Roadha Mihaaru
އަންނަ ހަފުތާގައި އޭޑީކޭގައި ކޮވިޑަށް ޓެސްޓްކުރަންފަށާނެ

އަންނަ ހަފުތާގައި އޭޑީކޭގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ފަށަނީ

21 މެއި 2020

އަންނަ ހަފުތާ ފެށޭ ހިސާބުގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ ހަފުތާ ފެށޭ ހިސާބުގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އިއްޔެ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ޓެސްޓު ހެދުމަށް ބޭނުންވާ ޕީސީއާރު ސިސްޓަމެއް މިދިޔަ ހަފުތާގައި ބަހައްޓައި ދުވާލަކު އެތައް ސަތޭކަ ބަޔަކު ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުކުރުމުގައި ސަރުކާރަށް އެހީތެރިކަން ދޭން އޭޑީކޭ އިން ވަނީ ނިންމައިފަ އެވެ. އެކަމަށް ބޭނުންވާ މުވައްޒަފުން ވެސް މިހާރު ވަނީ ތަމްރީނުކޮށްފަ އެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ބައްޔަށް މިހާރު ޓެސްޓުކުރަނީ އައިޖީއެމްއެޗާއި ފުލުހުންގެ ލެބޯރެޓަރީގަ އެވެ. މި ދެ ތަނުން ދުވާލެއްގެ މައްޗަށް 400 އެއްހާ ޓެސްޓު ހެދޭއިރު ސަރުކާރުން އަމާޒު ހިފާފައިވަނީ އެ އަދަދު 1،000 އަށް އިތުރުކުރުމަށެވެ. އެގޮތުން ކޮވިޑް-19 އަށް ޓެސްޓުކުރަން އޮޓޮމޭޓެޑް މެޝިންތަކެއް ގެންނަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭޑީކޭގެ އަމާޒަކީ ދުވާލަކު 600 ސާމްޕަލް ޓެސްޓް ކުރުމެވެ.

އަފްއާލް ވިދާޅުވީ އެ ހޮސްޕިޓަލުގައި ޓެސްޓުތައް ކުރިއަށްގެންދާނެ ގޮތަކާ ގޮތަކާ މެދު ސަރުކާރާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. މި ހާލަތުގައި ޓެސްޓުތައް ކުރަންޖެހޭނީ ހަރުދަނާ އުސޫލެއްގެ ތެރެއިން ކަމަށްވާތީ، ވަރަށް އަވަހަށް ގޮތެއް ނިންމައި ހޮނިހިރު ނުވަތަ އާދިއްތަ ދުވަހު ޓެސްޓުތައް ހަދަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓެސްޓުކުރުމަށް ހިންގާ ގައުމީ އޮޕަރޭޝަންގެ ތެރެއިން އޭޑީކޭގެ ކޮންޓްރިބިއުޝަން ވަރަށް ބޮޑަށް ލިބިގެންދާނެ،" އަފްއާލް ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުގައި ވެސް އޮންލައިން ކޮންސަލްޓޭޝަން ފެށުމަށް ފަހު ސާޖަރީތަކާއި ވިހެއުމުގެ ކަންކަން ކުރިއަށް ގެންދެ އެވެ. އަފްއާލް ވިދާޅުވި ގޮތުގައި އެގޮތަށް އަންނަ ބަލި މީހުންގެ ވެސް އަލާމާތްތައް ހުރިނަމަ ޓެސްޓުކުރެވޭނެ ގޮތްތައް ވެސް އަންނަނީ ބަލަމުންނެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މީގެ ކުރިން ބޭއްވި މީޑިއާ ބްރީފިންގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މި މަސް ނިމޭ އިރު އަންނާނެ ކަމަށް ލަފާކޮށްފައިވާ ސާޖް އައިކަން ނުވަތަ ނޫންކަން ޔަގީން ކުރެވޭނީ ޓެސްޓް ކުރެވޭ މިންވަރު އިތުރު ކުރެވިގެން ކަމަށެވެ. ޓެސްޓް ނުކުރެވި އެކަން ނުފެނިދާނެ ސަބަބަކީ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ ތެރެއިން ގިނަ މީހުންގެ ފަރާތުން ބަލީގެ އަލާމާތް ނުފެންނާތީ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1،186 އަށް އަރާފައިވާއިރު އެ ބަލީގައި ހަތަރު މީހަކު މަރުވެފައި ވެ އެވެ.