Roadha Mihaaru
ކޮވިޑް-19: މަނަދޫން އިތުރު 9 މީހަކު ޕޮޒިޓިވް

ކޮވިޑް-19: މަނަދޫން އިތުރު ނުވަ މީހަކު ޕޮޒިޓިވްވެއްޖެ

15 މެއި 2020

ކޮވިޑް-19 އަށް މި މަހުގެ ފުރަތަމަ ދުވަހު ނ. މަނަދޫން ޕޮޒިޓިވްވި އަންހެންމީހާއާ ކޮންޓެކްޓްވި، އެ ރަށުގެ އިތުރު ނުވަ މީހަކު އެ ބައްޔަށް ޕޮޒިޓިވްވިކަން އެޗްޕީއޭ އިން މިއަދު އަންގާފައިވާ ކަމަށް މަނަދޫ ކައުންސިލުން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 އަށް މި މަހުގެ ފުރަތަމަ ދުވަހު ނ. މަނަދޫން ޕޮޒިޓިވްވި އަންހެންމީހާއާ ކޮންޓެކްޓްވި، އެ ރަށުގެ އިތުރު ނުވަ މީހަކު އެ ބައްޔަށް ޕޮޒިޓިވްވިކަން އެޗްޕީއޭ އިން މިއަދު އަންގާފައިވާ ކަމަށް މަނަދޫ ކައުންސިލުން ބުނެފި އެވެ.

މަނަދޫން ފުރަތަމަ އެ ބައްޔަށް ޕޮޒިޓިވްވީ ބަނޑުގައި ރިއްސާތީ މަނަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު، ވެސް ހާލު ބޮޑުވެގެން މާލެ ގެނައި މެދު އުމުރުގެ އަންހެނެކެވެ. އޭނާގެ ދެވަނަ ޓެސްޓް ނެގެޓިވްވުމުން ހެދި ތިން ވަނަ ޓެސްޓް އަނެއްކާ ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.

މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު "މިހާރު" މިއަދު އަށް ވިދާޅުވީ، އެ އަންހެންމީހާއާ ކޮންޓެކްޓްވި މީހުންގެ ތެރެއިން ޓެސްޓް ކުރި ނުވަ މީހަކު ޕޮޒިޓިވް ވެފައިވާކަން އެޗްޕީއޭ އިން މިއަދު އަންގާފައިވާ ކަމަށެވެ. ޕޮޒިޓިވްވި ނުވަ މީހުން އަދި ތިބީ އެ ރަށުގަ އެވެ.

"އެ ޕޮޒިޓިވްވި މީހުންނަކީ ހޯމް އައިސޮލޭޝަންގައި ތިބި ބައެއް. އަދި ވަކިވަކި މީހުންގެ ތަފްސީލެއް އަޅުގަނޑުމެންނަކަށް ވެސް ނުލިބޭ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މަނަދޫން ފުރަތަމަ އެ ބައްޔަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުން ވަނީ 15 ސިއްހީ އެހީތެރިއަކު އައިސޮލޭޓްކޮށްފަ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސިއްހީ އެހީތެރިއަކު ހިމެނޭ ކަމެއް އަދި ނޫން ކަމެއް އަދި ނޭނގެ އެވެ.

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަނަދޫ އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ. އެހެންވެ، އެ ރަށަށް އަރައި ފޭބުމާއި ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ނުކުތުމަކީ މަނާ ކަމެކެވެ.

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު ހާހަކަށް މިއަދު އަރާފައިވާއިރު، މާލެ ފިޔަވައި މި ބަލީގެ މީހުން ފެނިފައިވަނީ މަނަދޫގެ އިތުރުން ހއ. އުލިގަމާއި އެ އަތޮޅު ތަކަންދު އާއި ށ. ނަރުދޫ އާއި ކ. ތުލުސްދޫންނެވެ.