Roadha Mihaaru
ކުޑަފަރިން 30، މަނަދޫން 13 މީހަކު އެކަހެރި ކޮށްފި

ކުޑަފަރިން 30، މަނަދޫން 13 މީހަކު އެކަހެރި ކޮށްފި

13 ޖުލައި 2020

ނ. ކުޑަފަރިން މާލެ ގެނައި އުމުރުން 92 އަހަރުގެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ ރަށުން 30 މީހަކާއި މަނަދޫން 13 މީހަކު އެކަހެރިކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ނ. ކުޑަފަރިން މާލެ ގެނައި އުމުރުން 92 އަހަރުގެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ ރަށުން 30 މީހަކާއި މަނަދޫން 13 މީހަކު އެކަހެރިކޮށްފި އެވެ.

އެ މީހާ މާލެ ގެނައީ ވެއްޓި ފަޔަށް ލިބުނު އަނިޔާއަކަށް އިތުރު ފަރުވާ ދިނުމަށެވެ. އެކަމަކު، އޭނާ މާލެ ގެނައުމުގެ ކުރިން މަނަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. އެ ހޮސްޕިޓަލުގައި އެއް ދުވަސް ހޭދަ ކުރުމަށް ފަހު މާލެ ގެނައީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ކުޑަފަރި ކައުންސިލްގެ ރައީސް ހަސަން މުހައްމަދު "މިހާރު" އަށް މިރޭ ވިދާޅުވީ، އެ ރަށް އިއްޔެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެކެއްގެ ސާމްޕަލް އިއްޔެ ނަގާފައިވާއިރު، އެ މީހާގެ ނަތީޖާ ނެެގެޓިވް ކަމަށް ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުޑަފަރިން މިހާތަނަށް އެކަހެރި ކޮށްފައި ވަނީ 30 މީހުން ކަމަށެވެ. އިތުރު މީހުންގެ ސާމަޕްލަން މާދަމާ ނަގާނެ ކަމަށް އެޗްޕީއޭއާ ހަވާލާދީ ހަސަން ވިދާޅުވި އެވެ.

މަނަދޫ ހޮސްޕިޓަލުގެ މެނޭޖަރު އިސްމާއިލް ޝަފީގް ވިދާޅުވީ، އެ ހޮސްޕިޓަލުގައި މިހާރު ފުރިހަމަ ޕީޕީއީ ކިޓް ބޭނުންކުރާ ކަމަށެވެ. ނަމަވެސް 92 އަހަރުގެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ ޝިފްޓް ބަދަލުވި ގަޑީގައި ކަމުން، ޕީޕީއީ ހަމަ ނުވެ ތިން މުވައްޒަފުން އޭނާއާ ކޮންޓެކްޓް ވެފައިވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ހޮސްޕިޓަލުން ކޮންޓެކްޓްވީ 13 މުވައްޒަފުން ކަމަށާއި އެ އެންމެން ވެސް މިހާރު އެކަހެރި ކޮށްފައިވާ ކަމަށް މެނޭޖަރު ވިދާޅުވި އެވެ.

"އޯވާ ނައިޓް ސްޓޭތަކުގައި އާންމުކޮށް ޕޭޝަންޓުނަށް އެޓެންޑް ވާނީ ޖުމްލަ 10 މުވައްޒަފުން. އެ 13 މުވައްޒަފުން ވެސް މިހާރު އެކަހެރި ކޮށްފައި ވަނީ. އާންމުންގެ އެއްވެސް މީހަކާ އެ މީހާއާ ހޮސްޕިޓަލުން ކޮންޓެކްޓް ވެފައި ނުވާނެ އޭރު،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މަނަދޫ ހޮސްޕިޓަލުގެ ކޮންޓެކްޓް ލިސްޓު މިހާރު ވަނީ އެޗްޕީއޭ އަށް ފޮނުވައިފަ އެވެ. އެ އިދާރާ އިން އަދި އެ ލިސްޓާ މެދު ގޮތެއް ނުނިންމިޔަސް އިސްމާއިލް ވިދާޅުވީ، 13 މީހުން އެކަހެރި ކުރުމަކީ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި ހޮސްޕިޓަލުން ނިންމި ނިންމުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެޗްޕީއޭ އިން މާދަމާ މަނަދޫ ލިސްޓުގެ ސާމްޕަލްތައް ނަގާނެ ކަމަށް ބުނެފައިވާ ކަމަށާއި އެކަމަކު ނަގަން ނިންމީ އެންމެ ހަތަރު މީހުންގެ ސާމްޕަލް ކަމަށެވެ.

ކުޑަފަރިން މާލެ ގެނައި މީހާގެ ސާމްޕަލް ޕޮޒިޓިވްވެފައިވާއިރު އޭނާ މިހާރު ވަނީ ހުޅުމާލެ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ.