Roadha Mihaaru
ހުރިހާ ކޮރޯނާވައިރަހަކަށް އެއް ވެކްސިނެއްގެ އުންމީދު

ހުރިހާ ކޮރޯނާވައިރަހަކަށް އެއް ވެކްސިނެއްގެ އުންމީދު

12 ސެޕްޓެމްބަރ 2021

ހުރިހާ ވައްތަރެއްގެ ކޮރޯނާވައިރަހަކާ ދެކޮޅަށް މަސައްކަތްކުރާނެ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމެރިކާގެ ޕެންސިލްވޭނިއާ ޔުނިވަސިޓީގެ ސައިންސްޓުންތަކެއް ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހުރިހާ ވައްތަރެއްގެ ކޮރޯނާވައިރަހަކާ ދެކޮޅަށް މަސައްކަތްކުރާނެ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމެރިކާގެ ޕެންސިލްވޭނިއާ ޔުނިވަސިޓީގެ ސައިންސްޓުންތަކެއް ވިދާޅުވެއްޖެ އެވެ.

މިކަމުގައި އެންމެ އިސްކޮށް އުޅުއްވާ އިމިއުނޮލޮޖިސްޓް ޑރ. ޑްރޫ ވެއިޒްމަން ހުކުރު ދުވަހު އޭއެޕްފީ އަށް ވިދާޅުވީ ކޮރޯނާވައިރަހެއްގެ ސަބަބުން މިހާރު ދުނިޔެ ވެއްޓިފައި އޮތް ކޮވިޑް-19 ކަހަލަ ބޮޑު އެތައް ބަލިމަޑުކަމެއް އިންސާނުން އަދި ކުރިމަތިލާން އޮތީ ކަމަަށެވެ. އެެހެންވެ އަނެއްކާ ވެސް އެފަދަ އިތުރު ހާލަތަކަށް ދުނިޔެ ވެއްޓެންދެން މަދުކޮށްގެން ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެހެންވެ މިހާރު އެބަޖެހޭ ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ ހުރިހާ ކޮރޯނާވައިރަހަކާ ދެކޮޅަށް ބޭނުންކުރާނެ ވެކްސިނަކަށް މަސައްކަތްކުރަން،" މިހާރު ކޮވިޑަށް ބޭނުންކުރާ އެމްއާރްއޭ ޓެކްނޮލޮޖީ ވެކްސިންގެ ރިސާޗްގައި ވެސް ހިއްސާވެވަޑައިގަތް ޑްރޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ގޮތަށް ފަސޭހައިން ފެތުރޭ ވައިރަސްތަކާ ދެކޮޅަށް ދުރާލައި ވެކްސިން އުފައްދައި، އެކަމަށް ތައްޔާރުވެ ތިބުމަކީ ކޮވިޑުން ކުރަން ޖެހުނު ހިތްދަތި އެތައް ތަޖުރިބާއަކުން ރައްކާތެރިވެވޭނެ ކަމެކެވެ.

"ކޮވިޑާ އަހަރެމެން ކުރިމަތިލާން ޖެހުނީ އެފަދަ ކަމަކަށް ތައްޔާރުވުމުގެ ހިޔާލެއް ވެސް ނެތި ތިއްބައި. އެހެންޗެ ދެން ޖެހުނީ ގިނަ ދުވަސްތަކެއް ވަންދެން ވެކްސިނެއް އުފެއްދުމުގެ މަސައްކަތްކުރަން،" ޑްރޫ ވިދާޅުވި އެވެ. "އެހެންވީމަ މި ތަޖުރިބާގެ އަލީގައި މިހާރު އޮތީ ދެން މިފަދަ ބަލިމަޑުކަމަކަށް ދުރާލައި ތައްޔާރުވެ ވެކްސިން ވެސް ތައްޔާރުގައި ބެހެއްޓުން."

ހުރިހާ ވައްތަރެއްގެ ކޮރޯނާވައިރަހަކާ ދެކޮޅަަށް މަސައްކަތްކުރާނެ ވެކްސިނަކަށް ޑްރޫ އާއި އޭނާގެ ޓީމްގެ މަސައްކަތް ފަށާފައިވާ އިރު ކޮވިޑަށް އުފެއްދި ރިބޯނިއުކްލީކް އެސިޑް (އެމްއާރްއޭ) ޓެކްނޮލޮޖީ އަށް ހެދި ރިސާޗްތަކާ ގުޅިގެން ދްރޫ އާއި އޭނާގެ ރިސާޗް ބައިވެރިޔާ ކެޓަރިން ކަރިކޯ އަށް ވަނީ އަންނަ އަހަރުގެ ބްރޭކްތުރޫ ޕްރައިޒް އޮން ލައިފް ސައިންސް އެވޯޑް ވެސް ބުރާސްފަތި ދުވަހު ލިބިވަޑައިގެންފަ އެވެ. އެ އެވޯޑާ އެކު އިނާމެއްގެ ގޮތުގައި ތިން މިލިއަން ޑޮލަރު ވެސް ލިބުނެވެ.

ޑްރޫގެ ޓީމުން މަސައްކަތްކުރަނީ ވައިރަހުގެ އަސަރު، ހަށިގަނޑުގެ ދިފާއީ ނިޒާމުން ދުރާލައި ދެނެގެނެ ދިފާއުވުމަށް ބާރުއަޅާ ގޮތަށް މަސައްކަތްކުރާނެ ވެކްސިން ހަދާށެވެ. މިއަށް ޑްރޫގެ ޓީމުން ކިޔަނީ "ކޮންސާވްޑް ރީޖަންސް" އެވެ. އޭގެ މާނަ އަކީ މިއީ ފުރަތަމަ މަރުހަލާގައި ވެސް ފެތުރުން ކޮންޓްރޯލްކޮށްދިނުމެވެ.

ޑްރޫ ވިދާޅުވި ގޮތުގައި މިދިޔަ އަހަރުން ފެށިގެން މުޅި ދުނިޔެ ކުރިމަތިލާން ޖެހިފައި އޮތް ކޮވިޑް-19 ކޮންޓްރޯލްކުރެވޭނީ ދުނިޔޭގެ 75-85 ޕަސެންޓް މީހުން ވެކްސިން ޖަހައިގެންނެވެ.

ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ކޮވިޑް ވެޖްސިން ޖެހުމުގެ މަސައްކަތްކުރަމުން ދިޔަ ނަމަވެސް ކޮވިޑްގެ އިތުރު ވޭރިއަންޓްތަކާ އެކު، އިތުރު ގޮންޖެހުންތައް ކުރިމަތިވެފައިވެ އެވެ.