Roadha Mihaaru
ވެންޓިލޭޓަރުގެ މައްސަލަ ނޭވާ ހޮޅިއަށް އެޅުނީތަ؟

ވެންޓިލޭޓަރުގެ މައްސަލަ ނޭވާ ހޮޅިއަށް އެޅުނީތަ؟

21 އޮކްޓޯބަރ 2020

ކޮވިޑް-19އާ ގުޅިގެން މުޅި ގައުމުގެ އިގްތިސާދު ހުއްޓި، މުޅި ގައުމު ނޭވާ ހޮޅިއަށް އެޅިފައި އޮއްވާ ވެންޓިލޭޓަރު ގެންނަން ހަވާލުކުރުމުގެ ތެރެއިންް ހިންގި އެއް މުއާމަލާތެއްގައި ވެންޓިލޭޓަރުތައް ނުލިބި، ގަވާއިދާ ޚިލާފް އެތައް ކަމެއް ފެންމަތިިވުމަކީ އާދައިގެ މައްސަލައެއް ނޫނެވެ. ދުބާއީ ކުންފުންޏަކާ 75 ވެންޓިލޭޓަރު ގެންނަން ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަދި މާލިއްޔަތު ގަވާއިދާ ޚިލާފް ކަންތައްތަކެއް ހިނގިކަން ހާމައަށް އޮތީ ފެންނާށެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19އާ ގުޅިގެން މުޅި ގައުމުގެ އިގްތިސާދު ހުއްޓި، މުޅި ގައުމު ނޭވާ ހޮޅިއަށް އެޅިފައި އޮއްވާ ވެންޓިލޭޓަރު ގެންނަން ހަވާލުކުރުމުގެ ތެރެއިންް ހިންގި އެއް މުއާމަލާތެއްގައި ވެންޓިލޭޓަރުތައް ނުލިބި، ގަވާއިދާ ޚިލާފް އެތައް ކަމެއް ފެންމަތިިވުމަކީ އާދައިގެ މައްސަލައެއް ނޫނެވެ. ދުބާއީ ކުންފުންޏަކާ 75 ވެންޓިލޭޓަރު ގެންނަން ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަދި މާލިއްޔަތު ގަވާއިދާ ޚިލާފް ކަންތައްތަކެއް ހިނގިކަން ހާމައަށް އޮތީ ފެންނާށެވެ.

ވެންޓިލޭޓަރު ގެންނަން ޑުބާއީގެ އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް އަމަލުކުރި ކަމަށް ނިންމީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކަންޏެއް ނޫނެވެ. އޭސީސީގެ ޖިނާއީ ތަހުގީގު ނިމުމުގެ ކުރިން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި އޮޑިޓް ރިޕޯޓެއްގައި ވެސް އޮތީ އެކަން ފެންމަތި ކުރައްވައިފަ އެވެ. އެހެންވެ، މިހާރު އޮތް އެންމެ ބޮޑު ސުވާލަކީ މައްސަލާގައި ދައުވާ ނުކުރެވި، ބޮޑު ފައިލް ބަންދު ކޮށްލަން ޖެހުމުގެ ޒިންމާ ނަގަން ޖެހެނީ ކޮން ބައެއް ހެއްޔެވެ؟.

ޔަގީންވާ ކަމަކީ ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކޮށް، އެޑްވާންސްގެ ގޮތުގައި ޖުމްލަ އަގުގެ 90 ޕަސެންޓް ދިނުމާއި އެއްބަސްވުމުގައި ސޮއިކުރި ތާރީޚް ލިޔުންތަކުގައި ބަދަލު ގެނެސްފައި ހުރުމާއި ވެންޓިލޭޓަރު ނުލިބެނީސް، އެ ތަކެތި ލިބުނު ކަމަށް ސިސްޓަމްގައި ހިމެނި ކަމެވެ. އޮޑިޓާ ޖެނެރަލް ރިޕޯޓުން އެކަނި ވެސް އެކަން އެ އޮތީ ފެންނާށެވެ. ހަމަގައިމު ވެސް އެކަމަށް ޒިންމާވާނެ ކޮންމެވެސް ބަޔަކު ތިބޭނެ އެވެ. އެއިން އެއްވެސް ކަމަކަށް ދައުވާ ނުކުރަން ނިންމުމުން އެކި ފަރާތްތަކަށް ތުހުމަތު އަމާޒުވާން ފެށީ އެހެންވެ އެވެ.

