Roadha Mihaaru
ފުރަތަމަ ތިން މަހު އެންމެ ގިނައިން އެތެރެކުރީ މާސްކް

ފުރަތަމަ ތިން މަހު އެންމެ ގިނައިން އެތެރެކުރީ މާސްކް

24 މެއި 2020

މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެ އަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ފޭސް މާސްކް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެ އަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ފޭސް މާސްކް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އިން އާންމުކުރި މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި 4.9 މިލިއަން ފޭސް މާސްކް ރާއްޖެ އެތެރެ ކޮށްފައި ވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 1،100 ޕަސެންޓް އިތުރު އަދަދެކެވެ.

އެ ހިސާބުތައް ދައްކާ ގޮތުން ޒަރޫރީ ބޭނުމަށް ބޭނުންކުރާ މުދަލުގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން އެތެރެކުރީ ކާޑުގެ ބާވަތްތަކެވެ. އެ މުއްދަތުގައި 19،300 ޓަނުގެ ކާޑުގެ ބާވަތް ރާއްޖެ އެތެރެ ކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 34 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އަދި 47 މިލިއަން ބިސް އެތެރެ ކޮށްފައިވާއިރު، އެއީ ވެސް ނުވަ ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.

ކަސްޓަމްސް އިން ކުރި ޓްވީޓް

އެކަމަކު ފިޔާ އެތެރެކުރި އަދަދު އިތުރު ވެފައިވާ ނުވާއިރު އަލުވި އެތެރެކުރި އަދަދު މަދު ވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އެ މުއްދަތުގައި އެތެރެކުރީ 1،700 ޓަނުގެ އަލުވި އަދި 3،000 ޓަނުގެ ފިޔާ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހަށް ވުރެ ތެޔޮ އެތެރެކުރި މިންވަރު ވެސް އިތުރު ވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އެގޮތުން 24،000 ޓަނުގެ ޕެޓްރޯލާއި 157،000 ޓަނުގެ ޑީސަލް އެތެރެ ކޮށްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އެކަމަކު ކައްކާ ގޭސް އެތެރެކުރި މިންވަރު 21 ޕަސެންޓް ދަށްވެފައިވާ ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.

ފުރަތަމަ ތިން މަހު އެންމެ ގިނައިން އެތެރެކުރީ ފޭސް މާސްކް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާއިރު، ކޮވިޑް-19 އާ ގުޅިގެން އިމްޕޯޓް ޑިއުޓީ މައާފްކޮށް ދިން ތަކެތީގެ ތެރޭގައި ފޭސް މާސްކް ހިމެނެ އެވެ. އޭގެ އިތުރުން މެޑިކަލް އެހެން ބައެއް ސާމާނު ވެސް ޑިއުޓީ ވަނީ ކަނޑާލައިފަ އެވެ.