކޮށްފައި ހުންނަ ޕްރޮފައިލްތަކަކުން ފޮނުވާ ސައިބަ އެޓޭކްތަކެއް ކަމަށް ފުލުހުން ބުންޏެވެ.

މިގޮތަށް ޝައްކުވާ ޒާތުގެ ލިންކެއް ނުވަތަ މެސެޖެއް ކޮށްފި ނަމަ އެ ލިންކު ނުހުޅުވުމަށް ފުލުހުން އެދެ އެވެ. އަދި ދަންނަ މީހެއްގެ ނަމްބަރުން ފޯނަށް އަންނަ ކޯޑު ވެސް މީހަކަށް ނުދިނުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.