އެއް ބައެއްގެ ނަޒަރުގައި ބޮޑު ކޮރަޕްޝަނެއް ހިމެނުން އެކަށީގެންވާ މައްސަލައަށް އިންސާފު ނުލިބި ނިމިގެން ދިއުމުގެ ޒިންމާ ނަގަން ޖެހޭނީ އޭސީސީންނެވެ. ވެންޓިލޭޓަރުގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވުމުން އެކަމުގައި "ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް" ދޭހަވާ ފަދަ ގޮތަކަށް ޚުލާސާ ރިޕޯޓެއް އޭސީސީން ނެރުމާއި މައްސަލަ ލަސްވެގެން ރައްޔިތުންގެ މަޖިލީހުގެ ފާޑުކިޔުން އަމާޒުވާން ފެށުމުން އަވަސް އަރުވާލައިގެން ޕީޖީއަށް މައްސަލަ ފޮނުވުމުގެ ތުހުމަތު އޭސީސީއަށް އޮތުމަކީ އެ ފާޑުކިޔުން އެ ކޮމިޝަނަށް އަމާޒުވި އެއް ސަބަބެވެ.

ނަމަވެސް އޭސީސީގެ ތަހުގީގުތަކުގެ ފެންވަރާ މެދު ސުވާލު އުފެދެނީ އިއްޔެ ނުވަތަ މިއަދަކު ނޫނެވެ. އަބަދުވެސް އޭސީސީގެ ތަހުގީގުތަކުގެ ފެންވަރާ މެދު ސުވާލު އުފެެދެ އެވެ. ކޮރަޕްޝަންގެ މައްސަލަތައް އަހަރުން އަހަރަށް އިތުރު ވިޔަސް، އޭސީސީގެ ތަހުގީގުތަކުގެ ތެރެއިން މިހާތަނަށް ކޯޓަކާ ހަމައަށް ގެންދެވުނީ ނިސްބަތުން މަދު މައްސަލަތަކެކެވެ. .

މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުން ވެންޓިލޭޓަރުގެ މައްސަލަ ތަހުގީގު ކުރުމުގެ ގޮތުން ކަމަށް ބުނެ، އޭސީސީން "އެއްޗަކަށް އެއްޗެއް" ހަދާލީ އެވެ. އެއީ ތަހުގީގު ނުނިމި ލަސްވާތީ މަޖިލީހަށް ހާޒިރުކުރާތީ އަވަސް އަރުވާލައިގެން ކުރި ކަމެއް ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައިވެ އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތް ފަދަ ބޮޑެތި ތަހުގީގުތައް އޭސީސީގެ ތެރެއިން ލަސްވެ، ނަތީޖާ ނުނެރެވޭ ކަމަށް އެމްޑީޕީގެ މެމްބަރުން ކުރަމުންދާ ތުހުމަތުތަކަށް ލިބުނު އިތުރު ބާރަކަށް ނޫނީ އެކަން ނުވި އެވެ.

އެންމެ ފަހުން ހުރިހާ ފާޑުކިޔުމެއްހެން އަމާޒުވީ އޭސީސީއަށެވެ. އޭސީސީއަށް އިތުބާރު ނެތް ކަމަށް ވިދާޅުވެފައި އެމްޑީޕީގެ ބައެއް މެމްބަރުން މިހާރު ދަނީ އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންނެވެ. އެމްޑީޕީގެ މެމްބަރުން ވެސް ވޯޓު ދީގެން ހޮވި އޭސީސީއަށް މިހާރު އިތުބާރު ގެއްލިފައިވާ ކަމަށް ބުނަމުންނެވެ.

