Roadha Mihaaru
ކުޑަފަރިން މާލެ ގެނައި 92 އަހަރުގެ މީހަކު ޕޮޒިޓިވް

ކުޑަފަރިން މާލެ ގެނައި 92 އަހަރުގެ މީހަކު ޕޮޒިޓިވް ވެއްޖެ

12 ޖުލައި 2020

ނ. ކުޑަފަރިން މާލެ ގެނައި އުމުރުން 92 އަހަރުގެ މީހަކު ކޮވިޑް-19 އަށް ރޭ ޕޮޒިޓިވް ވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ނ. ކުޑަފަރިން މާލެ ގެނައި އުމުރުން 92 އަހަރުގެ މީހަކު ކޮވިޑް-19 އަށް ރޭ ޕޮޒިޓިވް ވެއްޖެ އެވެ.

އޭނާގެ ދަރިއަކު "މިހާރު" އަށް މިއަދު ބުނީ، ބައްޕަ މާލެ ގެނައީ ފާހަނާ ތެރެއަށް ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށެވެ. ބައްޕަ ފުރަތަމަ ގެންދިޔައީ ނ. މަނަދޫ ހޮސްޕިޓަލަށް ކަމަށާއި އިތުރު ފަރުވާ އަށް މާލެ ގެނައީ އިއްޔެ ކަމަށް ދަރިފުޅު ބުންޏެވެ.

އޭނާ ބުނީ، އިއްޔެ މެންދުރު 12 ޖަހާކަންހާއިރު އައިޖީއެމްއެޗުގައި ބައްޕަ އެޑްމިޓުކޮށް، ޓެސްޓުކުރުމަށް ފަހު، ނަތީޖާ ލިބުނީ ރޭ އަށެއްޖަހާކަން ހާއިރު ކަމަށެވެ. އެ މީހާ މިހާރު ހުޅުމާލޭ ކަރަންޓީން ފެސިލިޓީ އަށް ގެންގޮސްފައިވާ ކަމަށާއި ދެވަނަ ޓެސްޓެއް ހެދުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ދަރިފުޅު އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި، ބައްޕައާއެކު، ހޮސްޕިޓަލަށް ދިޔަ މީހުން އަދިވެސް އެކަހެރިވާކަށް ނާންގަ އެވެ. ނަމަވެސް ދެވަނަ ޓެސްޓުގެ ނަތީޖާ ލިބެންދެން މީހުންނާ ވީހާ ވެސް ދުރުން އުޅެން އަންގާފައިވާ ކަމަށް ބުންޏެވެ.

ކުޑަފަރިން ކޮވިޑަށް ޕޮޒިޓިވްވި މީހާ އަށް އެ ބަލި ޖެހެން ދިމާވި ސަބަބާ މެދު އާއިލާ އިން ސުވާލު އުފައްދަ އެވެ.

"އަބަދު ގޭގައި އޮންނާނީ. މީހަކާ ބައްދަލެއް ނުވާނެ. ގެއަށް ބަޔަކު ވެސް ނާންނާނެ އަނެއްހެން، އަދި ވަކިން ހާއްސަކޮށް މާލެ އިން ރަށަށް ގޮސް އުޅޭ މީހަކު ޔަގީނުން ވެސް ނުދޭ ގެއަކަށް،" ފިރިހެން ދަރިފުޅު ބުންޏެވެ.

މީގެ ކުރިން ވެސް މިފަދަ ކޭސްއެއް ފެނިފައި ވެ އެވެ. މިދިޔަ މެއި މަހު ނ. މަނަދޫން މާލެ ގެނައި އުމުރުން ދުވަސްވީ އަންހެނަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވި ފަހުން އޭނާ ވަނީ މަރުވެފަ އެވެ. އެ އަންހެން މީހާ ގައިން ބަލި ފެނުމުން މަނަދޫ މޮނިޓަރިން އަށް ލައި ކޮންޓެކްޓް ޓްރޭސިންގައި ހެދި ޓެސްޓުތަކުގެ ތެރެއިން އެ ރަށު ހޮސްޕިޓަލުގެ ދެ މުވައްޒަފަކު ވެސް ޕޮޒިޓިވްވި އެވެ.