Roadha Mihaaru
އިސްވެރިންގެ މުސާރައިން އުނިކުރާ މިންވަރު އިތުރުކުރަނީ

ރައީސާއި ދައުލަތުގެ އިސްވެރިންގެ މުސާރައިން އުނިކުރާ މިންވަރު އިތުރުކުރަން ކޮމެޓީން ފާސްކޮޮށްފި

17 މެއި 2020

ރައީސާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ މުސާރަތަކުން އުނިކުރާ މިންވަރު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ މުސާރަތަކުން އުނިކުރާ މިންވަރު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންގެ އިތުރުން ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މުސާރަތަކުން 20 ޕަސެންޓް ކުޑަކުރަން މަޖިލީހުން ކުރިން އޮތީ ފާސްކޮށްފަ އެވެ. އެކަމަކު އޭރު އެ މުސާރަތައް ކުޑަކުރީ ދެ މަހަށެވެ.

މުސާރަތައް ކުޑަ ކުރަން ކުރިން ކަނޑައެޅި މުއްދަތު ހަމަވާތީ މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ގޮތަށް، ކުރިން އުނި ކުރަން ނިންމާފައިވާ މިންވަރަށް ވުރެން އިތުރަށް ބައެއް މަގާމުތަކުގެ މުސާރަ ކުޑަ ކުރުމަށެވެ.

އެގޮތުން ކޮމިޓީން ނިންމީ 20،000ރ. އިން 30،000ރ. އާ ދެމެދުގެ މުސާރަ ކަނޑައެޅިފައިވާ މަގާމުތަކުން 20 ޕަސެންޓް ކުޑަ ކުރުމަށާއި 30،000ރ. އާއި 60،000ރ. އާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް ކުޑަ ކުރުމުގެ އިތުރުން 60،000ރ. އިން މަތީގެ މުސާރަތަކުން 35 ޕަސެންޓް ކުޑަ ކުރުމަށެވެ. އަދި މި މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އެ އުސޫލަށް އަމަލު ކުރަން ވެސް ވަނީ ފާސްކޮށްފަ އެވެ.

އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

މިމަސް ނިމުމަކާ ގާތަށް ގޮސްފައި ވަނިކޮށް މިމަހުގެ މުސާރަތައް ވެސް ކުޑަވާ ގޮތަށް އެ ބަދަލު ގެންނަން ނިންމާތީ އެކަމާ މެދު ކޮމެޓީގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިމަހުން ފެށިގެން މިއަދާ ހަމައަށް ހިނގި ދުވަސްތައް ވެސް ހިމެނޭ ގޮތުން އެ އުސޫލަށް އަމަލު ކުރުމަކީ އާންމު އުސޫލާ ޚިލާފް ކަމެއް ކަމަށާއި އެހެންވެ، އެ ބަދަލު ގެންނަން މަޖިލީހުން ނިންމާ ދުވަހުން ފެށިގެން އެ އުސޫލަށް އަމަލު ކުރަންޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"މަޖިލީހުގެ މެމްބަރުން މިކަން ނިންމަވަނީ. އެހެންވީމަ މަޖިލީހުގެ މެމްބަރުންގެ މުސާރަ އެއްކޮށް ކަނޑާލަން ވެސް ނިންމަވާ އެގޮތަށް ނިންމަވަންޏާ. އެކަމަކު އެހެން ބައެއްގެ މުސާރަތައް ވެސް އެބަ ހިމެނޭ. އެހެން ބައެއްގެ ބަސް ނެތި އެ މީހުުންގެ ކަމެއް އަޅުގަނޑުމެން އެބަ ނިންމަން." އަސްލަމް ވިދާޅުވި އެވެ.

ކޮމެޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި އެހެން ބައެއް މެމްބަރުން ވެސް ވިދާޅުވީ އާންމު އުސޫލުން އެގޮތަށް އަމަލު ކުރަން ޖެހޭނެ ކަމެއް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު މިހާރު ކުރިމަތިވެފައި އޮތީ ވަރަށް ޚާއްސަ ހާލަތެއް ކަމަށްވާތީ އާއި އިތުރު އެތައް މުސާރަތަކެއް ކުޑަ ކުރަމުންދާތީ މިވަގުތު އެ ނޫން ގޮތެއް ނެތް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

"މި އުޅެނީ އާންމު ހާލަތެއްގައެއް ނޫން. މި ހާލަތުގައި ވަރަށް ބައިވަރު ކަންކަން އެބަހުރި އަޅުގަނޑުމެން އާންމު ހާލަތުގައި ކަންކުރާ އުސޫލާ ޚިލާފަށް ކުރަންޖެހޭ، ކުރާނެ އަދި ކުރެވޭނެ ކަންކަން." ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވި އެވެ.

ދައުލަތުގެ އިސް މަގާމުތަކާއި މަޖިލިސް މެމްބަރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި ފަނޑިޔާރުންގެ މުސާރަތައް ކުޑަކުރަން ކޮމެޓީން ނިންމިއިރު، ދައުލަތުން މުސާރަ ދޭ އެހެން މަގާމުތަކުގެ މުސާރަތައް ވެސް އޮތީ ކުޑަކުރަން ނިންމައިފަ އެވެ. އެގޮތުން 20،000ރ. އަށް ވުރެ މަތިން މުސާރަ ލިބޭ ހުރިހާ މުވައްޒަފުންގެ މުސާރައިން ވަކި ޕަސެންޓެއް އުނިކުރަން ފިނޭންސް މިނިސްޓްރީން އޮތީ ނިންމައިފަ އެވެ.