ހެލްތު މިނިސްޓަރަކަށް އަމީން ހުންނެވި އިރު ބައްދަލުވެއްމައި: އޭނާ ރޭ ވަނީ އިސްތިއުފާ ދެއްވާފައި -- ފޮޓޯ/މިހާރު

ހެލްތު މިނިސްޓަރަކަށް އަމީން ހުންނެވި އިރު ބައްދަލުވެއްމައި: އޭނާ ރޭ ވަނީ އިސްތިއުފާ ދެއްވާފައި -- ފޮޓޯ/މިހާރު

ނަމަވެސް އޭސީސީގެ ތަހުގީގުގެ ފެންވަރު ދަށްވީ ކަމަށް އެ ކޮމިޝަނުން ގަބޫލެއް ނުކުރެ އެވެ. އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެފައިވަނީ ކޮމިޝަންގައި އޮތީ ގާބިލް ތަހުގީގު ޓީމެއް ކަމަށާއި އެ ޓީމުން ކުރި ތަހުގީގުތަކުގެ މައްޗަށް ބިނާކޮށް އެހެން ބައެއް މައްސަލަތަކުގައި ދައުވާ ކޮށްފައި އޮތުމަކީ އޭގެ ހެއްކެއް ކަމަށެވެ. އޭސީސީން މިހާރު މަސައްކަތް ކުރަނީ ފުލުހުންނާ ގުޅިގެން އެ މައްސަލާގައި ދެން ކުރިއަށް ދާނެ ގޮތެއް ނިންމުމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ވެންޓިލޭޓަރު ހޯދަން ހަވާލުކުރުމުގައި އިދާރީ އަދި ގަވާއިދާ ޚިލާފް ކަންތައްތައް ފެންނަން ހުއްޓަސް، ޖިނާއީ ދައުވާއެއް ކުރެވޭނެ ވަރުގެ ކަމެއް ފެންނާކަށް ނެތެވެ. ގަވާއިދާ ޚިލާފް ކަމެއް ކަމަށް ބުނެ އޭސީސީގެ ރިޕޯޓުގައި ފާހަގަކުރި ބައެއް ކަންކަމަކީ އާންމު އުސޫލުން ވެސް އޮފީސްތަކުގައި އަމަލުކުރާ ކަމެއް ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"ނުލިބޭ އެއްޗެއް ލިބުނު ކަމަށް ދެއްކުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. އެއީ ގޯހެއް. އެކަމަކު އެއީ މިދަންނަވާހެން ރިޕޯޓުގައި އޮތީ މުޅި ރާއްޖޭގައި އެކަން ކުރަނީ އެހެންނޭ. ސެޕް ސިސްޓަމް އޮންނަނީ. ދެން މިގޮތަށް އަމަލު ކޮށްގެން ހެލްތު މިނިސްޓްރީގައި ހުންނަ މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރަންވީހޭ؟" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭސީސީގެ ތަހުގީގު ރަނގަޅަސް އަދި ގޯހަސް، ދައުވާ ނުކުރަން ނިންމީ އޭސީސީން ފޮނުވި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. އަދި ޕީޖީ އޮފީހަކީ ތަހުގީގީ އިދާރާތަކުން ފޮނުވާހާ މައްސަލަތަކެއް ކޯޓުތަކަށް ވައްދާ "ޕޯސްޓް އޮފީހެއް" ނޫން ކަމަށް ވިދާޅުވި އެވެ. އެކަމަކު ވެންޓިލޭޓަރުގެ މައްސަލާގައި ގޯސްތަކެއް ހިިނގާފައި ހުރި ކަން އޭނާ ވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު އެފަދަ ކަންކަމަށް ފިޔަވަޅު އެޅުމުގެ ބާރު އޮންނާނީ އެހެން މުއައްސަސާތަކަށް ކަމަށް ޕީޖީ ވިދާޅުވި އެވެ.

