Roadha Mihaaru
އައިޖީއެމްއެޗް ހެކް: ނައިބު ރައީސްގެ ކޮއްކޯފުޅު ހިމެނޭ

ވެރިންގެ ސިއްހީ މައުލޫމާތު އައިޖީއެމްއެޗުން ވަގަށް ނެގިކަމުގެ ތުހުމަތު ނައިބް ރައީސްގެ ކޮއްކޯފުޅަށް ވެސް ކުރޭ

18 އޯގަސްޓް 2022

އައިޖީއެމްއެޗްގެ ޕޯޓަލުން މީހުންގެ ޒާތީ މައުލޫމާތު ހުއްދަނެތި އެކްސެސްވި މައްސަލާގައި ފުލުހުން ކުރިއަށް ގެންދާ ޖިނާއީ ތަހުގީގަށް، ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު ވެސް ހާޒިރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައިޖީއެމްއެޗްގެ ޕޯޓަލުން މީހުންގެ ޒާތީ މައުލޫމާތު ހުއްދަނެތި އެކްސެސްވި މައްސަލާގައި ފުލުހުން ކުރިއަށް ގެންދާ ޖިނާއީ ތަހުގީގަށް، ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު ވެސް ހާޒިރުކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ނައިބް ރައީސްގެ ކޮއްކޯފުޅު، ޚައިބަރު ނަސީމް ފުލުހަށް ހާޒިރުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އައިޖީއެމްއެޗުގެ ވެބްސައިޓް ހެކުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިތުރު އެތައް ބައެއްގެ މެޑިކަލް ހިސްޓްރީ ވަގަށް ނެގިކަމުގެ ތުހުމަތުގަ އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ޚައިބަރު މަސައްކަތްކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ދަށުން ހިންގާ އެއާލައިން، ފްލައިމީގެ އައިޓީ ޑިޕާޓްމަންޓްގަ އެވެ.

އެ މައްސަލައިގެ ތުހުމަތުގައި މީގެ ކުރިން "ދިޔަރެސް" ނޫހުގެ ފައުންޑަރުން އަދި ނޫސްވެރިޔާ އަހްމަދު އަޒާން ވެސް ފުލުހަށް ހާޒިރުކޮށް، ސުވާލުކޮށްފައިވެ އެވެ.

ޢެކަމަކު އަޒާން ބުނި ގޮތުގައި އެ މީހުންގެ ޒާތީ މައުލޫމާތު ލީކުކުރުމާ އޭނާއާ ގުޅުމެއް ނޯންނާނެ ކަމަށެވެ. އެކަމަކު އައިޖީއެމްއެޗުގެ ޕޭޝަންޓް ޕޯޓަލުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ބަލި މީހުންގެ ޒާތީ މާއުލޫމާތު އެންމެނަށް ވެސް ބެލޭކަން އެ ނޫހުން ރިޕޯޓްކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އޭރު ބުނީ އަޒާން ހާޒިރުކުރަނީ އާންމު ރައްޔިތުންނާއި ދައުލަތުގެ އިސް ފަރާތްތަކުގެ ޒާތީ މައުލޫމާތު ހުއްދަ ނެތި އެކްސެސްވި ގޮތާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގަކަށް ސުވާލުކުރަން ކަމަށާއި އެއީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައެއް ކަމަށެވެ.

އެ މައްސަލާގެ ތަހުގީގަށް އިތުރު ބަޔަކާ ވެސް ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަޒާން ހާޒިރުކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެއް ނުވަތަ ނޫސްވެރިކަމާ ގުޅުންހުރި ކަމަކާ ގުޅިގެން ނޫން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅިދާނެ ފަދަ އެއްވެސް ކަމެއް ދިވެހި ފުލުހުންގެ ހިދުމަތުން ނުކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.