15 މެއި 2020
ކޮރޯނާވައިރަސްއާ ދެކޮޅަށް ތަރައްގީކުރި ވެކްސިނެއް، ރާމާމަކުނަށް ދީގެން އުއްމީދީ ނަތީޖާތަކެއް ފެނިއްޖެ އެވެ.
ކޮރޯނާވައިރަސްއާ ދެކޮޅަށް ތަރައްގީކުރި ވެކްސިނެއް، ރާމާމަކުނަށް ދީގެން އުއްމީދީ ނަތީޖާތަކެއް ފެނިއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް އެކްސްފޯޑާއި އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު (އެންއައިއެޗު)ގެ ސައިންސްވެރިން ގުޅިގެން އެމެރިކާގައި ކުރި ޓެސްޓްތަކުގައި ބޭނުންކުރީ ހަ ރާމާމަކުނެވެ. ވެކްސިން ދިނުމަށް ފަހު، އޭގެ ހަށިގަނޑަށް ކޮރޯނާވައިރަސް ފޮނުވައިގެން، ކޮވިޑް-19 ޖައްސަން މަސައްކަތްކުރި އެވެ. އެކަމަކު ވެކްސިން ދިން ރާމާމަކުނުތަކުގެ ފުއްޕާމެ އާއި ވައި ހޮޅިތަކުގައި އުފެދުނީ ވަރަށް މަދު ވައިރަސްކޮޅެކެވެ.
މީގެ މާނައަކީ އިންސާނުންގެ ހަށިގަނޑުގައި ވެސް އެ ވެކްސިން އެގޮތަށް މަސައްކަތް ކުރުމެއް ނޫނެވެ. އެކަމަކު ބޭނުންކުރި ރާމާމަކުނުތަކުގެ ދިފާއީ ނިޒާމާއި އިންސާނުންގެ ދިފާއީ ނިޒާމް ދާދި އެއްގޮތް ކަމުން މިއީ ވަރަށް ބޮޑު އުއްމީދެއްގެ ގޮތުގައި ބެލެވެ އެވެ.
އިންސާނުން ބޭނުންކޮށްގެން މި ވެކްސިން އިނގިރޭސި ވިލާތުގައި މިހާރު ވަނީ ޓެސްޓްކުރަން ފަށައިފަ އެވެ. އޭގެ ނަތީޖާ ލިބެން އަދި ދުވަސްތަކެއް ނަގާނެ އެވެ. އެކަމަކު އާންމު ގޮތެއްގައި ވެކްސިންގެ ފުރަތަމަ އަޖުމަބެލުން އޮންނަނީ ޖަނަވާރު ބޭނުންކޮށްގެން ކަމަށް ވާތީ، މިހާރު މި ލިބުނު ނަތީޖާ އިން ކޮވިޑް-19 އާ ދެކޮޅަށް ވެކްސިނެއް ތައްޔާރުކުރެވިދާނެ ކަމުގެ އުއްމީދު މި ވަނީ ބޮޑުވެފަ އެވެ.
ކޮރޯނާވައިރަހުގެ ވެކްސިން ޓެސްޓް ކުރަން މީހެއްގެ ގަޔަށް ޖަހަނީ. --ފޮޓޯ:އޭއެފްޕީ
އެ ވެކްސިން ދިނުމުން ރާމާމަކުނުތަކުގެ ހަށިގަނޑުގައި ނިއުމޯނިޔާ އުފެދުން ހުއްޓުވި އެވެ. ކޮވިޑް-19ގެ ނުރައްކަލަކީ ވެސް ފުއްޕާމެ އަށް ލިބޭ ގެއްލުންތަކާއި ނިއުމޯނިއާ ޖެހުމެވެ.
ވެކްސިންގެ ފުރަތަމަ ނަތީޖާ ރަނގަޅުވުމުގެ އިތުރުން ސައިންސްވެރިންގެ ކަންބޮޑުވުމެއްގެ ގޮތުގައި އޮތް، ވެކްސިންގެ ސަބަބުން ދިމާވާ "އިމުން-އެންހޭންސްޑް ޑިޒީޒް"ގެ އަސަރެއް ވެސް އެ ޖަނަވާރުގެ ހަށިގަނޑުން ފެނިފައެއް ނުވެ އެވެ. މިއީ ވެކްސިންގެ ސަބަބުން ބަލި ބޮޑުވުމުގެ ފުރުސަތު ކުރިމަތިކުރުވާ ހާލަތެކެވެ.
