ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އިނާޔަތްތައް މުރާޖައާކުރަން ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
26 މެއި 2020
ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އިނާޔަތްތައް މުރާޖައާކުރަން ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
ކުރީގެ ރައީސުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތައް، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން މުރާޖައާކުރަން ފިނޭންސް މިނިސްޓްރީން އޮތީ މަޖިލީހުގައި ސިޓީއަކުން އެދިފަ އެވެ. އަދި ދައުލަތުން ޚަރަދުކުރާ ގޮތަށް ޕެންޝަންގެ އެއް ސްކީމަށް ވުރެ ގިނަ ސްކީމްގައި ބައިވެރިވެފައިވާ ފަރާތްތަކުން ކޮންމެވެސް އެއް ސްކީމެއް އިހްތިޔާރު ކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ވެސް ފިނޭންސްގެ އެ ސިޓީގައި އެދިފައިވެ އެވެ.
އެކަމަކު މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ލަފާ ދެއްވީ ކުރީގެ ރައީސުންގެ އިނާޔަތްތައް މުރާޖައާ ކުރުމާއި ޕެންޝަންގެ އެއް ސްކީމެއް އިހްތިޔާރު ކުރަންޖެހޭ ގޮތަށް ބަދަލު ގެނެވޭނީ ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ހުށަހަޅައިގެން ކަމަށެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި، އެ ދެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލް ހުށަހަޅަން ފިނޭންސް މިނިސްޓްރީ އަށް ޖަވާބު ދިނުމަށް މަޖިލީހުގެ ރައީސަށް އަންގަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އެ ހުށަހެޅުމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ތާއީދު ކުރެއްވުމުން އެ ހުށަހެޅުން ފާސްވީ އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ބައްދަލުވުމުގައި ކޮމެޓީގެ ބައެއް މެމްބަރުން ވަނީ ގާނޫނެއް އިސްލާހު ކުރަން ސިޓީއަކުން ނޭދެވޭނެ ކަން ފާހަގަ ކުރައްވައި، އެގޮތަށް ފިނޭންސް މިނިސްޓްރީން އެދުނީ ބަލަންޖެހޭ މިންވަރަށް ބެލުމެއް ނެތި ކަމަށް ވިދާޅުވެފަ އެވެ. އަދި މާލީ ކަންކަމާ ގުޅުންހުރި ބިލްތަކެއް އަމިއްލަ މެމްބަރުންނަށް ވެސް ހުށަނޭޅުއްވޭނެ ކަން ބައެއް މެމްބަރުން ފާހަގަ ކުރެއްވި އެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން އެއް ދައުރު ރައީސް ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 50،000ރ. ގެ އިނާޔަތެއް ދޭން ޖެހޭއިރު، އެއް ދައުރަށް ވުރެ ގިނަ ދުވަހުު ރައީސް ކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000ރ. ގެ އިނާޔަތެއް ދައުލަތުން ދޭންޖެހެ އެވެ. އަދި ދިރިއުޅުއްވާ ތަނުގެ ޚަރަދަށް އިތުރު 50،000ރ. ދިނުމުގެ އިތުރަށް މުޖްތަމައުއަށް ފައިދާހުރި މަސައްކަތެއް ކުރައްވާ ނަމަ، އޮފީސް ހިިންގުމުގެ ޚަރަދަށް ވެސް މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ދޭންޖެހެ އެވެ.
ކުރީގެ ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަދި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އޭގެ ތެރެއިން މައުމޫން ވަނީ ކުރީގެ ރައީސުންގެ އިނާޔަތްތައް ކުޑަކުރަން ތާއީދު ކުރައްވައިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންގެ އިތުރުން މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންގެ މުސާރަތައް ވެސް ތިން މަހަށް ވަނީ ކުޑަކޮށްފަ އެވެ.
ބަޖެޓްގެ ފުރަތަމަ ބަހުސް މަރުހަލާ ނިންމާލައިފި
މުސާރައިގެ ހޭދަ ބޮޑުވުމަކީ ގޮންޖެހުން"
"ގައުމު އޮތީ ބޮޑެތި އިނާޔަތްތައް ދެވޭ ހާލަތަކު ނޫން"
ހަރަދު ކުޑަކުރަން މުސާރަތަކާ ކުޅެން ކޮމިޓީން ދެކޮޅު
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
އޭޑީކޭއަށް 144 މިލިއަން ނުދީ އޮތް މައްސަލަ ސިއްރު
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު
"އާބާދީގެ 46 ޕަސެންޓަށް މުސާރަވަނީ ބޮޑުކޮށްދީފައި"
އާންމުކޮށް ހުޅުވާލައިގެން މާލީ ހާލަތު ކިޔައި ދެނީ!
އިގުތިސާދީ ހާލަތު ކިޔައިދޭން ބޭއްވި ކޮމިޓީ ސިއްރުކޮށްފި