"ކަން ހިނގާފައި އޮވެދާނެ. އެއީ މުޅިން އެހެން ކަމެއް. ކަމެއް ހިނގާފައި އޮތުމާއި އަޅުގަނޑުމެންނަށް ސާބިތުކޮށް ދެވޭ ކަންތައްތަކަކީ އެއީ މުޅިން ދެ ކަމެއް. އަޅުގަނޑުމެން މި އޮފީހަށް އައިމަ ބަލަނީ ކޮން ކަމެއްތޯ ސާބިތު ކޮށްދެވޭނީ،" ޝަމީމް ވިދާޅުވި އެވެ.

އޭސީސީގެ ތަހުގީގު ފުރިހަމަކަމަށް ނުވަތަ ނޫން ކަމަކަށް ޕްރޮސެކިއުޓާ ޖެނެރަލް ސީދާ ވިދާޅެއް ނުވެ އެވެ. ނަމަވެސް އެ މައްސަލަ ޕީޖީ އޮފީހަށް އޭސީސީން ފޮނުވީ ތަހުގީގު މަރުހަލާގައި ޑިއުޓީ ޕްރޮސެކިއުޝަންގެ ތެރެއިން އެ އޮފީހާ މަޝްވަރާ ކުރަމުން ދިއުމަށް ފަހު ކުއްލި ގޮތަކަށް ކަމަށް އޭނާ ވެސް އެއްބަސްވެވަޑައިގަތެވެ. ޑިއުޓީ ޕްރޮސެކިއުޝަން ކުރިއަށް ދަނިކޮށް މިހާތަނަށް އެއްވެސް މައްސަލައެއް ދައުވާކުރަން އެދި ޕީޖީއަށް ފޮނުވާފައި ނުވާ ކަމަށް ވެސް، ޝަމީމް ވިދާޅުވި އެވެ.

"ވަކި ނިޒާމެއްގެ ތެރެއިން ޝެޑިއުލް ކޮށްގެން ކުރެވޭ ކަމެއް އެކަމަކީ. އަޅުގަނޑުމެންގެ ޝެޑިއުލްގައި އެބައިން ނުނިމި. ޑިއުޓީ ޕްރޮސެކިއުޝަން ފަށާފައި އޭތި ނިންމަން ޖެހޭނެ. އޭތި ނުނިމި އޮތީ. އޭގައި އެބަ އުޅޭ ކުޑަކުޑަ ކަމެއް. ވިސްނާލަން ޖެހޭ ކަމެއް،" އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ތަފުސީލެއް ދެއްވަމުން ޝަމީމް ވިދާޅުވި އެވެ.

"ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ފަށާފައި އެ މަރުހަލާ ނުނިންމާ މައްސަލަ ފޮނުވިދާނެތޯ؟. އެއީ މުޅިން އަލަށް ދިމާވި ކަމެއް."

އެއްވެސް ބަޔަކަށް ދެބަސްވެވެން ނެތް ކަމަކީ ވެންޓިލޭޓަރުގެ މައްސަލާގައި ކޮންމެވެސް ހިސާބަކުން ބަޔަކު ގޯސްތަކެއް ހަދާފައި ހުރި ކަމެވެ. އެއީ ގަސްދުގައި ކަަމަށް ވިޔަސް އަދި ނުވިޔަސް މެ އެވެ. ޖިނާއީ ކުށެއް ސާބިތުވާ މިންވަރުގެ ހެއްކެއް ނެތް ކަމަށް ކަނޑައަޅައި، ދައުވާއެއް ކުރެވެން ނެތުމަކީ އެ މައްސަލައަށް ފަސް އެޅެން ޖެހޭ ސަބަބެއް ވެސް ނޫނެވެ. ގާނޫނާއި ގަވާއިދުގެ ތެރެއިން ވިޔަސް، ގޯހެއް ވާނީ ގޯހަކަށެވެ.