- އާންމު ގޮތެއްގައި ވެކްސިނެއް ތައްޔާރުކުރަން އެތައް އަހަރެއް، ބައެއް ފަހަރަށް، 10 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަވޭ
- އެ މުއްދަތު މަދު މަސްތަކަކަށް ކުރުކުރެވިދާނެ ކަމަށް ބައެއް ސައިންސްވެރިން އުއްމީދުކުރޭ
- ގިނަ ތަޖުރިބާކާރުން ގަބޫލުކުރަނީ ކޮވިޑް-19 ޖައްސާ ވައިރަސްއަށް ވެކްސިނެއް އެންމެ އަވަހަށް ވެސް ލިބޭނީ 2021 ގެ މެދުތެރޭގައި ކަމަށް
- ވެކްސިނެއް ތައްޔާރުވިޔަސް، އެތައް ސަތޭކަ މިލިއަން ޑޯޒް އުފެއްދުމަކީ ވެސް ބޮޑު މަސައްކަތެއް
- ކޮވިޑް-19 ފެތުރޭ ނިސްބަތަށް ބަލާއިރު އެތައް ބިލިއަން ޑޯޒްގެ ވެކްސިން ބޭނުންވާނެ
- އާންމު ގޮތެއްގައި ވެކްސިން ތައްޔާރުކުރަނީ ބަލިޖައްސާ އަސްލު ވައިރަސް ބޭނުންކޮށްގެން
- އެކަމަކު މިހާރުގެ އާ ޓެކްނޮލޮޖީގައި ސީދާ ވައިރަސް ބޭނުންނުކޮށް ވެސް ވެކްސިން އުފެއްދިދާނެ
- ކޮރޯނާވައިރަސްއާ ދެކޮޅަށް 100 އަށް ވުރެ ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް ދަނީ ކުރިއަށް
- ބައެއް ތަޖުރިބާކާރުން ބުނަނީ އެންމެ ވެކްސިނަކަށް ވުރެ ތަފާތު އެތައް ވެކްސިނެއް ބޭނުންވާ ކަމަށް
ކޮރޯނާވައިރަސްގެ އެހެން ބާވަތަކުން ޖެހޭ ސާސްއާ ދެކޮޅަށް، ޖަނަވާރު ބޭނުންކޮށްގެން ކުރި ތަހުލީލުގައި، އެ މައްސަލަ ކުރިމަތިވި އެވެ. އެއީ ސާސްގެ ވެކްސިނެއް ހަދަން އޭރު ދިމާވި ވަރަށް ބޮޑު ހުރަހެކެވެ.
އެމެރިކާގައި ހެދި ތަހުލީލުތަކުގެ ނަތީޖާ އެހެން ސައިންސްވެރިންނަކަށް އަދި ނުފެނެ އެވެ. ރަސްމީކޮށް ޝާއިއު ވެސް ނުކުރެ އެވެ. އެކަމަކު ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ ނަތީޖާއެކެވެ.
ގާތްގަނޑަކަށް ހާހެއްހާ އިންސާނުން ބޭނުންކޮށްގެން ޔުނިވަސިޓީ އޮފް އޮކްސްފޯޑުން ކުރިއަށް ގެންދާ ތަހުލީލުގެ ނަތީޖާ ލިބޭވަރު ވާނީ އަންނަ މަހު މެދުތެރޭގަ އެވެ.
މި ވެކްސިންގައި ބޭނުންކުރަނީ ބާރު ދެރަކޮށްފައި ހުންނަ އަސްލު ވައިރަސްއެއް ނޫނެވެ. އޭގެ ބަދަލުގައި، ކޮރޯނާވައިރަސްގެ ބޭރު ފަށަލާގައި ހުންނަ "ކޮޅުތަކާ" އެއްގޮތް ބައިތަކެއް، ހަށިގަނޑަށް ގެއްލުމެއް ނުލިބޭ އެހެން ވައިރަސްއަކާ ގުޅުވާލަނީ އެވެ. އެކަމަކު މި ވެކްސިން ދިނުމުން ހަށިގަނޑު ތެރޭގައި ކޮރޯނާވައިރަސްއާ ދެކޮޅަށް މަސައްކަތްކުރަން އެންޓިބޮޑީ އުފެދޭނެ ކަމަށް ސައިންސްވެރިން އުއްމީދުކުރެ އެވެ. އަދި ވެކްސިން ދީފައި ހުރި މީހެއްގެ ހަށިގަނޑަށް ކޮރޯނާވައިރަސް ވަންނަ އިރު، ދިފާއީ ނިޒާމް ހުންނަނީ އެއަށް ތައްޔާރުވެގެންނެވެ.
ކޮވިޑްގެ އަސްލު ވައިރަސް މިހާރަކު ނުފެނޭ
އެމެރިކާއިން ކޮވިޑްގެ ވަބާއީ ހާލަތު ފިލައިފި: ބައިޑެން
މުޅި ދުނިޔޭގައި ވެސް ކޮވިޑްގެ އާ ރެކޯޑްތަކެއް
ހުރިހާ ކޮރޯނާވައިރަހަކަށް އެއް ވެކްސިނެއްގެ އުންމީދު
އޮކްސްފޯޑް ވެކްސިންގެ މޭސްތިރިޔާގެ ސިފަޔަށް ބާބީ ބުދެއް
މެލޭރިއާ ވެކްސިންގެ ޓެސްޓްތަކުން އުންމީދީ ނަތީޖާތަކެއް
އިންސާނުންނަށް ވެކްސިން ދީގެން އުފާވެރި ހަބަރެއް
ހޮސްޕިޓަލެއްގެ ހުރިހާ މުވައްޒަފުންނަށް ހިލޭ ޗުއްޓީ ދަތުރު
ކޮވިޑާއި ފްލޫއަށް އެއް ވެކްސިނެއް ދޭން ޓެސްޓު ކާމިޔާބު
އެމެރިކާގައި ނުރައްކާތެރި ފަންގަސްއެއް ފެތުރެނީ